(4 އޭޕްރީލް 2017 އާ ގުޅޭ) -- ހިތުގައި އަމީރުގެ މައްޗަށް އޮތް ނަފުރަތަށްވުރެ ނަފްސުގެ މައްޗަށް ވެރިވެފައި ބޮޑާކަން ރުބީނާގެ އިތުރުވެފައި ވެއެވެ. އޭނާ މިހާރު ބޭނުންވަނީ އަވަހަށް މައުރީނާއި ނިޔާނުގެ ގާތުގައި ޤައިސްގެ ވާހަކަ ދައްކާށެވެ. އަދި ޤައިސްއާ އިނދެގެން އެގެއިން ނުކުމެގެން ދާށެވެ. އަމީރުގެ ހިޔަނި ވެސް ނުފެންނާނެހާ ދުރަށެވެ.
މުޅި ރޭ އެކިއެކި ފޮނި ޚިޔާލުތަކުގައި އޮވެ ރުބީނާއަށް ނިދުނު އިރެއް އޭނާއަކަށް ނޭނގެއެވެ. ހޭލެވުނީ މެންދުރުވީ ފަހުންނެވެ. ދެން ވެސް ކޮޓަރިން ނުނިކުމެ އޭނާ އޮތީ މިހާރު ގޭތެރޭގެ މަސައްކަތްތައް އެއްގޮތަކަށް ވެސް އޭނާ ނުކުރާތީއެވެ. އަދި އޭނާ ނުކުރި ކަމުގައި ވިޔަސް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްފައި ހުންނާނެކަން އެނގޭތީ ވެސް މެއެވެ.
އަޞުރު ނަމާދުކޮށްލައިގެން އައިރާ ތައްޔާރުވަމުން ދިޔައީ ނިޔާނު އޮފީސް ނިންމާފައި އަންނަ ގަޑިއަށެވެ. ދެ މީހުން އެކުގައި ޑަކްޓަރަށް ދައްކަން ދާން ނިންމާފައި އޮތީމައެވެ. ރީތިވާ މޭޒު ދޮށުގައި އިނދެ އައިރާގެ ޝޯލް ރީތިކުރަމުން ދިޔައެވެ. އެވަގުތު މޭޒުމަތީ އޮތް އައިރާގެ ފޯނު ރިންގުވާންފެށިއެވެ. އަވަހަށް އައިރާ ފޯނަށް ބަލާލީ ނިޔާނަށް ވެދާނެތީއެވެ. ނަމަވެސް އޭނާއަށް ގުޅަނީ ލިޒީއެވެ. އެހިނދު ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެންދިޔައެވެ. ފޯނުކޯލަށް ޖަވާބު ދެމުން އައިރާ ތެދުވެގެން އައިސް ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރީ މަޑުކޮށްލިއެވެ.
"އިއްޔެ ވެސް ގުޅިން... އެކަމަކު ފޯނެއްނުނަގާ... ބުނާނެ އައިރާ މާލެ ދެވުނީމާ ފޮނިކަމުން ގުޅާ ވެސް ނުލައޭ" ހިނިއައިސްފައި ހުރެ އައިރާ އޭނާގެ އެކުވެރިޔާއަށް ބުނެލިއެވެ.
"ފޯނު ޑިސްޕްލޭ ތަޅައިގެން ގޮސްގެން ރޭގައި ފޯނެއް ގަތީ... އެހެންވެ ނޭނގުނީ"
"ކިހިނެއްވީ ފޯނުގެ ޑިސްޕްލޭ ތަޅާލީ... އަނެއްކާ ކުއްޖަކުދެކެ ރުޅި އައިސްގެން ފޯނުން ބޮނޑިއެއް އެޅީތަ... ލިޒީ ވިއްޔާ... އެހެން ވެސް ހަދާފާނެ"
"ސަކަރާތެއްގެ ތެރެއިން ފޯނު ވެއްޓުނީ... އައިރާ ހީނުކުރާވަރުގެ ޚަބަރެއް ދެންތަ؟" ލިޒީގެ އަޑުގައި ތަފާތުކަމެއް ހުރިކަން އައިރާއަށް ނަގައިގަނެވުނީ ދެނެވެ.
"މާލެ އަންނަނީތަ؟" އުފަލުން އައިރާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.
"އައިރާ އަހަރެންގެ ގާތަށް އަންނަން ޖެހޭ ވަރު ކަމެއް" ކަމުގެ ހަޤީޤަތް ފޮރުވަން އުޅޭހެން ލިޒީ ވާހަކަދެއްކިއެވެ.
"އެވަރުގެ ކަމެއް އެއީ ކޮންކަމެއް؟ ޖޮބު ލިބުނީތަ؟" އައިރާ ހައިރާންވިއެވެ.
"އަހަރެން ކުއްޖަކާ ރައްޓެހިވެއްޖައިން"
"ލިޒީތަ ރައްޓެހިވީ... އޯމައިގޯޑް... ހަމަތެދެއްތަ ނޫނީ ސަމާސާއެއްތަ؟" އައިރާއަށް ޤަބޫލު ވެސް ނުކުރެވުނެވެ. ލިޒީއަށް ކަމުދާ ފަދަ ފިރިހެން ކުއްޖަކާ މިހާ ދުވަހު ދިމާވި ކަމަކަށް ނުވެއެވެ. އެހެން ހުއްޓާ ކުއްލިއަކަށް ލިޒީ ކުއްޖަކާ ރައްޓެހިވުން ވީ އައިރާ އެ މީހަކާ މެދު ޝައުގުވެރިކަން އުފެދުނު ކަމަކަށެވެ.
"އެންމެ ފުރަތަމަ ވެސް މި ބުނީ ބެސްޓީ ކައިރީ... މަންމަމެންނަށް ކުޑަކޮށް ޝައްކުވޭ... އެކަމަކު އަދި ނާހާ އެއްވެސް ވާހަކައެއް... އަހަރެން ހަމަ ވަރަށް ސީރިއަސް"
"ކޮންނަމެއް ކިޔަނީ؟ ކޮންގެއަކު ކުއްޖެއް؟ ރަށު ކުއްޖެއްތަ؟ ކިހިނެއް ތި ދެ މީހުން ދިމާވީ... އަޅެ ކިޔައިދީބަލަ... އެއްވެސް ކަމެއް މިސްކޮށްލައިގެން ނުވާނެ... ހަމަ މިހާރު ކިޔައިދީ" އުފަލުން އިން އައިރާ ހުރިހާ ކަމެއް އެނގެން ބޭނުންވެފައި އިންކަން އޭނާ އެއްނޭވާއިން އަމުނާލި ސުވާލުތަކުން ލިޒީއަށް އެނގުނެވެ.
"މިރާން ކިޔަނީ..." ލިޒީ އޭނާގެ ލޯބިވެރިޔާއާ ދިމާވިގޮތް އައިރާއަށް ކިޔައިދިނެވެ. ދެ މީހުން ވެސް އެކަކު އަނެކަކަށް ފުރަތަމަ ފެނުނީ ސްކޫލު ދުވަސްވަރު ޕްރިފެކްޓު ބައްދަލުވުންތަކުންނެވެ. ދެން އެކިއެކި އަދަބީ ހަރަކާތްތައް ބާއްވާ ދުވަސްވަރުއެވެ. އެއް ސްކޫލެއްގައި ކިޔަވަމުން އައި ނަމަވެސް ލިޒީއާއި މިރާންއަކީ ދެ ސްޓްރީމެއް ކިޔަވަމުންދިޔަ ކުދީންނަށް ވުމުން ދެ މީހުން ބައްދަލުވުމުގެ ފުރުޞަތު ހަނިވެފައި އޮތީއެވެ. ނަމަވެސް މިރާން އައީ އޭރުއްސުރެ ލިޒީއަށް ފާރަލަމުންނެވެ. ލޯބި ހުށަހަޅާނެ ގޮތެއް ރާވާ ރަނގަޅު ދަނޑިވަޅަކަށް ބަލަމުންނެވެ.
ލިޒީގެ ވާހަކަތައް އަޑުއިވިފައި އައިރާގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. އޭނާ ހުރީ ލިޒީއާ ވަކިވެގެން އަންނަން ޖެހުމުން އެކުވެރިޔާއަށް ވާނޭ ގޮތަކާ މެދު ހިސާބަކަށް ކަންބޮޑުވެފައެވެ. ފެށުނީއްސުރެން ލިޒީގެ ޚިޔާލުތައް އަޑުއަހާ ރަނގަޅު ގޮތް ބުނެދެމުން އައީ އައިރާއެވެ. އެހެންވެ އެ ދެމެދުގައި އޮތް ގާތްކަން ކުއްލިއަކަށް ދުރުވުމުން ލިޒީގެ ނިންމުންތައް ހުންނާނެގޮތެއް ނޭނގޭތީ އެކަމާ އައިރާ ހާސްވީއެވެ. ނަމަވެސް މިއަދު އޭނާގެ އެކުވެރިޔާ ވެސް ދިރިއުޅުމައިގެން ކުރިއަށް ދާކަން އެނގިއްޖެއެވެ. ރަނގަޅު ވަޒީފާއަކަށް ކުރިމަތިލުމުގެ އިތުރުން ދިރިއުޅުމެއް ފަށަން ހަޔާތުގައި ދެބައިވެރިންނަށް ބޭނުންވާއިރު ފުރަތަމަ ފިޔަވަޅު ލިޒީ އެވަނީ ކުރިއަށް އަޅާފައެވެ. ގާތުގައި ހުރިނަމަ މިއަދު އުފަލުން ގޮސް އައިރާއަށް ލިޒީގެ ގައިގާ އޮޅުލައިގަނެވޭނެއެވެ.
"ދެން ކޮބާ އައިރާގެ އަޕްޑޭޓަކީ... ނިޔާނު މާލޭގައިތަ؟" ލިޒީ އަމިއްލަ ވާހަކަތައް ޚިއްޞާކޮށްލެވުމާއެކު އަހާލިއެވެ.
"މިވަގުތު މާލޭގައި... ބުނި ދެމަހެއްވަރު ފަހުންނޭ ދެން ދަތުރެއް ކުރިޔަސް ކުރާނީ"
"އެހެންތަ! އައިރާ! ނިޔާނު އެވަރަށް ރަށްރަށަށް ނުފޮނުވަބަލަ... ކިތަންމެ ރަނގަޅު މީހަކު ވެސް ސްޕޮއިލް ވެދާނެ... އަހަރެން ބޭނުމެއްނޫން ތި ދެ މީހުންގެ މެރިއޭޖް ފެއިލްވާކަށް... ނުލާހިކު ލޯބި ކަޕްލްއެއް ތީ"
"ސާބަސް ލިޒީ! އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު އޮންނަންވާނެ... ލިޒީއެއްނު އެ ފިލާވަޅު އަހަންނަށް ނަގައިދިނީ... ފުރަތަމަ ފަހަރަށް ނިޔާނާ ދުރުގައި ހުންނަން ޖެހުނީމަ ވަރަށް އުނދަގޫވި... ވަރަށް ފާޑުފާޑުގެ އެއްޗެހި ވެސް ހިތަށް އެރި... އެކަމަކު އެނބުރި އައީމަ ކުރިއަށްވުރެ ވެސް ލޯބި އިތުރުވެއްޖެހެން ހީވަނީ... ނިޔާނު ހާދަ ރަނގަޅޭ... އަހަރެން ހީ ވެސް ނުކުރަން އެފަދަ ރަނގަޅު ފިރިއަކު އަހަންނަށް ލިބިދާނެކަމަށް... ލިޒީ! އެނގޭތަ! ނިޔާނު މިހާރު ބޭނުންވަނީ ކުއްޖެއް ހޯދަން... އަހަރުމެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުއްޖަކު ހޯދަން ނިންމައިފިން... އޭރުން އެހާ އެކަނިވެރިއެއް ވެސް ނުވާނެއެއްނު ދޯ... ނިޔާނު ވެސް ގަސްދެއް ނުކުރޭ އަބަދު ރަށްރަށަށް އެގޮތަށް ދަތުރުކުރާކަށް... އަހަރުމެންގެ އަތްމަތި ތަންކޮޅެއް ރަނގަޅުވެލީމާ ނިޔާނު ބުނި އަމިއްލަ މަސައްކަތެއް ފަށަން ވިސްނާނަމޭ... ނިޔާނަކީ ދުރަށް ވިސްނާ މީހެއް... އަހަންނަށްވުރެ ބޮޑަށް ދިރިއުޅުމާ މެދު އޭނާ ވިސްނާ"
"އައިރާއާ ކައިވެނިކުރަން ނިންމި ހިސާބުން އަހަންނަށް އެނގުނު ނިޔާނަކީ ސުޕާ މީހެއްކަން... ބުނަން! އަހަންނަށް މާލެ ނުދެވުނަސް ތި ދެމީހުން ޖެހޭނެ ބޭބީއެއް ލިބުނީމަ އަހަންނަށް ދައްކާލަން މިކޮޅަށް އަންނަން... ހަނދާންނައްތާ ނުލައްޗޭ... އަހަރެން ބުނިން ދޯ މެރީ ކުރާނީ ތި ދެމީހުން މިކޮޅުގައި ތިބީމައޭ"
ލިޒީގެ ގާތުގައި އެތައް ވާހަކައެއް އައިރާ ދެއްކިއެވެ. އެ ދެމެދުގައި އެއްވެސް ކަމެއް ސިއްރުވެފައި ނުވެއެވެ. މައިދައިތަ އަދިވެސް އައިރާއާ މެދު ހިތްހަމަނުޖެހޭކަން ލިޒީ ގާތުގައި އޮތީ ބުނެފައެވެ. އެތައް އިރަކު ފޯނުން ވާހަކަދައްކަން ތިބުމަށްފަހު އެ ދިގު ކޯލު ނިންމާލިއެވެ.
އަވަހަށް ގެއަށް އަންނަން ނިންމައިގެން ހުއްޓެއްކަމަކު ނިޔާނަށް ގެއަށް އާދެވުނީ ފަހެއް ޖަހަން އުޅެނިކޮށެވެ. ތާޒާ ވެލައިގެން ދެމަފިރިން އެކުގައި ނުކުމެގެން އެޕޮއިންމެންޓް ހެއްދި ކުލިނިކަށް ދިޔައީ މާލޭގެ ބޮޑެތި މަގުތަކުގައި ނިޔާނުގެ ސައިކަލުގައި ދުއްވާލުމަށްފަހުއެވެ. ޑަކްޓަރު ބެލުމަށްފަހު ޓެސްޓުތަކެއް ހެދުމަށް ދިނެވެ. އެ ޓެސްޓްތަކަކީ ވަގުތުން ހެދޭ ޓެސްޓުތަކަކަށް ނުވާތީ ނަތީޖާ ޖެހިގެން އަންނަ ދުވަހު ލިބޭނެކަމުގައި ލެބޯރިޓްރީގައި ހުރި ސްޓާފް ބުންޏެވެ. ދެމަފިރިންގެ މޫނުމަތިން އުންމީދުގެ ހިނިތުންވުން ފާޅުވޭވޭ ހުއްޓެވެ. ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ދާނީ ރަނގަޅަށޭ އެކަކު އަނެކަކަށް ބުނާ ކަހަލައެވެ.
"އަހަރެން މާދަމާ މެންދުރު ބްރޭކަށް ގެއަށް އަންނަ މަގުމަތީ ރިޕޯޓު ނަގާނަން" އައިރާ ގޮވައިގެން ކުލިނިކުން ނުކުމެ ސައިކަލަށް އަރަމުން ނިޔާނު ބުންޏެވެ.
"މިރޭ ބޭރުން ދޯ ކާނީ... އައިރާ ތިހާ ރީތިވެލައިގެން ހުރީމަ ކުއްލިއަކަށް ޑިނާއަކަށް ދާހިތްވެއްޖެ" ނިޔާނުގެ ފަހަތަށް އައިރާ އަރާ އޭނާގެ އުނަގަނޑާ ދިމާލުގައި ހިފަހައްޓާލިއެވެ.
"އާން! ވަރަށް ދުވަސްވެއްޖެ ދެމީހުން އެކުގައި ބޭރަށް ނުދާތާ" އައިރާ އެއްބަސްވިއެވެ. އަދި ނިޔާނުގެ ގައިގާ ލައްވެލަމުން އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. ނިޔާނު ސައިކަލު ދުއްވާލީ ދާނެ ރެސްޓޯރެންޓަކާ މެދު ވިސްނަމުންނެވެ.
* * * *
ރުބީނާއާއި އޭނާގެ ރައްޓެހިން ތިބީ ރޭގަނޑުގެ ކޮފީއަކަށް އަރައެވެ. ހިދާ ވާހަކަދައްކަމުން ދިޔައީ އޭނާގެ ދަރިފުޅާ ބެހޭގޮތުންނެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއާ މެދު ހިތްހަމަނުޖެހުމުން އެ ދެމީހުން ދުރުކޮށްލެވުމުގެ އިތުރުން ހިދާ ބޭނުންވާ ކުއްޖަކާ އެ ދަރިފުޅު ގުޅުވުނީތީ އެކަމުގެ އުފާ އޭނާ ފާޅުކުރިއެވެ. ރުބީނާއާއި ޤައިސްގެ ވާހަކަ މޭޒުމައްޗަށް ހުށަހަޅާލީ ސަލްމާއެވެ.
"ދެން ގިނަ ދުވަހެއްނެތް... ރޫބީގެ ކައިވެނި ވާނެ ބޮޑު ކައިވެންޏަކަށް... ބުނަން ރޫބީ! ރަންކިޔަންވާނީ ފިސާރި އަގަކަށް. ޤައިސްގެ ހިތާ ހަމައަށް ރޫބީއަށް ތި ހުރީ ދެވިފައި... ބުނި ކޮންމެ އެއްޗެއް އޭނާ ރޫބީއަށް ދޭނެކަން މަށަށް ޔަގީން" ސަލްމާ ފޮނި ގޮތަކަށް ރޫބީއާ ދިމާކުރަމުން ވާހަކަދެއްކިއެވެ.
"ދުވަސްކޮޅަކުން ތި ކައިވެނި ވެވުނީމާ އަހަރުމެން ވެސް ޖެހޭނީ އެޕޮއިންމެންޓު ހައްދައިގެން ކަންނޭނގެ ރުބީގެ ފައިންޕުޅު ބަލަން އަންނަން" ހިދާ ހީނގަތެވެ. އޭނާއާ ސަލްމާ ވެސް ބައިވެރިވިއެވެ.
"ދެން ކަލޭމެން ވެސް ދޯ... ޤައިސްގެ ކަންތައް ކުރަން އަހަންނަށް ބާރުއެޅި ބަޔަކީ ތީ... އެކަން އަހަރެން ހަނދާނެއްނުނެތޭނެ... ޤައިސް ނޫން އެއަށްވުރެ ބޮޑު މަހުޖަނަކާ ގުޅެވުނަސް ކަލޭމެން ދެ މީހުންނަކީ އަހަރެންގެ އެންމެ ގާތް ރައްޓެހިން... އެކަމެއް ބަދަލެއް ނުވާނެ" ހިނިތުންވެލައިގެން އިން ރުބީނާ ބުންޏެވެ.
"ކީއްވެތަ ދެން ކުދީންގެ ގާތުގައި ތި ވާހަކަ ނުބުނެ ލަސްކުރަނީ" ހިދާ އެހިއެވެ.
"ރަނގަޅު ފުރުޞަތެއް ނުލިބެނީ... ނިޔާނު މިހާރު ކުރީގަ ގޮތެއްނޫން... ވަރަށް އަވަހަށް ހިތްހަމަނުޖެހޭ އަހަރެންދެކެ... ހުރިހާ ވެސް ކަމަކީ އޭނާގެ އަންހެނުން... އަހަންނަށް ޤައިސްއާ ކައިވެނި ކުރެވުނަސް އަހަރެންގެ ދަރީން އަހަރެން ބޭނުން... އަހަރެން ބޭނުންވަނީ ނިޔާނާއި މައުރީން މޮޅެތި މީހުންނަށް ހަދަން... އަމީރު ފަދަ ކަޓު މީހެއްހެން އެ ކުދީން ވާކަށް ބޭނުމެއްނޫން... ނިޔާނުގެ ކައިވެނި ކުރުވަން ބޭނުންވަނީ ރަނގަޅު އަންހެންކުއްޖަކާ... މިހާރު އޭނާ އެ އުޅެނީ ހާދަ ބުރަކޮށޭ... ދުވާލާއި ރޭގަނޑު ވެސް އޮފީހުގައި... ނުވިތާކަށް ރާއްޖެތެރެއަށް ވެސް އެކުއްޖާ އެ ދަނީ ދާންޖެހިގެން... މީހަކާ އިނަސް އެކުއްޖާގެ ދިރިއުޅުން ފަސޭހައެއްނުވި"
"ނިޔާނު އޭނާގެ އަންހެނުންނަށް އެހާ އިތުބާރު ކުރާއިރު އެ ދެމެދުގައި ކުންޏެއް ޖެއްސުމަކީ ފަސޭހަކަމެއްނޫން" ސަލްމާ ބުންޏެވެ.
"އިނދެގެން ތިބި ދެމީހުން ދުރުކުރަން އުނދަގޫވާނެ. އަހަންނަށް ފެންނަނީ މިހާރުއްސުރެން މައުގެ ކަންކަން ރޫބީ ބަލަން. އެކުއްޖާ ބޭނުންހާ މީހަކާ ގުޅެން ދޫކޮށްނުލާ ރޫބީ ބޭނުންވާ ފަދަ ދިރިއުޅުމެއް އެކުއްޖާއަށް ހޯދައިދޭން" ހިދާ އޭނާގެ ޚިޔާލު ހާމަކުރިއެވެ.
"އަހަރެން ހިތަށް އަރާ މާތްރަސްކަލާނގެ އެ ދެ މީހުން ދުރުވާވަރު ކަމެއް މެދުވެރިކުރައްވާނެނަމައޭ... މަގޭ ނިޔާނު ހަލާކުވުން ނޫންކަމެއް ނުވޭ... ހާދަ ފޫއްސެކޭ ވަނީ އެ އަންހެންކުއްޖާގަނޑު ފެންނައިރަށް"
"ރޫބީ! ރުޅިއަޔަސް ތިކަހަލަ އެއްޗެއް ނުބުނޭ" ހިދާ އިނދެފައި ބުންޏެވެ.
"ގޮތް ހުސްވީމާ ދެން ބުނެވޭނެ ދޯ" ރުބީނާ ތުންފިއްތާލީ ފޫހި ގޮތަކަށެވެ.
"މައުޟޫޢު ބަދަލުކޮށްލަމާ... މި ކޮފީ ވެސް ފިނިވެއްޖެ... ހިނގާ އެހެން އެއްޗަކަށް އޯޑަރު ދެމާ" ރުބީނާގެ ޠަބީޢަތް ރަނގަޅުކޮށްލުމަށް ސަލްމާ ވާހަކަދެއްކިއެވެ.
* * * *
މެޑިކަލް ރިޕޯޓުތައް ބަލާފައި ނިޔާނާއި އައިރާގެ ވެސް ދަރިން ލިބުމަށް ހުރަސް އެޅިދާނޭ ފަދަ މައްސަލަތަކެއް ނެތްކަމުގައި ޑަކްޓަރު ހާމަކުރިއެވެ. ކުއްޖަކު ހޯދަން ތައްޔާރުވުމުގެ ގޮތުން ޑަކްޓަރު ބައެއްކަހަލަ ވިޓަމިން ތަކާއި ދަރިމައިވުމަށް ބޭނުންވާނެ ފަދަ ބޭސްތައް އައިރާ ބޭނުން ކުރުމަށް ދިނެވެ. ދަރިއަކު ހޯދަން ނިޔާނާއި އައިރާ ބޭނުންވަނީ ވަރަށް ފުރިހަމައަށް އެކަމަށް ތައްޔާރުވެގެންނެވެ. ދެމަފިރިން ވެސް ދަރިއަކު ހޯދަން ބޭނުންވަނީ އެކަމަށް ދެ މީހުން ވެސް ބޭނުންވެގެން ތިބެއެވެ.
ރުބީނާ ސިޓިންރޫމުގައި އިނީ މައުރީންގެ ޓިއުޝަން ކުރިއަށް ދާތީއެވެ. އޭނާ ގޭގައި ހުރި ރެއަކަށްވާތީއާއެކު ޓިއުޝަން ޓީޗަރަށް އޭނާގެ ފީ ދޭން ޖެހިފައި އޮތުމުންނެވެ. އެހެން އިންދާ އޭނާގެ ފޯނަށް އާދިލް ގުޅިއެވެ. ނަމަވެސް ރުބީނާ ފޯނެއް ނުނެގިއެވެ. އޭނާ ލަންކާއިން އެނބުރި އައިފަހުން އާދިލު ގުޅި އަދަދު ވެސް ރުބީނާއަށް ޔަގީންކުރަން ނޭނގެއެވެ. އެތައް ކޯލަކާއި އެތައް މެސެޖެއް އާދިލު ކޮށްފިއެވެ. އެހެންނަމަވެސް ރުބީނާ އޭނާއަށް ޖަވާބެއް ދޭން ބޭނުންނުވަނީ އާދިލުގެ ބޭނުން ފުދި މިހާރު އޭނާއަށް ރުބީނާ ބޭނުންނުވާތީއެވެ.
"ރޫބީ ތިހެން ކަންތައްކޮށްފާނެއެކޭ އަހަރެން ކުޑަކޮށް ވެސް ހީނުކުރަން... އަހަރެން ކިހާ ވަރަކުން ރޫބީއާ ހެދި މި އުޅެނީ... ކޮންމެހެން ކުރިހާ ޚަރަދެއްގެ ވާހަކަ ގޮވާކަށްނޫން މި މެސެޖު ކުރަނީ... އަހަރެން ވެސް މީ އިންސާނެއް... އަހަރެން ރޫބީއާ ސަމާސާއެއް ނުކުރަން... އެކަމަކު ރޫބީ ހީވަނީ ފެށުނީއްސުރެން އަހަންނާ ނުބައި ސަމާސާއެއް ކުރަނީހެން... ބޭނުންވީމާ އައިސްފައި ބޭނުންނެތުނީމާ އަހަރެން މީ ހުރި މީހަކަށް ވެސް ނުވޭ" އާދިލު ކޮށްފައި އޮތް މެސެޖު ރުބީނާ ކިޔާލިއެވެ. އަދި ތުންއަނބުރާލީ ވީ ފޫއްސަކުންނެވެ.
"އެ ހުރިހާ ޚަރަދެއް ކުރީ ހިލެއަކު ނޫން" މީހަކަށް ނީވޭވަރަށް ރުބީނާ ކުދި ކިޔާލިއެވެ.
ރުބީނާ ހިތުން އޭނާ މިހާރު އެ ހުރީ އާދިލާ އެއްކޮށް ގުޅުން ކަނޑާލައިގެން ޤައިސްއަށް ހުސްވެގެންނެވެ. ޤައިސްއާއެކު ރޭގަނޑު ކާރު ދުއްވަން ދިއުމާއި އޭނާއާއެކު ރޭގަނޑުގެ ކެއުންތަކަށް ދިއުން އާންމުވެއްޖެއެވެ. ޤައިސް ވެސް ކުދިކުދި ހަދިޔާ ރުބީނާއަށް ދޭން ފެށިއެވެ. އެގޮތުން އެއްރޭ ރުބީނާ ޤައިސްއާއެކު ރޭގަނޑުގެ ކެއުމަކަށް ގޮސް ކެއުން ނިންމާފައި އެތަނުން ނުކުމެވުނީ އާދިލްގެ ކުރިމައްޗަށެވެ.
"ރޫބީ..." ހައިރާންވެފައި ހުރި އާދިލު ގޮވާލިއެވެ. އަދި ރުބީނާއާ އެކުގައި ހުރި މީހާއަށް ވެސް އާދިލު ބަލާލިއެވެ. ނަމަވެސް ރުބީނާ އަވަސްއަވަހަށް ފަނޑު ހިނިތުންވުމެއް އޭނާއާ ބަދަލުކޮށްލުމާއެކު ޤައިސްއާއެކު ހިނގައިގަތީ އެ ތަނުން ދުރަށް ދިއުމަށެވެ. އިސްޖަހާލާ ގެނައި ހަރަކާތްތަކުން ހީވީ އާދިލަށް ފިލަން ރޫބީނާ އުޅޭ ހެންނެވެ. އޭނާ ގޮސް ޤައިސްގެ ކާރަށް އަރަން ދެން އާދިލު ބަލަން ހުއްޓެވެ. -- (ނުނިމޭ)