އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީން ލީޑު ދަމަހައްޓައިފި އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ އެޑެން ހަޒާޑެވެ.
ޗެލްސީގެ ގޯލްކީޕަރު ތީބޯ ކޯޓުއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ވަނީ މެޗުގެ 26 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކޮށްފަ އެވެ.
އެކަމަކު މެޗުގެ 35 ވަނަ މިނިޓުގައި ހަޒާޑް ވަނީ ޗެލްސީ އަށް އަލުން ލީޑު ހޯދައިދީފަ އެވެ. ޗެލްސީގެ ޕެޑްރޯ އަށް ސިޓީގެ ފެނާންޑީނިއޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ހަޒާޑް ފޮނުވާލުމުން ސިޓީގެ ގޯލްކީޕަރު ކަބެލޭރޯ ދިފާއުކުރި އެވެ. އެކަމަކު ކަބެލޭރޯގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ހަޒާޑް ވަނީ ގޯލަށް އަމާޒުކޮށްފަ އެވެ.
މި މޮޅާއެކު ޗެލްސީން ވަނީ ތާވަލްގެ ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާގެ މައްޗަށް އޮތް ހަތް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފަ އެވެ. ސިޓީ އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރީ މެޗުގެ ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހިފަ އެވެ.
"އަހަރެން މި ބަލިކުރީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. އަހަރެން ގަބޫލްކުރާ ގޮތުގައި ސިޓީގައި އެހުރީ ދުނިޔޭގެ އެންމެ މޮޅު ކޯޗު. އެ ފެންވަރުގެ ޓީމެއް އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކޮންޓޭ ބުންޏެވެ.
މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗިން ކެރިއަރުގައި އެއް ޓީމެއްގެ އަތުން ލީގު ސީޒަނެއްގައި ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ގާޑިއޯލާ ބުނީ ސިޓީ އަށް ދިމާވި ހަމައެކަނި މައްސަލައަކީ ލިބުނު ފުރުސަތުތައް ބޭނުންނުކުރުން ކަމަށެވެ.
"ފުރުސަތުތައް ލިބުނު. އެކަމަކު މައްސަލައަކީ އަހަރެމެންނަށް އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުން. އެކަމަކު މި ޓީމުގެ ކުޅުންތެރިން މި ކުޅެނީ އަަހަރެން ބޭނުންވާ ސްޓައިލަށް. އެހެންވެ އަހަރެމެން މި ޓީމުގެ ކޯޗަކަށް ހުންނަން ބޭނުންވަނީ،" ގާޑިއޯލާ ބުންޏެވެ.