ވިޔަފާރި

ތިލަފުށި މަގުގެ މަސައްކަތާ އެކު ވިޔަފާރިތަކުގެ އުންމީދު އާވެއްޖެ

Apr 6, 2017
4
  • މަގުގެ މަސައްކަތް ހަތަރު މަހުން ނިމޭނެ
  • މަގު ފުޅާކޮށް، ތާރު އަޅައި ޒަމާނީ ކުރާނެ
  • އިތުރު ހިދުމަތްތައް ދަނީ ތައާރަފު ކުރަމުން

ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް އޭރިއާ ގުޅާލުމުގެ މަސައްކަތް ފެށުމާއެކު އެ ރަށުގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިތަކުގެ އުންމީދު އާވެގެން ހިނގައްޖެ ކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްވަމުން ޓީސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ވިދާޅުވީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިއީ ދެވަނަ ފިޔަވަހި ހިއްކާފައި އޮންނަތާ ހަތް އަހަރުތެރޭގައި ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަމަށެވެ.

"މިހާރު ތިލަފުށީ އިންޑަސްޓްރިއަލް މަގު ގުޅުވައި ދޭން މި އޮންނަނީ ވަރަށް ހަނިމަގެއް. އެހެންވެ މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑު ދައްޗެއް ކުރިމަތިވޭ. ނަމަވެސް މި މަގުހެދުމުން އެކަން ހައްލު ވެގެންދާނެ،" ނާސިފު ވިދާޅުވި އެވެ.

ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް ޒޯން ގުޅާލުމުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަންއިންނެވެ. އެ މި މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ތާރު އަޅައިގެން ހަދާނެ އެވެ. މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ތާރު އަޅާނެ އެވެ.

ޓީސީއެލްގެ އެމްޑީ، ނާސިފު ވިދާޅުވީ މިމަގު ހަދަނީ ތިލަފުށީގެ މުސަތަގުބަލަށް ވެސް ބަލައިގެން ކަމަށެވެ. އިތުރު ހިދުމަތްތައް ތައާރަފު ކުރަން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ޕްރޮޖެކްޓަކީ ތަލަފުށީގެ ހަޔާތުގައި އިމްޕްލިމެންޓް ކުރާ އެންމެ ބޮޑު މަޝްރޫއު. ތިލަފުށި ކޯޕަރޭޝަނުން މި ދަނީ ވެލިއު އެޑްވާ ކަހަލަ މަސައްކަތްތަކެއް ކުރަން ފަށަން. މިގޮތުން އާ ކީވޯލްއެއް ރޭމްއަކާއެކު ހެދިއްޖެ. މިހާރު މިދަނީ އަލަށް ކްލިނިކެއް ގާއިމް ކުރަން މަސައްކަތް ކުރަމުން. މި މަސައްކަތް ދެ މަސްތެރޭ ނިމޭނެ،" ނާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިލަފުށީގެ އެންމެ ބޮޑު އަނެއް ދަތިކަމަކީ ޑޮމެސްޓިކް ޓްރާންސްޕޯޓުގެ ހިދުމަތްކަމަށާ، މި ހިދުމަތް ވެސް ދެ މަސް ތެރޭގައި ގާއިމްވާނެ ކަމަށެވެ.

"ވިޔަފާރިވެރިންނަށްވެސް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ. މަސައްކަތް މިދަނީ ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތް ވާ ގޮތުގެ މަތިން ޒަމާނީ ކަންތައްތަކެއް ގެންނަން މަސައްކަތް ކުރަމުން. ވިޔަފާރިވެރިންނަށް ވިޔަފާރި ކުރަން ސަރުކާރުން ގެނެސްދޭ ފަސޭހަތަށް ގެނެސް ދެމުން،" ނާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިލަފުށީގެ މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާ ކަމަށެވެ.

"އަލަށް ހިއްކި ސަރަހައްދުގައި އުޅޭ މީހުންނަށް ފެނާއި ކަރަންޓު ނުލިބޭ ކަމުގެ ޝަކުވާ ލިބޭ. ނަމަވެސް މިހާރު ތިލަފުށީގެ ހަރަކާތްތަކަށް ބަލައިލީމަ އެނގޭނެ. މި މަގު ހަދަން ފެށީމަ އިތުރު ވެއާ ހައުސިން އަންނަން ފަށައިފި. އޭގެ މާނައަކީ ދެން ވިޔަފާރިވެރިންނަށްވެސް ކޮންފިޑެންސް ލިބެމުން ދިއުން،" ނާސިފު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ގިނަ ވިޔަފާރިތަކުގެ ގުދަންތައް ހުރި ތިލަފުށީގައި 250 އެއްހާ ކުންފުނި މަސައްކަތް ކުރެ އެވެ. މީގެތެރޭގައި ސިމެންތި ފެކްޓްރީ އާއި ގޭސް ބަންދު ކުރާ ކުންފުނިތަކުގެ އިތުރުން ބޯޑު ބިލްޑިންގެ ހިދުމަތްދޭ ކުންފުނިތައްވެސް ހިމެނެ އެވެ.