ވިޔަފާރި

މުތާފުށި ހުޅުވަނީ މޫދު އަޑީގެ ރެސްޓޯރެންޓަކާއި ފްލޯޓިން ސިނަމާއަކާއެކު

Apr 9, 2017
  • ރިސޯޓު ހިންގާނީ ސެންޓާރާ ގްރޫޕުން
  • ހުޅުވަނީ އަންނަ އަހަރުގެ ފަހުކޮޅު
  • ރިސޯޓުގައި 77 މޫދު ވިލާ ހުންނާނެ

މޫދު އަޑީގެ ރެސްޓޯރެންޓަކާއި ފްލޯޓިން ސިނަމާއެކާއެކު އަންނަ އަހަރު ހުޅުވާ، މުތާފުށި ރިސޯޓު އޮޕަރޭޓްކޮށް ހިންގަން ފަށަން، މަޝްހޫރު ސެންޓާރާ ގްރޫޕާ ހަވާލުކޮށްފި އެވެ.

ސެންޓާރާ ގްރޫޕުގެ ހަތަރު ވަނަ ރިސޯޓުގެ ގޮތުގައި ހިންގަން ފަށާ، ބ. މުތާފުށި ރިސޯޓު އެންޑް ސްޕާގެ މެނޭޖުމަންޓް އެއްބަސްވުމުގައި ސަންޓާރާ ހޮޓެލް އެންޑް ރިސޯޓުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ތިރިއަވުތް ޗިރަތިވަތް އެވެ. އަދި މި ރިސޯޓު ތަރައްގީކުރާ މޫފުށި އޮރިއަންޓް އިންވެސްޓްމަންޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ހަމީދު އެވެ.

"އެޗްއެން ހޮސްޕިޓާލިޓީ ނެޓް"ގައި ވާ ގޮތުން ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި މާކެޓަށް ނެރޭ، މުތާފުށި ރިސޯޓުގައި 24 އެއްގަމު ވިލާ އާއި 77 މޫދު ވިލާ ހުންނާނެ އެވެ. އަދި މިތަނުގައި މޫދު އަޑީގެ ރެސްޓޯރެންޓެއްގެ އިތުރުން ފްލޯޓިން ސިނަމާއެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ތައި ސްޕާ ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް ހިމެނެ އެވެ.

މި ރިސޯޓުގެ ސޮފްޓް އޯޕަނިން އޮތީ އަންނަ އަހަރުގެ ފަހު ކޮޅު އެވެ. އަދި ރިސޯޓު ރަސްމީކޮށް ހުޅުވާނީ އަންނަ 2019 ވަނަ އަހަރު އެވެ.

ސެންޓާރާ ހޮޓެލް ގްރޫޕަކީ ތައިލެންޑުގެ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. މި ކުންފުނިން ތައިލެންޑުގައި 37 ހޮޓަލެއް ހިންގަ އެވެ. އަދި ސެންޓާރާ ގްރޫޕުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ.