ކިޑްނީ ބަލީގެ މީހުންނަށް އެންމެ ޒަމާނީ ފަރުވާ ދިނުމަށް ހާއްސަކޮށްގެން ސްރީ ލަންކާގައި ހަދާ ހޮސްޕިޓަލަށް ޗައިނާ އިން އެހީވާން ނިންމައިފި ކަމަށް ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސޭނާގެ އޮފީހުން އިއްޔެ ބުނެފި އެވެ.
މި ހޮސްޕިޓަލް ހެދުމަށް ޗައިނާ އިން އެހީވާނެ ކަމުގެ ޔަގީންކަން ދެއްވީ ސިރިސޭނާ މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ކަމަށް ލަންކާގެ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ. ނަމަވެސް އެހީގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ލަންކާގައި ގާއިމުކުރަން ނިންމާފައިވާ މި ހޮސްޕިޓަލުން ކިޑްނީގެ ބަލިތައް ދެނެގަތުމުގެ އެންމެ ޒަމާނީ ލެބޯޓަރީގެ ހިދުމަތާއި ކިޑްނީގެ ބަލިތަކަށް ދޭ ޒަމާނީ ފަރުވާ ވެސް ލިބޭނެ އެވެ.
ޗައިނާ އިން ލަންކާ ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި ޕްރައިވެޓް ސެކްޓާގައި މިހާރަށް ވުރެ ބޮޑަށް އިންވެސްޓް ކުރުމަށް ރައީސް ޝީގެ އަރިހުން ރައީސް ސިރިސޭނާ އެދިވަޑައިގެންނެވި ކަމަށް ބަޔާނުގައިވެ އެވެ. އަދި ރައީސް ޝީ ވަނީ ލަންކާއާ އެކު އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހި ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޗައިނާ އާއި ލަންކާއާ ދެމެދު ހާއްސަ ވާހަކަތަކެއް ކުރިއަށް މި ދަނީ ލަންކާގެ ވެރިކަން ބަދަލުވުމާ އެކު، ލަަންކާގެ ކުރީގެ ސަރުކާރުން ޗައިނާގެ އެހީ އަށް މާބޮޑަށް ބަރޯސާވެފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގަ އެވެ.