މިއީ ޑާކް ރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް ކުރި އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތެވެ. މީގެ ދެ އަހަރު ކުރިން 2015 ވަނަ އަހަރު ޑާކްރެެއިން އެންޓަޓެއިންމަންޓުން ނެރުނު "އެންމެ ފަހު ވިންދާ ޖެހެންދެން" އަށް ފަހު ދިވެހި ފިލްމު އޯޑިއަންސްގެ ބޮޑު ފޭން ބޭސް އެއް އޮންނަ މި ސްޓޫޑިއޯ އިން ރޭ މިވަނީ އަނެއްކާވެސް އިތުރު ފިލްމެއް ރިލީޒްކޮށްފަ އެވެ. "މީ ލޯތްބަކީ" ނަމުގައި ރޭ ނެރުނު ފިލްމަކީ ރޮމޭންޓިކް ކޮމެޑީ އެކެވެ. ފިލްމު ބަލަން ރޭ ދިޔަ މީހުން ބުނަނީ އެއީ ރަނގަޅަށްވެސް ހެއްވައި މަޖާކޮށްލި ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ. ހެއްވާ މަޖާ އެތައް ކަމެއް ފެނިގެން ދިޔަ ކަމަށެވެ.
އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމް ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. މުހައްމަދު ޖުމައްޔިލް އާ އެކު މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މަރިޔަމް އައްޒަ އެވެ. އަދިވެސް ސަޕޯޓިންގެ ކާސްޓުންގެ ގޮތުގައި ގިނަ ބަޔަކު ފެނިގެންގޮސްފައިވެ އެވެ. މި ފިލްމާއެކު އަނެއްކާވެސް ޑާކްރެއިން އެންޓަޓެއިންމަންޓުންވަނީ އިތުރު އާ ތަރިންތަކެއް ފިލްމު އިންޑަސްޓްރީއަށް ތައާރަފްކޮށްފަ އެވެ.
މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މިދިޔަ މަހު ދޫކޮށްލާފައިވާއިރު އެތައް ހާސް ބަޔަކު ވަނީ އެ ބަލައި އެއަށް ތައުރީފްކޮށްފަ އެވެ. ގިނަ ބަޔަކަށް އޮތީ ފިލްމު ކަމުގޮސްފަ އެވެ. މީގެ އިތުރުން "ހީލާ ހަދާލަން" އަދި "ބީވީމާ" ނަމުގައި ހަދާފައިވާ ފިލްމުގެ ދެ ލަވަވެސް ވަނީ ބެލުންތެރިންނަށް ކަމުގޮސްފަ އެވެ. ފުރަތަމަ ތިން ޝޯގެ ޓިކެޓްތައް ވިކި ހުސްވެފައި ހުރުންވެސް އެކަމުގެ ހެއްކަކަށް ފުދެ އެވެ.
މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ނަމަވެސް މިދިޔަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދިން "ވާށޭ މަށާ އެކީ" އަށްވުރެ ތަފާތު ފިލްމެކެެވެ. ވާށޭ މަށާ އެކީ އަކީވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ފިލްމެކެވެ.
މީ ލޯތްބަކީގެ މަންޒަރުތައް ނަގާފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ. މި ފިލްމުގައި ހަ ލަވައެއް ހިމެނޭއިރު އެއީ ހުސް އަމިއްލަ ރާގުގެ ލަވަ ތަކެވެ.