ކުޅިވަރު

އެހެން ކުލަބަކާ ހަވާލުވާނީ އެއް އަހަރަށް ފަހު: އެންރީކޭ

Apr 5, 2017

މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެ ކަން އިއުލާން ކޮށްފައިވާ ލުއިސް އެންރީކޭ އެއް އަހަރު ދުވަހު ކޯޗް ކަމާ ދުރުގައި ހުރުމަށްފަހު އަލުން ކުލަބަކާ ހަވާލުވާނެ ކަމަށް އޭނޭ ބުނެފި އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާވެސް ވަނީ، ބާސާގެ ކޯޗްކަން ދޫކޮށްލުމަށް ފަހު، އެއް އަހަރު ދުވަހު އަރާމު ކުރަން ކޯޗް ކަމާ ދުރުގައި ހުރެފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، އާސެނަލްގެ ކޯޗުގެ ގޮތުގައި، މިއަހަރު ކޮންޓްރެކްޓް ހަމަވާ، އާސެން ވެންގާގެ ބަދަލުގައި އާސެނަލްގެ ކޯޗް ކަމާ ހަވާލުވަނީ، އެންރީކޭ އެވެ.

ނަމަވެސް އެންރިކޭ އެވަނީ އަންނަ ސިޒަންގައި ޓީމެއްގެ ކޯޗެއްގެ ގޮތުގައި ނުފެންނާނެ ކަމަށް ބުނެފަ އެވެ. އެންރިކޭ ބުނީ އަލުން ކޯޗް ކަމަށް ނިކުންނާނީ، "ބެޓަރި ޗާޖް" ކުރުމަށް ފަހުގައި ކަމަށެވެ.

"އަހަރެން މި ދޫކޮށްލަނީ، އަހަރެންގެ ދެވަނަ ގެ، އެތަނަކާ އަހަރެން ވަރަށް ބޮޑަށް ގުޅިފައިވާ އެއްތަން، އެތަނުގެ ކުޅުންތެރިންނާ އަހަރެން ވަރަށް ބޮޑު ގުޅުމެއް އޮންނާނެ، ނަމަވެސް އަހަރެން ބާސާ ދޫކޮށްލަނީ މަސައްކަތުގައި ވަރު ބަލި ވެގެން،" އޭނާގެ ކޯޗް ކަމުގެ ދަށުން ބާސެލޯނާ އަށް ޗެމްޕިއަންސް ލިގާއި ސްޕެއިންގެ ދެ މުބާރާތް ދެ ފަހަރެއްގެ މަތިން ހޯދައިދިން އެންރިކޭ ބުންޏެވެ.

"އަހަރެން ބޭނުމީ އަރާމު ކުރަން، އެހެން ޓީމުތަކާ މެދު އަހަންނެއް ނުވިސްނަން، އަހަރެން ހޭދަ ކުރާނީ އެއް އަހަރު އަރާމު ކުރަން، ނަމަވެސް މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ މިސީޒަންގައި ކާމިޔާބު ކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން،"

ބާސެލޯނާ މިވަގުތު އޮތީ، ވާދަ ވެރި ރެއާލް މެޑްރިޑްގެ ފަހަތުން ތާވަލުގެ ދެ ވަނައިގަ އެވެ. އެންރިކޭގެ ބަދަލުގައި ޓީމާ ހަވާލުވާނެ ކޯޗަކީ ކޮބައިކަމެއް މިހާތަނަށް ބާސާއިން އިއުލާން ކޮށްފައެއް ނުވެ އެވެ.