އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އަތުން ރަށުން ބޭރުގައި 3-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީން ހަތް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފި އެވެ.
ޗެލްސީން މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ބޯންމަތުގެ ޑިފެންޑަރު އެޑަމް ސުމިތުގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ޖެހީ އެޑެން ހަޒާޑެވެ.
މެޗުގެ 42 ވަނަ މިނިޓުގައި ބޯންމަތުގެ ޖޮޝުއާ ކިންގް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ކުޑަކުރި ނަމަވެސް، މެޗުގެ 68 ވަނަ މިނިޓުގައި މާކޯ އަލޮންސޯ ވަނީ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު ފުޅާކޮށްފަ އެވެ.
ލީގުގައި ދެން ޗެލްސީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީ އަށް ލީޑު ދެމެހެއްޓިއްޖެ ނަމަ، އެ ޓީމަށް ލީގު ޗެމްޕިއަންކްނަ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.
މި މެޗާއެކު ޗެލްސީ އެއްވަނައިގައި އޮތީ 75 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 68 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ.
ޓޮޓެންހަމް ވަނީ ރޭ އަމިއްލަ ދަނޑުގައި ވޮޓްފޯޑް އަތުން 4-0 އިން މޮޅުވެފަ އެވެ.
ލީގުގައި ރޭ ހަލް ސިޓީ އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ލިވަޕޫލް ވަނީ ސްޓޯކް ސިޓީ އަތުން 2-1 އިން މޮޅުވެފަ އެވެ.