ހަބަރު

50 މިލިއަން ޑޮލަރު ދިނަސް އިދިކޮޅަކާ ނުގުޅޭނަން: މުހަންމާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ދެކޮޅުވުމަކީ ރައްޔިތުން ތަމްސީލު ކުރާ ދާއިރާއަށް އިހުމާލުވުން ކަމަށާއި 50 މިލިއަން ޑޮލަރު ދިން ނަމަވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ (މުހަންމާ) ވިދާޅުވެއްޖެ އެވެ.

މުހަންމާ މިހެން ވިދާޅުވީ އެމަނިކުފާނު ވެސް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރަން އުޅުއްވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިގެން އުޅޭތީ އެވެ.

އެވާހަކަތަކާ ގުޅިގެން މުހައްމާ "އަވަސް"އަށް ވިދާޅުވީ ޕީޕީއެމްއާ ރައީސް ޔާމީންއާއެކު ސާބިތު ކަމާއެކު ހުންނަވާނެ ކަމަށާއި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ޕީޕީއެމް ބައިބައިކޮށްލުމުގެ ނިޔަތުގައި ބަޔަކު ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ފައިސާއާއި އެކި ގޮތްގޮތަށް ރިޝްވަތު ދީގެން މެންބަރުން ގަތުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެ ފައިސާގައި ހިފުމަކީ އެ މެންބަރަކު ތަމްސީލު ކުރާ ދާއިރާއަށް އިހުމާލުވުން ކަމަށް މުހަންމާ ވިދާޅުވި އެވެ.

"އެހެން ޕާޓީއަކަށް ނުވަތަ އިދިކޮޅު ފަރާތަށް ގުޅުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން. ރަށަށާއި މުޅި ރާއްޖެއަށް ތަރައްގީއަށް ވިސްނާ މީހެއް ނަމަ އިދިކޮޅަކާ ނުގުޅޭނެ. 50 މިލިއަން ޑޮލަރު ދިނަސް އިދިކޮޅު ފަރާތްތަކާ އަޅުގަނޑު ނުގުޅޭނަން. މިހާރު މި ދެކެވޭ ވާހަކައަކީ އިދިކޮޅުގައި ތިބި މީހުން ވަރުބަލިވީމަ ދައްކާނެ ވާހަކައެއް ނެތިގެން ފަތުރާ ވާހަކަތަކެއް. އަޅުގަނޑު މިހުރީ ރައީސް ޔާމީންއާ އެކު ވަރަށް އިހްލާސްތެރި ކަމާއެކު،" މުހަންމާ ވިދާޅުވި އެވެ.

މުހައްމާ ވިދާޅުވީ ސަރުކާރު ތަމްސީލު ކުރައްވާ އެއްވެސް މެންބަރަކު އިދިކޮޅު ފަރާތްތަކާ ގުޅެން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި ރައްޔިތުންނަށް ހެޔޮ އެދޭ ނަމަވެސް އިދިކޮޅު ފަރާތްތަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލާގައި ޕީޕީއެމްގެ އިތުރު މެންބަރުންތަކެއް އިދިކޮޅާ އެއްބައި ނުވާނެ ކަމަށާއި އޭގެ ބަދަލަށް އެމްޑީޕީގެ މެންބަރުން ސަރުކާރާ އެއްކޮޅަށް އަރާނެ ކަމަށް ވެސް މުހަންމާ ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާއަށް މުހަންމާ ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓަކުންނެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.