މިފަހަރުގެ މޯލްޑިވިއަން އައިޑޮލްގެ އެންމެ ވަރުގަދަ އެއް އަޑަށް އެ އަޑުވާނެ އެވެ. ޝޯގައި އެންމެ ކުރިއަށް ދިޔަ އަންހެން ބައިވެރިޔާ ވެސްމެ އެވެ. ނަމަވެސް ދެވަނަ އައިޑޮލްގެ ޓްރޮފީ އަންހެން ބައިވެރިޔަކަށް އުފުލާލެވުމުގެ ފުރުސަތު މިހާރު ނެތެވެ. ޝޯގައި ހުރި ހަމައެކަނި އަންހެން ބައިވެރިޔާ އައިޝަތު ޖައިޝާ މިވަނީ ރޭ ޝޯއާ ވަކިވެފަ އެވެ.
ގަދަ ހަޔަކުން ޖާގަ ނުލިބި ޖައިޝާއަށް ޝޯއާ ވަކިވާން ޖެހުނުއިރު އެ ދަތުރަކީ ޖައިޝާއަށް ވަރަށް ތަފާތު ދަތުރެކެވެ. އެންމެ ތަފާތަކީ އެތައް ގިނަ އާ ކަންތައްތަކެއް ދަސްވުމުންނެވެ. އާ އެކުވެރިންތަކެއް ލިބުމުންނެވެ. ދަތުރު ނިންމާލަން ޖެހުމުން ޖައިޝާ ދެރަވަނީ ވެސް އެހެންވެ އެވެ. އެކުވެރިންނާއި ސްޓޭޖް މަތިން ވަރަށް ބޮޑަށް މިސްވާނެ ކަމަށް ޖައިޝާ ބުންޏެވެ.
"މި ޖާނީއަކީ ވަރަށް ނިއު އެންޑް އެކްސައިޓިން ޖާނީއެއް، ވަރަށް ބައިވަރު ކަންތައްތައް ދަސްވެ އާ ކަންތައްތަކަށް ލޯ ހުޅުވުނު، ހުރިހާ މީހުންނާ އެއްކޮށް އުޅި، މި އައިޑޮލްގެ ބޮންޑް އަސްލު ވަރަށް ބޮޑަށް ފާހަގަކޮށްލަން،" އަވަސްއަށް ރޭ ޖައިޝާ ދިން އިންޓަވިއުގައި ބުންޏެވެ.
"މި ޖާނީ ދެން މިއޮތީ ނިމިފަ، އެންމެ ބޮޑަށް މިސް ވާނީ އެއްކޮށް އުޅުނު ބައިވެރިން، އެ ކުދިންތައް ވަރަށް މިސްވާނެ، އައިޑޮލް ފެމެލީ އަދި މެނޭޖްމެންޓް ވެސް ވަރަށް ސަޅި، ވަރަށް މިސް ވެސް ވާނެ، މި ސްޓޭޖް ވެސް، އެވްރީތިން، އައިއޭމް ގޮނަ މިސް އެމްރީތިން،"
އެކަމަކު ޖައިޝާއަށް މި ނިމުނީއެއް ނޫނެވެ. މިއީ ފެށުމެކެވެ. އާ ފެށުމެވެ. އެ ވަރުގަދަ އަޑު މިޔުޒިކީ ދާއިރާއިން ކެނޑިގެން ނުދާނެ އެވެ. އަމިއްލަ ލަވަތަކާއެކު ޖައިޝާ ވަރަށް އަވަހަށް އެނބުރި އަންނާނެ އެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް ދާނަން، މިޔުޒިކް އިންޑަސްޓްރީގަ، މިހާ ހިސާބުން އަދި ނިންމާލީއެއް ނޫން، މި ބަލަނީ ހަމަ އާ ފެށުމެއް ކަމަށް، އަޅުގަނޑު ލަވަތަކުގައާ އެއްޗެހީގަ ބައިވެރިވެ އަމިއްލަ ރާގުތައް ވެސް ކޮންމެވެސް އިރެއްގަ ފެންނާނެ،" ޖައިޝާ ބުންޏެވެ.
އެންމެ ވަރުގަދަ އެއް ބައިވެރިޔާގެ ގޮތުގައި ޝޯގެ މިހާ ހިސާބަށް އައިސް ކުއްލިއަށް ވަކިވާން ޖެހުނަސް އެއީ ޖައިޝާއަށް އެހާ ބޮޑު ޝޮކަކަށް ނުވި އެވެ. މި ހަފުތާ ހުށަހަޅައިދިން ލަވަގައި މައްސަލަތަކެއް ހުރިކަން އޭނާ ވެސް ފާހަގަކުރި އެވެ. އަދި އޭގެ ސަބަބުން މިހެން ވެދާނެ ކަމަށް އޭނާ އޮތީ ލަފާކޮށްފަ އެވެ.
"މިދިޔަ ޕާފޯމެންސާ ބަލާފަ އަޅުގަނޑު ކޮންމެވެސް ވަރަކަށް އެކްސްޕެކްޓް ކުރިން، އަސްލު ކުޑަކޮށް ބަލިވެ އުޅުނީމަ ޕާފޯމެންސަށް އޭގެ އަސަރު ކޮށްފައޭނީ، އެކަމަކު އެއީ އެކްސްކިއުޒަކަށް އަޅުގަނޑު ނުނަގަން، މި ލެވެލްގަ އަޅުގަނޑު ގަބޫލުކުރާ އެއްޗެއް އެއީ ބަލި އެކްސްކިއުޒަކަށް ނުނެގޭނެކަން، އެހެންވީމަ އަޅުގަނޑު އެކްސްސެޕްޓް ކޮށްލައިގެން މިހުރީ،"
ކޮންމެ ގޮތަކަށް ޖައިޝާގެ އައިޑޮލް ދަތުރު ނިމިގެން ދިޔަ ނަމަވެސް އޭނާގެ ޝުކުރުގެ ލިސްޓް ވަރަށް ދިގެވެ. ޖައިޝާގެ ދިގު ޝުކުރު ލިސްޓް ތިރީގައި އެވަނީ އެވެ.
"މަންމަ އާއި ބައްޕައަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ، މިހާ ހިސާބަށް މި އާދެވުނީ ވެސް މަންމަ އާއި ބައްޕައާ ދެ މީހުންގެ އެހީއާއެކީގަ، ދެން ޓީމް ޖައި ފެމިލީ، އެ އެންމެންނަކީ ވެސް ވަރަށް ސަޅި ބަޔެއް، އެމީހުން އަޅުގަނޑު މިހާ ހިސާބަށް ގެނެސްފަ މިހުރީ، ދެން އަޅުގަނޑު ސަޕޯޓަރުންނާއި ފޭނުންނަށް ޝުކުރު އަދާކޮށްލަން، ދެން އައިޑޮލް ޓީމަށާއި ހުރިހާ ބައިވެރިންނަށާއި ޖަޖުންނަށާއި ބޭންޑަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ، ހާއްސަކޮށް ސެކިއުރިޓީ ބެލެހެއްޓި ޕޮލިސް ބޭފުޅުންނަށް ޝުކުރު އަދާކޮށްލަން،" ޖައިޝާ ބުންޏެވެ.