ފިނިޕޭޖް

ގެއްލިދާނެތީ ހާސް ނުވޭ، ފަރަޝް ހުރީ "އުދުހެން" ތައްޔާރަށް

ކޮންމެ ބައިވެރިޔަކު ކެޓިޔަސް އެ ކަޓާ ބައިވެރިޔަކަށްވުރެ ގިނައިން ވެސް ރޮނީ ރޭ މޯލްޑިވިއަން އައިޑޮލް ދޫކޮށްލަން ޖެހުނު އަހްމަދު ފަރަޝް އެވެ. އެއްވެސް ބައިވެރިޔަކު ކެޓުމަކީ ފަރަޝް އެންމެ ދެރަވާ ކަމެވެ. ކޮންމެ ރެއަކު ވެސް ފަރަޝްގެ ރުއިން ހުއްޓުވާލަން ޖެހެނީ އެތައް ބަޔަކު ހިތްވަރު ދީގެންނެވެ. އެއީ ބައިވެރިންނަށް ފަރަޝްގެ އޮތް ލޯތްބެވެ. އިހުތިރާމެވެ.

އެންމެ ދެކެ ލޯބިވާ ފަރަޝްއަށް ވެސް މިވަނީ ވަކިވާން ޖެހިފަ އެވެ. ނަމަވެސް ރޭ ފަރަޝްގެ ފަރާތުން ފެނުނީ ތަފާތު މަންޒަރެކެވެ. ރެއަކީ ފަަރަޝް އެންމެ މަދުން ރުއި ރެ އެވެ. ފަރަޝްގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ހިތްވަރެކެވެ. އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނަސް އެ ނިމުނީ ނޫން ކަމަށް ފަރަޝް ވަނީ އަޒުމު ކަނޑައަޅާފަ އެވެ.

އައިޑޮލްއަކީ ފަރަޝް ހަމަ ފެށުމެވެ. ހާސް ނުވާށެވެ. ފަރަޝްގެ ސަޕޯޓަރުންނަށް އޭނާ ނުގެއްލޭނެ އެވެ. ވަރަށް ލޯބިލޯބި ލަވަތަކަކާއެކު ފަރަޝް ވަރަށް އަވަހަށް ބައްދަލުކުރާނެ އެވެ.

"ފޭނުންނަށް ބުނެލަން އޮތް އެއްޗަކީ ފަރަޝް ގެއްލިދާނެތީ ހާސްވެގެން އުޅޭކަށް ނުޖެހޭނެއޭ، ފަރަޝް އިރާދަކުރެއްވިއްޔާ ދާނީ ހަމަ އުދުހިފަ ކުރިއަށޭ، ހަމަ ހުރިހާ ފޭންނުންނަށް ވެސް ކަމުދާ ކަހަލަ ލޯބި ލަވަތަކެއް ނެރޭނަމޭ،" އަވަސްއަށް ދިން އިންޓަވިއުގައި ފަރަޝް ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މިތަނުން ނިކުމެގެން ދާ ގޮތަށް ވެސް ފަރަޝް ސްޓާޓް ކުރާނީ އަމިއްލަ ރާގުތައް، މިހާރު ވެސް އެބައިން 12 ސޯންގް ނިމިފަ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެންނާނެ،"

އައިޑޮލްގެ ދަތުރަށްފަހު "އުދައްސައިގަންނަން" ތައްޔާރަށް ހުރި ފަރަޝްއަށް ނިމިގެން ދިޔަ ދަތުރަކީ ވަރަށް ސަޅި ދަތުރެކެވެ. އައިޑޮލްގެ ދަތުރަކީ އޭނާ ގިނަ ކަންތައްތަކެއް ދަސްވެ، އެކުވެރިންތަކެއް ލިބުނު ދަތުރެކެވެ. ފަރަޝް އެދެނީ ވެސް އެ އެކުވެރިންނަށް ކާމިޔާބީއަށެވެ. އެ އެކުވެރިންގެ ފަހަތުގައި އަބަދުވެސް ހުންނާނެ ކަމަށް ފަރަޝް ބުންޏެވެ.

"އައިޑޮލަކީ ފަރަޝްއަށް ވަރަށް ސަޅިކޮށް ދިޔަ އެއްޗެއް، މި ހިސާބަށް އާދެވުނީމަ ވަރަށް ހެޕީ ވެސް ވި، ދެން ފަރަޝް ބޭނުން މި ދަނޑިވަޅުގައި ކުރިއަށް މި ދާ ކުދިންނަށް އެއްޗެއް ބުނެލަން، ދާށޭ ކުރިއަށް، ފަރަޝް ވެސް އިންނާނަމޭ ތި ކުދިންގެ ފަހަތުގަ،" ފަރަޝް ބުންޏެވެ.

ފަރަޝްއަކީ ޝޯގެ އެއް ފޭވަރިޓްގެ ގޮތުގައި މި ހިސާބަށް އައި ބައިވެރިއެކެވެ. ގަދަ އަށަކުން ޝޯއާ ވަކިވާން ޖެހުމަކީ އޭނާ ވަރަށް ދެރަވި ކަމެކެވެ. ނަމަވެސް އުފާވަނީ އެ ހިސާބަށް އާދެވުމުގައި އޭނާގެ ޓީމުން ކުރި މަސައްކަތްތައް ފެނިފަ އެވެ.

"ފަރަޝް ވަރަށް ދެރަވޭ، އެކަމަކު ވަރަށް އުފާ ވެސް ވޭ، ފަރަޝްގެ ޓީމް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ، ވަރަށް ސަޅި އެ ޓީމް ވޯކް، ވަަރަށް ލޯބި ދެން އެންމެން އެއްކޮށް އެއްކޮށް އުޅޭ ގޮތް،" ފަރަޝް ބުންޏެވެ.

އައިޑޮލްގެ ސްޓޭޖުން ފަރަޝް ފައިބައިގެން ދަމުން ވަނީ ޝޯގެ ޖަޖުންނަށާއި އައިޑޮލް ޓީމަށް އައި ޕީއެސްއެމްގެ މުޅި ޓީމަށް ވެސް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.