ވިޔަފާރި

ރަންވޭ ހުޅުވުމާ އެކު ސްރީލަންކަންގެ ދަތުރުތައް އިތުރުކޮށް އަގުހެޔޮކޮށްފި

Apr 6, 2017
1

ލަންކާ އެއާޕޯޓް މަރާމާތު ކުރަން ފްލައިޓް މަދު ކުރުމާ ގުޅިގެން ރާއްޖެއަށް މަދުކުރި ސްރީލަންކާ އެއާލައިންގެ ދަތުރުތައް އިތުރުކޮށް، މާދަމާ އިން ފެށިގެން އަގު ވެސް ހެޔޮވާނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސް އިން ބުނެފި އެވެ.

ސްރީލަންކާގެ މައި އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް މިއަދު އެ އެއާޕޯޓްގެ ރަންވޭ ވަނީ ހުޅުވައި، ކުރިއެކޭ އެއްގޮތަށް އޮޕަރޭޝަންތައް ފަށައިފަ އެވެ.

ސްރީލަންކާ އެއާލައިންގެ ރާއްޖޭގެ ޖެރެނަލް ސޭލްސް އެޖެންޓް، އިނަ މޯލްޑިވްސްގެ ޑިރެކްޓަރު އަބްދުﷲ ގިޔާސް "އަވަސް" އަށް ވިދާޅުވީ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް އާއްމުކޮށް ހިދުމަތް ފެށުމާއެކު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް އާއްމު އުސޫލުން ފަށާފައިވާ ކަމަށެވެ.

"އެއާޕޯޓުގެ މަސައްކަތް ކުރާތީ ދުވާލަކު ބޭއްވި ދެ ފްލައިޓް. ނަމަވެސް މާދަމަ އިން ފެށިގެން ދުވާލަކު ހަތަރު ފްލައިޓް އޮންނާނެ،" އަބްދުﷲ ވިދާޅުވި އެވެ.

ބަންޑާނަރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ތަރައްގީ ކުރުމަށް މަސައްކަތް ކުރާތާ ހަ މަސް ދުވަސް ވެއްޖެ އެވެ. މި މަޝްރޫއުގެ ދަށުން ރަންވޭވަނީ 75 މީޓަރަށް ފުޅާކޮށްފަ އެވެ. ކުރިން އެ ރަންވޭގެ ފުޅާމިނަކީ 60 މީޓަރެވެ. ރަންވޭ ފުޅާ ކުރުމުން ކޮމާޝަލް އެންމެ ބޮޑެތި މަތިން ދާބޯޓްތައް ކަމަށްވާ އެއާބަސް އޭ 380 މަރުކާގެ މަތިންދާބޯޓް ތަކަށް ވެސް އެ ރަންވޭ ބޭނުންކުރެވޭނެ އެވެ.

ބަންޑާނަރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ބަންދު ކުރުމާ ގުޅިގެން ސްރީލަންކާ އެއާލައިންސްގެ ފްލައިޓް މަދު ކުރުމާ ގުޅިގެން ޓިކެޓުގެ އަގުތައް 500 ޑޮލަރަށް އުފުލިގެން ދިޔަ އެވެ. ނަމަވެސް މިހާރު ސްރީލަންކާ ދެކޮޅު ޓިކެޓުގެ އަގު ވަނީ 285 ޑޮލަރަށް ވެއްޓިފަ އެވެ.

އިނަ މޯލްޑިވްސް އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަގުހެޔޮ ފެއާތަކެއް އިއުލާނު ކުރާނެ ކަމަށެވެ.

"ވަރަށް އަވަހަށް ހާއްސަ ފެއާއެއް އިއުލާނު ކުރާނަން،" އަބްދުﷲ ވިދާޅުވި އެވެ.

ރަންވޭ ފުޅާ ކުރުމުގެ އިތުރުން ބަންޑާނަރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ގެނައި އަނެއް ކުރިއެރުމަކީ ނެދަލޭންޑްގައި އުފައްދާފައިވާ ލެޑް ބަލްމް ތަކަކަށް އެތަނުގެ ލައިޓިން ސިސްޓަމް ބަދަލުކުރުމެވެ. އެހެންވެ ރަންވޭގެ އަލިތަކަށް ހޭދަވާ ހަކަތަ 80 ޕަސެންޓަށް މަދުކުރެވޭނެ ކަމަށް ލަންކާގެ މިނިސްޓްރީ އޮފް އެންޑް ސިވިލް އޭވިއޭޝަނާ ހަވާލާދީ "ދަ ސަންޑޭ ޓައިމްސް" ނޫހުން ބުންޏެވެ.