ޔަަމަން ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޝީއީ، ހޫތީން ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިއްޔާ ވަދެ ހޫތީންނާ ދެކޮޅަށް ހަމަލާ ދޭން ފަށާފައި ވާނީ ހޫތީން ސައުދީ އަށް އިންޒާރު ދީފި އެވެ.
ހޫތީ ހަނގުރާމަވެރިން ބުނީ ސައޫދީން ޔަމަނަށް ދޭ ހަމަލާތައް ހުއްޓާނުލާ ނަމަ އަމިއްލަ އަށް މަރުވެގެން ދޭ ހަމަލާތައް ސައޫދީ އަށް އަމާޒުކުރާނެ ކަމަށެވެ.
ސުންނީ ސައޫދީއާ ދެކޮޅު ފިކުރެއް ގެންގުޅޭ ޝީއީ އީރާންގެ މަދަދު ލިބޭ ހޫތީންގެ އިސް ވެރިއެއް ކަމަށްވާ އަބްދުލް މުނީމް އަލް ގުރައިޝީއާ ހަވާލާދީ އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުނީ ސައޫދީގެ ހަރުކަށި ސިޔާސަތުގެ ބަދަލުގައި ސައޫދީގެ ސަރުކާރު ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.
"އަނިޔާ ލިބެމުންދާ ޔަމަންގެ ރައްޔިތުންނާ މެދު ސައޫދީން ގެންގުޅޭ ހަރުކަށިކަން ދޫކޮށްނުލައިފި ނަމަ ސައޫދީ ސަރުކާރު ހަލާކު ކޮށްލުމަށް، ވަރަށް އަވަހަށް ޖާނުން ފިދާވުމުގެ ހަމަލާތައް ސައޫދީ އަށް އަމާޒު ކުރާނަން،" ގުރައިޝީ ބުނެފައިވެ އެވެ.
ޔަމަންގެ ގާނޫނީ ވެރިކަން ދިފާއު ކުރުމުގެ ގާބިލްކަން އެ ގައުމުގެ އަސްކަރިއްޔާ އަށް ގެއްލިފައިވާ ކަމަށް ބުނެ ސައޫދީ އިސްވެ އޮވެ އަރަބި ބައެއް ގައުމުތަކުން ވައިގެ މަގުން ދަނީ ހޫތީންނަށް ހަމަލާ ދެމުންނެވެ. ބައެއް ހަމަލާތައް ޔަމަންގެ ވެރިރަށް ސަންއާގެ ވައިގެ ބަނދަރަށް ވެސް ވަނީ އަމާޒުވެފަ އެވެ. އެ ހަމަލާތަކުގެ ސަބަބުން މަތިންދާބޯޓްތަކާއި ރަންވޭގެ އިތުރުން ވެސް އެހެން ވަސީލަތްތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
ޔަމަންގެ އިންޓީރިއާ މިނިސްޓްރީ މިހާރު ހިންގަމުން ދަނީ ހޫތީން ކަމަށް ވާއިރު އެ ތަނުގެ ބުނެފައި ވަނީ ސައޫދީގެ ހަމަލާތަކުގައި ހުކުރު ދުވަހު އެކަނި ވެސް 24 އާންމުން މަރުވި ކަމަށެވެ. އަދި މިހާތަނަށް މަރުވި މީހުންގެ އަދަދު 45 އަށް އަރާ ކަމަށް ވެސް ބުނެފައިވެ އެވެ.