ކުޅިވަރު

ގޯލް ނުޖެހުމުގެ މައްސަލާގައި މޮރީނިއޯއަށް ހައްލެއް ނެތް!

Apr 5, 2017

މެންޗެސްޓާ ޔުނައިޓަޑްގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގޯލް ނުޖެހުން ކަމަށާއި ގޯލް ނުޖެހުމުގެ މައްސަލައަށް އަންނަ ސީޒަންގައި ހައްލެއް ހޯދާނެ ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރިނިއޯ ބުނެފި އެވެ.

އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ރޭ ޔުނައިޓަޑް ކުޅުނު މެޗު ނިމުނީ، އެންމެ ފަހު ވަގުތު މެންޗެސްޓާއަށް ލިބުނު ޕެނަލްޓީއެއްގައި އިބްރޮހިމޮވިޗް ކާމިޔާބު ކުރި ލަނޑުން ނެވެ.

އެ ޕެނަލްޓީ އަކީ، އެވަޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެޓީމުގެ ޑިފެންޑަރު އެޝްލީ ވިލިއަމް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ވިލިއަމްސްގެ އަތުގައި ޖެހުމުން، އޭނާއަށް ވަނީ ރަތް ކަޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗުގައި، އެވަޓަންއަށް ލަނޑު ޖަހައިދިނީ މެޗުގެ 22 ވަނަ މިނެޓްގައި ފިލް ޖަގިއެލްކާ އެވެ.

ރޭގެ މެޗުގައި، ޔުނައިޓަޑަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ވެފައެވެ. ހާއްސަކޮށް، އިބްރޮހިމްވިޗަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލަން ޖެހެ އެވެ. މެޗު އެއްވަރުމުން މި މެޗަކީ ލީގްގައި ޔުނައިޓަޑް ބަލި ނުވެ ފުރިހަމަ ކުރި 20 ވަނަ މެޗެވެ.

"އަހަރެމެންނަށް ގިނަ ފުރުސަތު ތަކެއް ލިބޭ، ނަމަވެސް އަހަރެމެންނަށް އެދެވޭ ވަރަކަށް ގޯލެއް ނުޖެހޭ، ގޯލަށް އުފެއްދި ހަމަލާތަކުގެ ލިސްޓްގައި އަހަރެމެން އުޅޭނީ ދެ ވަނައިގައި، ނަމަވެސް ލިބުނު ފުރުސަތުތަކާ ބަލާފައި ޖެހުނު ގޯލް ތަކުން އަހަރެމެން އުޅޭނީ ފަހަތުން ތިން ވަނައިގައި، މިއިން އެބަ އަންގައިދޭ މައްސަލަ އަކީ ކޮބައިކަން، އަންނަ ސީޒަންގައި ވެސް ބަލި ނުވެ 20 މެޗު ފުރިހަމަ ކުރެވިދާނެ، ނަަމަވެސް މެޗުތަކުން މޮޅުވާން ބޭނުން ކަމަށްވަންނާ އަހަރެމެން އެބަޖެހޭ ގިނަ ގޯލް ތަކެއް ޖަހަން،" މޮރީނިއޯ ބުންޏެވެ.

ދެ ވަނަ ހާފުގައި، އިބްރޮހިމް ވިޗް ވަނީ، ބޮލުން އެވަޓަންގެ ގޯލް ތެރެއަށް ބޮޅަ ފޮނުވާލާފަ އެވެ. ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރި ކަމަށް ބަލައި، ލައިސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެން ނެވެ. ނަމަވެސް ރިޕްލައިން ފެންނަ ގޮތުގައި އިބްރޮހިމްވިޗް ހުރީ އޮފްސައިޑް ލައިންގައެއް ނޫނެވެ.

މޮރީނިއީ ވަނީ، އެ ލަނޑު ގޯލެއް ނޫން ކަމަށް ނުނިންމުމުން، ލައިސްމަން ގާތު އެޕީލް ކޮށްފަ އެވެ.

"ގޯލެއް ނޫން ކަަމަށް ނިންމީ ނުބައިކޮށް، އެކަމަކު އަހަރެން މިހުރީ އެކަމާ ހިތްހަމަ ނުޖެހިފައެއް ނޫން، އަހަންނަށް އެނގޭ އެ އޭންގަލުން އެ ނިންމުމަކީ އުނދަގޫވާނެ ނިންމުމެއްކަން. ނަމަވެސް އޭގެ ފަހުން ވެސް އަހަރެމެންނަށް އިތުރު ފުރުސަތު ތަކެއް ލިބުނު، ހަމަލާއެއް ދަނޑިއެއް އަމާޒުވި، ބޮލުން ފޮނުވާލި ބޯޅަވެސް މަތީ ދަނޑިގައި ޖެހުނު، ލިބުނު ހުރިހާ ފުރުސަތަކަށް އަހަރެމެން މަސައްކަތް ކޮށްފިން،" މޮރީނިއޮ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓާޑްގެ ކުޅުން ގޯސް ނޫން ކަމަށާއި ނަމަވެސް ލަނޑު ނުޖެހޭނަމަ އެއީ މައްސަލައެއް ކަމަށެވެ.