ވިޔަފާރި

ރެއިންބޯއިން ހުޅުމާލޭގައި ހަދާ 136 އެޕާޓްމަންޓްގެ މަސައްކަތް ފަށައިފި

ރެއިންބޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ސިންހަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރަތްކުރާ "ރެއިންކްރެސްޓް ރެސިޑެންސް" ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓައިފި އެވެ.

ހުޅުމާލޭގައި އިމާރަތްކުރާ ރެއިންކްރެސްޓް ރެސިޑެންސް އަކީ ރެއިންބޯ ކޮންސްޓްރަކްޝަން އާއި އިންޑިއާގެ ކުންފުއްޔެއް ކަމައްވާ ސިންހަލް އިންޖިނީއަރިން ގެ ޖޮއިންޓް ވެންޗާ ކުންފުނި ރެއިންބޯ ސިންހަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓެކެވެ. ޒަމާނީ ފެންވަރަށް އިމާރާތް ކުރާ މި ރެސިޑެންސް ގައި 14 ބުރީގެ ދެ ބިލްޑިންގް އިމާރަތް ކުރަންވަނީ ހަމަޖެހިފަ އެވެ.

މި ފްލެޓްތައް އިމާރަތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮއް ފެއްޓުމަށް މިއަދު އާޓް ގެލެރީ ގައި ބޭއްވި ހަފްލާގައި ރެއިންބޯ ކޮންސްޓްރަކްޝަން ގެ ޑިރެކްޓާ މާޒިން އިބްރާހިމް ރަފީގް ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނި ތަކުގެ ތެރެއިން ރެއިންބޯ ކޮންސްޓްރަކްޝަން މި ޕްރޮޖެކްޓް ގައި ޕާޓްނާ އަކަށް ހިޔާރު ކުރެއްވީ ސިންހަލް އިންޖިނިއަރިން ނަށް ޝުކުރު ދަންނަވާފަ އެވެ. އަދި މި ޖޮއިންޓް ވެންޗާގެ ދަށުން އިތުރު ޕްރޮޖެކްޓްތައް ހިންގާނެކަމަށް މާޒިން އިބްރާހިމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ކުންފުނިތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ދެ ގައުމުގެ ކޮންސްޓްރަކްޝަން ސެކްޓާ ކުރިއަރާނެ ކަމެއް ކަމަށެވެ.

މި ޕްރޮޖެކްޓް ގެ ދަށުން 136 އެޕާޓްމެންޓް ވިއްކުމަށް ހަމަޖެހިފައިވާއިރު މި އެޕާޓްމެންޓްތައް ގަންނަން ބޭނުންވާ ފަރާތް ތަކަށް އެ ފުރުސަތު ވަނީ މިދިޔަ މަހު ހުޅުވާލާފަ އެވެ. އަދި އަމަލީ މަސައްކަތް ފަށާތާ 24 މަސްތެރޭ މި މަޝްރޫއު ނިންމާނެކަމަށް ރެއިންބޯއިން ބުންޔެވެ.