(6 އޭޕްރީލް 2017 އާ ގުޅޭ) -- "ރޫބީ..." ހައިރާންވެފައި ހުރި އާދިލު ގޮވާލިއެވެ. އަދި ރުބީނާއާ އެކުގައި ހުރި މީހާއަށް ވެސް އާދިލު ބަލާލިއެވެ. ނަމަވެސް ރުބީނާ އަވަސްއަވަހަށް ފަނޑު ހިނިތުންވުމެއް އޭނާއާ ބަދަލުކޮށްލުމާއެކު ޤައިސްއާއެކު ހިނގައިގަތީ އެ ތަނުން ދުރަށް ދިއުމަށެވެ. އިސްޖަހާލާ ގެނައި ހަރަކާތްތަކުން ހީވީ އާދިލަށް ފިލަން ރޫބީނާ އުޅޭ ހެންނެވެ. އޭނާ ގޮސް ޤައިސްގެ ކާރަށް އަރަން ދެން އާދިލު ބަލަން ހުއްޓެވެ.
އާދިލާ ބެހޭގޮތުން ޤައިސް ސުވާލުކޮށްފާނެތީ ރުބީނާއަށް ހުރެވުނީ އޭނާއަށް ދޭނެ ޖަވާބަކާ މެދު ވިސްނާށެވެ. އެހެންނަމަވެސް ޤައިސްގެ ކާރުގައި ރުބީނާ ގެއަށް ގެނެސް ދިން އިރު ވެސް އޭނާ އާދިލާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރިއެވެ. ރުބީނާއަށް ހީވީ ޤައިސްއަށް އާދިލު ނުފެންނަނީ ކަމުގައެވެ. ޤައިސްއަކީ ވެސް ގިނަ ބަޔަކު ދަންނަ މީހަކަށް ވާއިރު އޭނާ ވެސް އަންހެނަކާއެކު ފެނުމުން މީހުން ބަލާފާނޭ ހީކުރީއޭ ރުބީނާގެ ހިތަށް އަރަމުންދިޔައެވެ. އެހެންވެއްޖެނަމަ އެއީ ރުބީނާއަށް ލެއްވި ނަސީބެކެވެ. އޭނާ ވާހަކަދެއްކި އެއްވެސް ފިރިހެނެއްގެ ހިޔަނި ޤައިސްއަށް އެޅުމަކަށް ރުބީނާ ނޭދެއެވެ.
ރޭގަނޑުގެ ބޮޑުބައެއް ހޭދަވެގެން ދިޔައީ އާދިލާ މެދު ރުބީނާ ވިސްނަން އޮއްވައެވެ. އިރުއިރުކޮޅާ ފޯނަށް ބަލާލައެވެ. އާދިލު ގުޅާފާނެހެން ހީވާތީއެވެ.
"ރަނގަޅު ކަންނޭނގެ ފެނުނުކަން... މިހާރު ދެން ދިމާލަށް ބުނާކަށް ނުޖެހޭނެތާ... އޭނާ ވެސް ސިކުނޑިއެއް ހުރި މީހެއްވިއްޔާ އެނގިފަ ހުންނާނީ ޤައިސްއާއި އަހަންނަކީ ދެ ރަޙުމަތްތެރިންނެއްނޫންކަން... ކަމެއްވެގެންކަން އާދިލާ ވާހަކަދައްކަން ބޭނުންނުވަނީ... ރުޅި އައިސް ހިތްހަމަނުޖެހިގެން ވެސް ދުރުގައި ހުރެއްޖެއްޔާ އަހަންނަށް އެކަމުންވާނީ ފައިދާ... ބޭކާރު މީހުނާ މެދު މިވަރަށް ވިސްނަންވީ ކީއްކުރަން... ނިދަންވީ!..." ރުބީނާ އެނދުގެ ރަޖާގަނޑު ގައިގާ އަޅާލުމާއެކު އެނދުގައި ހަމަޖެހިލިއެވެ. ހަށިފުރާލީ ނޭވާއާއެކު ދެ ލޯ މަރާލީ ނިދާށެވެ.
އާދިލަށް ރުބީނާއާއި ޤައިސް ފެނުނުތާ ހަފްތާއެއް ވެގެން ދިޔައިރު ވެސް އޭނާ ފުށުން އެއްވެސް ސުވާލެއް ރުބީނާއާ ކުރިމައްޗެއް ނުވެއެވެ. އެހެންވެ އޭނާ ހީކޮށްގެން ހުރީ ކުރިއަށް އޮތްތަނުގައި ވެސް އޭނާއާއި ޤައިސްގެ ދިރިއުޅުން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ދާނެކަމުގައެވެ. އެންމެ ގާތްކޮށްގެން ގެންގުޅޭ ރައްޓެހިންގެ ގާތުގައި ވެސް ރުބީނާ އެ ވާހަކައެއް ނުބުނެއެވެ. އެމީހުންނަށް ވެސް އާދިލުގެ ފަރާތުން ރުބީނާ ނަގަނީ ކިހާ ފައިދާއެއްކަން ހަޤީޤަތުގައި ނޭނގެއެވެ. އެހެންވިޔަސް އެމީހުންގެ ތެރޭގައި ވެސް ރުބީނާއަށް ރަނގަޅު މަގު ދައްކައިދޭނޭ އެކުވެރިއަކު ނެތެވެ.
މެންދުރުން އަނބުރާ ދޭއްޖަހަނީއެވެ. ކާމޭޒުމަތީ ހުރި ތަށިތައް ނަގާ ބަދިގެ ސާފުކޮށްފައި އައިރާ ވެސް ވަނީ ކޮޓަރިއަށެވެ. މައުރީން ސުކޫލުން އައި ގޮތަށް ކައިގެން ކޮޓަރިއަށް ވަން ކުއްޖާ ނުނިކުމެވެ. މެންދުރުފަހު އާންމުކޮށް މައުރީން ކުޑަވަގުތު ކޮޅަކަށް ވިޔަސް ނިދާލާނެއެވެ. ސޯފާގައި ހަށިގަނޑު ދަމާލައިގެން އަންހެނުން ހެދުން އެޅުމާ ބެހޭގޮތުން ޓީވީއިން ދައްކަމުން ދިޔަ އިނގިރޭސި ޗެނަލެއް އަޅުވާލައިގެން އެ ޕްރޮގްރާމަށް ޝައުގުވެރިކަން ހުއްޓާލައިގެން ރުބީނާ އޮތެވެ. ގޭތެރޭގެ ހިމޭންކަން ނަގާލީ އެޕާޓްމެންޓުގެ ދޮރުގައި ހަރުކޮށްފައި ހުންނަ ބެލް އަޅާލި އަޑެވެ. ސޯފާގެ އަތްގަނޑުގައި ބޯއަޅާލައިގެން އޮތް ރުބީނާގެ ރީތި އިސްތަށިގަނޑު އޮތީ ސޯފާއިން ބޭރަށް ވާގޮތަށް އެލުވާލައިގެންނެވެ. ގޭތެރެއަށް ބަލާލެވުނީ ތެދުވަން މަސައްކަތަކަށެވެ. އެހެންނަމަވެސް އެވަގުތު އޭނާ ނޫން މީހަކު އެތަނުގައި ނެތުމުން ދޮރުހުޅުވަން ދާން ރުބީނާ ތެދުވިއެވެ. އަދި ދެއަތުން އިސްތަށިގަނޑު ރީތިކުރަމުން ބޮލުގައި ހުޅިއެއް ޖަހާލިއެވެ.
"އާ... އާދިލް!..." ދޮރުހުޅުވާލި ވަގުތު ކުރިމަތީ ހުރި އާދިލު ފެނި ރުބީނާއަށް ހުއްޓުން އެރިއެވެ. އާދިލު އެގެއަށް އައިސް ދާނެއޭ ރުބީނާއަށް އެއްފަހަރު ވެސް ހީވެފައި ނެތީމައެވެ.
"އަހަރެން ވަންނަންތަ؟ ރޫބީއާ ވާހަކަދައްކާލަން މި އައީ" އާދިލުގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. އެ މޫނުމަތިން އެއްވެސް އެއްޗެއް އެވަގުތު ދެނެގަތުން ރުބީނާއަށް ފަސޭހައެއްނުވިއެވެ.
"ކީއްކުރަން؟ ކީއްވެ މިގެއަށް؟ މިގަޑިއަކު ނޫން..." ރުބީނާ ބޭނުންނުވާކަން އަންގާލިއެވެ. އަދި ދޮރުފަތުގައި ހިފާ ކައިރިކޮށްލި ގޮތުން ހީވީ އާދިލު ވަދެދާނޭތީ ގެނައި ހަރަކާތެއްހެންނެވެ. މައުނަވީ ގޮތަކަށް ރުބީނާއަށް ބަލަން ހުރެފައި އާދިލު ދޮރުފަތުގައި ކަނާތުން ހިފާ އެތެރެއަށް ހުޅުވާލިއެވެ.
"ނޫން އާދިލު! ގޭތެރެއަށް ނުވަދޭ... އަމީރު އަންގާފައެއްނު އޮތީ މިގެއަށް ނުވަންނަން" ރުބީނާ ބެލީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވިޔަސް އެގެއިން އާދިލު ނެރޭށެވެ.
"އަހަރެން ގުޅިޔަސް ފޯނެއްނުނަގާނެކަން އެނގޭ. އެހެންވެ މިގޮތަށް ރުބީނާ ހޯދަން އަންނަން ޖެހުނީ... އަހަރެން މިއައީ ވާހަކަދައްކާށޭ ބުނީމާ އަހަރެން ބުނަން އުޅޭ އެއްޗެއް އަޑުއަހާބަލަ... މަށަށް ވަރިހަމަ ރުބީނާގެ ހުރިހާ ދަރީން މިތަނަށް ނުކުތަސް" އާދިލު ކުރަން ބޭނުންކަމެއް ކޮށްފައި ނޫނީ އޭނާ ނުދާނެކަން ރުބީނާއަށް ވިސްނުނެވެ. ހަމައެއާއެކު އާދިލު އެ ހުރީ ހިތްހަމަނުޖެހިފައިކަން އޭނާގެ ވާހަކައިން ރުބީނާ ދެނެގަތެވެ. ރުބީ ކިޔައިގެން ވާހަކަދެއްކުމުގެ ބަދަލުގައި އާދިލު އޭނާއާ މުޚާޠިބު ކުރަމުން ދިޔައީ ފުރިހަމަ ނަމުންނެވެ.
"އޯކޭ! އޯކޭ! އާދޭ އަހަންނާއެކު... މިތާކު ނޫން ވާހަކަދައްކާނީ... ޕްލީޒް އާދު... ޕްލީޒް..." ސިއްރުން ވާހަކަދައްކަމުން ރުބީނާ އައިސް އާދިލުގެ އަތުގައި ހިފާލުމާއެކު އޭނާ އެއަތް ފޮޅުވާލިއެވެ. އެހެންނަމަވެސް ރުބީނާއާ ދެކޮޅު ހަދާކަށް އޭނާ ނޫޅެއެވެ. އެޕާޓްމެންޓުގެ ދޮރުލެއްޕުމާއެކު އާދިލު ގޮވައިގެން ރުބީނާ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
"އަހަންނަށް ރުބީނާ ނުރުހޭކަމެއް ކުރެވުނީތަ؟ ރުބީނާ ބޭނުންވާ ވަރަށް ފައިސާ ނުދެވުނީތަ؟ ބޭނުން ކޮންކަމެއް މަށަށް ނުކޮށްދެވި އޮތީ؟... ރުބީނާ އަހަންނަށް ބުނެދީބަލަ" ރުބީނާގެ ކޮޓަރިތެރޭގައި ހުރި އާދިލު ސުވާލުކުރިއެވެ. އެހެންނަމަވެސް ރުބީނާ އެ ސުވާލުތަކަށް ޖަވާބެއް ނުދިނެވެ.
"ކީއްވެ އަނގައިން ނުބުނެ ތި ހުންނަނީ؟"
"އާދު! އަހަރެން ވެސް ގަސްދުގައެއްނޫން... އަހަންނަށް... އަހަންނަށް ޤައިސްދެކެ ލޯބިވެވުނީ..."
"ލޯބިވެވުނީއޭ... ކޮބާ ރުބީނާގެ ލަދު؟ އަހަންނަށް ކަލޭގެ ގޮތް ވަރަށް ރަނގަޅަށް އެނގިއްޖެ. މިހާ ދުވަހު ވެސް މިހުންނަނީ އަހަންނަށް ހީވާހީވުން ރަނގަޅު ނޫނީއޭ ހިތަށް އަރުވާލައިގެން... އެނގޭތަ ކީއްވެކަން؟ އަހަރެން ކަލެއާ ގުޅެން ބޭނުންވާތީ... ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުރިވަރުން... ކަލޭ ފަދަ އަންހެނުން ލޯބިވާނީ އަތުގައި އޮންނަ ޗެކުފޮތް ދެކެ... ނޫނީ ބޭންކު ބެލެންސް ހުރި ވަރެއް އެނގުނީމަ... މިއަދުވެސް ޤައިސްއަށްވުރެ މުއްސަނދި މީހަކާ ތި ރުބީނާއާ ދިމާވާއިރަށް އެ މީހަކު ދެކެ ވެސް ލޯބިވާނެކަން ޔަގީން... އެއީ ހަމަ ކަލޭ ކަހަލަ އަންހެނުންގެ ވައްތަރު... މިއަދު އަހަރެންގެ ކުރިމަތީގައި ތި ރުބީނާގެ އެއްވެސް އަގެއްނެތް... މިއަދު އަހަންނަށް އިހުސާސްވެއްޖެ މި ހުރިހާ ދުވަހު އަހަންނަށް ކުރެވުނީ ފޫނެއްބާލިދީއަކަށް ފެންފުރުން ފަދަ ކަމެއްކަން... އަހަރެން އައީ ރުބީނާގެ ކުރިމަތީގައި ހުއްޓި ހުރެ ވާހަކަދެއްކުމުން އަމިއްލައަށް ކުށެއް ކުރެވުނުކަން ރުބީނާއަށް އިހުސާސްވާނެކަމަށް... އެކަމަކު ތީ ލަދެއް ގަންނާނެ އަންހެނެއްނޫން" އާދިލަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވެ އޭނާ އެއްވެސް ކަމަކާ ވިސްނާ ފިކުރު ހިންގަން ނުކުޅެދެވިފައި ވާ ކަހަލައެވެ. ވާހަކަދެއްކެމުންދިޔައީ ކިހާ ބާރަށް ކަމެއް އޭނާއަށް ވެސް ނޭނގެއެވެ.
ކޮޓަރީގައި ހުރި ފެން ހުސްކުރި ފުޅިތައް ހިފައިގެން އައިރާ ނުކުތެވެ. އޭނާއަށް ރުބީނާގެ ކޮޓަރި ތެރެއިން ޒުވާބު ކުރާ އަޑު އިވުމާއެކު ކުއްލި ހައިރާންކަމެއް ލިބުނެވެ. އިޚްތިޔާރަކާ ނުލާ ރުބީނާގެ ކޮޓަރި ދޮރުކައިރިއަށް އޭނާ ޖެހިލިއެވެ. ކޮޓަރި ތެރެއިން އިވެމުންދިޔައީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އަމީރުއާއި ރުބީނާ ޒުވާބު ކުރަނީ ކަމުގައި ފުރަތަމަ ހީވި ނަމަވެސް އިވެމުންދިޔައީ އަމީރުގެ އަޑު ނޫންކަން އައިރާއަށް ދެނެގަނެވުނެވެ. އިތުރަށް އެތަނުގައި މަޑުކުރުމަކީ ރަނގަޅުކަމެއް ނޫންކަން އައިރާގެ ޟަމީރު ގޮވާލިއެވެ. އެހެންވެ އަވަހަށް ބަދިގެއަށް އައެވެ. ކާމޭޒުމަތީ ފުޅިތައް ބަހައްޓައިގެން އިރުކޮޅަކު ވިސްނަން އައިރާއަށް ހުރެވުނެވެ. އިވުނު އަޑުތަކުން ރުބީނާ ސިފަވީ ލަދުހަޔާތެއް ނެތް އަންހެނެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެއީ ހަމަ އެކަން އޮތްގޮތް ބާއޭ އައިރާގެ ހިތަށް އަރަމުން ދިޔައެވެ. އައިރާ ސިހުނީ ތަންކޮޅެއް ބާރަށް ތަޅުގައި ހިފާލާ ދޮރުހުޅުވާލި އަޑު އިވުމުންނެވެ. އަވަސް އަރުވާލާފައި މޭޒުމަތީ ބެހެއްޓި ހުސްފުޅިތައް ނަގާ އެއްފަރާތުގައި ހުރި ފެންކޭހުގައި ހުސްކޮށް ހުރި ބައިތަކަށް ފުޅިތައްލާ ހަމަޖައްސާލުމާއެކު ކޭހުގައި ނުކަނޑާ ހުރިތަނުން ތިންފެންފުޅި ނަގަން އުޅުނެވެ.
ހަލުވިކޮށް ނުކުމެގެން ދިޔަ އާދިލުގެ ފަހަތުން ރުބީނާ އައެވެ. އޭނާއަށް ބަދިގެ ތެރޭގައި ފެންކޭސް ދޮށުގައި ގުދަށް އޮތް އައިރާ ފެނުމާއެކު ހީވީ ބިރުވެރި މަންޒަރެއް ކުރިމަތިން ސިފަވެގެން ދިޔަ ހެންނެވެ. މޫނު ހުދު ފޮތިގަނޑަކަށް ބަދަލުވެގެން ދިޔަ ކަހަލައެވެ.
"ކަލޭ ކަހަލަ އަންހެނުން މުޅި އުމުރު އުޅެން ޖެހޭނީ ތިހެން... މުއްސަނދިކަމުގެ ފަހަތުން ދުވުމުގައި... ވިސްނޭނެ ދުވަހެއް އަންނާނެ... ހިތަށް އަރާ ވިސްނޭއިރު ވަގުތު ފާއިތުނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅޭ..." ދޮރުހުޅުވާލައިގެން ހުރެ އާދިލު ބުނެލިއެވެ. އޭނާގެ ލޮލުގައި އެތަނުގައި ހުރި އައިރާ އަޅައި ނުގަންނަ ކަހަލައެވެ. ރުބީނާ އެއްފަހަރު އާދިލަށް އަނެއްފަހަރު އައިރާއަށް ބަލާލިއެވެ. އައިރާ އަވަސް އަވަހަށް ފެންފުޅިތައް މެޔާލާ ދެއަތުން ހިފަހައްޓާލައިގެން ހަލުވިކޮށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ.
"ތިވައްތަރަށް އުޅޭކަށް އަހަރުމެންނަކީ ކުޑަކުދީންނެއްނޫން... އާދިލަށް މާދަމާ ވެސް އެހެން އަންހެނަކު ލިބިދާނެ... އަހަރެން ކަހަލަ ގޮތެއްނެތް މީހަކާ ނުގުޅެވުނުކަން ނަސީބެއްނު... އާދިލު އަހަންނަށް ދިން ރުފިޔާގެ ބަދަލު ބޭނުންވަންޏާ އެ ވެސް ދީފާނަން... ދެން މިގެއަށް އައިސްގެން ނުވާނެ... އަހަރެން ބޭނުމެއްނޫން ދެން އާދިލާ އެއްވެސް ގުޅުމެއް ބާއްވާކަށް... ގުޅައިގެން ވެސް ނުވާނެ... އެކި ގޮތްގޮތުން އަހަންނަށް އުނދަގޫކުރަން އުޅެފިއްޔާ ހަދާނޭގޮތްތައް އަހަންނަށް ވެސް އެނގޭ..." ރުޅި ގަދަވެގެން ރުބީނާ ދަތްކުނޑިވިކާލިއެވެ. އޭނާގެ ދޮން މޫނަށް ވެސް މަޑު ރަތްކަމެއް ވެރިފައި ހުއްޓެވެ. އާދިލު ނުކުމެގެން ދިއުމާއެކު ނިކަން ބާރަށް ދޮރު ޖަހަން ބޭނުންވި ނަމަވެސް "އޮޓޯމެޓިކް ޑޯ ސްޓޮޕާ" ހަރުކޮށްފައި ހުރުމުން އެކަން ރުބީނާއަށް ކާމިޔާބެއް ނުވިއެވެ.
ހަލުވިކޮށް އައިސް ކޮޓަރިއަށް ވަންގޮތަށް އައިރާ އެނދުގައި އިށީނދެގެން އިނެވެ. ދެންމެވީ ކަންތަކުން ނުކުމެދާނެ ނަތީޖާއަކާ މެދު އައިރާއަށް ވިސްނެމުންދިޔައެވެ. ރުބީނާ ޔަގީނުން ވެސް ހިތްހަމަނުޖެހޭނެކަން އެނގެއެވެ. އެހެންނަމަވެސް އެކަން ހިނގައިދިޔައީ އައިރާގެ އިހުމާލެއް އޮވެގެނެއް ނޫނެވެ.
* * * *
ރުޅިގަދަވެފައި އިން ރުބީނާ އޭނާގެ ރަޙުމަތްތެރިންނާ އާދިލު ކަންތައް ކުރި ގޮތް ޙިއްޞާ ކުރަމުން ދިޔައެވެ. ހުރިހާ ކަމަކަށްވުރެ އޭނާ ރުޅިއައިސްފައި އިނީ އެ މަންޒަރުތައް އައިރާއަށް ފެނިގެންނެވެ. ކުރިއަށްވުރެ އައިރާ އެގެއިން ބޭރުކޮށްލަން ރުބީނާ ބޭނުންވެފައި ވެއެވެ.
"އަހަންނަށް ވަރިހަމަ ކޮންމެ ގޮތަކުން ވިޔަސް... ބޭނުމެއްނޫން އެންމެ ހިނދުކޮޅަކު ވެސް އޭނާ ގޭގައި ބަހައްޓާކަށް... ގެއިން ނުކުމެގެން ދާށޭ ވެސް ބުނެވޭކަށްނެތް... އަހަރެންގެ ގެ ނަމަތާ ބޭރުކޮށްލާނީ... ހިދާ! ސަލްމާ! ކަލޭމެން ތިހެން ނުތިބަ ނިކަން މިކަމުގައި މަށަށް އެހީވެދީބަލަ... ދެން އަނެއްކާ މިއަދު ވެސް ބުނާނީއެއްނޫން، އިނދެގެން އުޅޭ ދެމީހުން ދުރުކުރަން ފަސޭހައެއްނުވާނެއޭ... އަހަރެން ބޭނުންވަނީ އެ އަންހެންމީހާ އަހަރެންގެ ނިޔާނާ ވަކިކޮށްލަން..."
"އެބައޮތް ގޮތެއް... އެކަމަކު ރޫބީ ކުރާނެހެން ހީނުވަނީ" ހިދާ އިނދެފައި ބުންޏެވެ.
"އެ އަންހެނާގެ ކިބައިން މިންޖުވާން މިހާ ބޭނުންވާއިރު ކޮންމެ ކަމެއް ވެސް އަހަރެން ކުރާނެއެއްނު" ރުބީނާ ޔަގީންކަން ދިނެވެ.
"ފަންޑިތަވެރިއެއްގެ ކައިރިއަށް ދަމާ... އަހަރެންގެ މައިދައިތައަށް އެނގޭނެ އެކަހަލަ މީހުން ވަރަށް"
"ހިދާ! ތިކަހަލަ ކަންތައްތަކަކީ ފަހުން ގޯހުން ގޯހަށް ހިނގައިދާނެ ކަންކަން... ރޫބީ! އަހަރެން ބިރުގަނޭ ސިހުރު ހަދަން... އަހަންނަށް ފެނިފަ އެބަހުރި ސިހުރު ހަދައިގެން މީހުންނަށް ވެފައި ހުރި ގޮތްގޮތް... އައި އޭމް ރިއަލީ ސޮރީ... ސިހުރު ހަދާކަށް އަހަންނަކަށް އެއްބާރުލުން ދޭކަށް ނުކެރޭނެ... އޭތި ގޯސް ވެއްޖެއްޔާ މުޅި މީހާ ހަލާކުވެގެން ހިނގައިދާނެ... އަނެއްކާ އެކަހަލަ ކަންތައް ކުރާ މީހުންނަށް އަހަރެން އެއްގޮތަކަށް ވެސް އިތުބާރެއްނުކުރަން"
"ހިދާއަށް ކިހާ އިތުބާރެއް އޮތީ އެކަހަލަ ކަމެއް ކޮށްގެން އަހަރެން ބޭނުންވާ ކަންތައް ފުދޭނެކަން" ސަލްމާގެ ވާހަކަ އަޑުއަހަން އިނދެފައި ރުބީނާ އަހާލިއެވެ.
"އަހަންނަކަށް ވެސް ގެރެންޓީއެއް ނުދެވޭނެ... އެކަހަލަ ކަންކަމުގެ އަޖުމައެއް މަށެއް ވެސް އަދި ނުބަލަން... މައިޓު ވަރަށް ޤަބޫލުކުރާނެ އެކަހަލަ ކަންތައް... އޭނާއަށް އެއްވެސް ކަމެއްނޫން މީހަކު ދުއްވާލާކަށް... އޭނާ އެކަހަލަ ކަންތައްތައް މީހުން ލައްވާ ކުރުވާތީ ޝަހުބާނު ވެސް މަންމައާ އެހާ ގުޅުމެއް ނުބާއްވާ"
"އިހަށް އެހެން ގޮތެއް ހޯދަންވީނު... އެއްވެސް ގޮތެއް ނެތިއްޔާ ނޫނީ އެކަހަލަ ކަމެއް ނުކުރާނީ..." ރުބީނާ ވިސްނާލާފައި ގޮތެއް ނިންމިއެވެ.
"މީހަކަށް އޭނާ ދައްކަންވީނު... ނޫނީ އަހަރުމެން މޮޅު ޑްރާމާއެއް ކުޅެލަންވީނު" ސަލްމާ އިނދެފައި ބުންޏެވެ.
"ނިޔާނު މިކޮޅުގައި އުޅެނިކޮށް ތިކަހަލަ ފުރުޞަތެއް ނުލިބޭނެ... އަވަހަށް އޭނާ ފުރާ ތޯ ބަލަންވީ... އޭރުން އަހަރުމެންނަށް ކަމެއް ހިންގި ދާނެ" ރުބީނާ ބުންޏެވެ.
"ކުޑަކަމެއްނޫން ކުރާންވާނީ... އަނބިމީހާއަށް ނިޔާނު އެހާ އިތުބާރުކުރާއިރު އޭނާގެ އިތުބާރު ގެއްލޭވަރުކަމެއް ކުރަންވާނީ... ފިރިމީހާއަށް އެންމެ ޤަބޫލުކުރަން އުނދަގޫވާނީ ކޮންކަމެއް؟ ބަލާލަން އެންމެ ހުތުރުވާނީ ކޮންކަހަލަ މަންޒަރެއް؟" ލާނެތް ހިންޏެއް އައިސްފައި އިނދެ ހިދާ ބުންޏެވެ. އެއާއެކު ތިން މީހުން އެކަކު އަނެކަކަށް ބަލާލާފައި ހީނގަތެވެ.
* * * *
ހިނިއައިސްފައި ހުރެ ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އައިރާ ފޯނުން ވާހަކަދައްކަމުން ދިޔައީ ލިޒީއާއެވެ. ނިޔާނު އެ ކޮޓަރިއަށް ވަނުމާއެކު ލިޒީގެ ގާތުގައި ނިޔާނު އަތުވެއްޖެޔޭ އައިރާ ބުނެލިއެވެ. އަދި ދެތިން އެއްޗެއް ބުނެލުމާއެކު ނިޔާނަށް ފޯނު ދިއްކޮށްލިއެވެ. ލިޒީކަން އެނގުމުން ނިޔާނު ވެސް ނިކަން ހިނިއައިސްފައި ހުރެ ފޯނުން ވާހަކަދައްކަމުންދިޔައެވެ. އިރުކޮޅަކު ލިޒީއާ ވާހަކަދައްކަން ހުރެފައި ފޯނުކޯލު ނިންމާލީއެވެ.
"ލޯބީ... ވަރަށް ސޭޑް ނިއުސްއެއް އެބައޮތް..." އައިރާގެ ފޯނު އެނދުގެ އެއްފަރާތުގައި ހުރި ކަބަޑުމަތީ ބާއްވަމުން ނިޔާނު ބުންޏެވެ. އަދި އޭނާގެ އޮފީސް ހެދުން ބާލަން ފެށިއެވެ. އައިރާ ވެސް އައިސް ނިޔާނަށް އެކަމުގައި އެހީތެރިވާން ފެށިއެވެ.
"ކިހިނެއްވީ؟" ނިޔާނުގެ ގަމީސް އޭނާގެ ހަށިގަނޑާ ވަކިކޮށްލަމުން އައިރާ އަހާލިއެވެ.
"ކުއްލިއަކަށް ފުރަން ޖެހުނީ..." ނިޔާނުގެ މޫނުމަތިން އޭނާ އެ ދަތުރު ދާން ބޭނުންނުވާކަން ސާފުކޮށް އައިރާއާށް ފެނުނެވެ.
"އެހެންމީހަކު ފޮނުވަން އެދެންވީނު" އައިރާ ޚިޔާލު ފާޅުކުރިއެވެ.
"ތީއޭ މައްސަލައަކީ... އަހަރެންގެ ދަތުރެއްނޫން މީ... ލަޠީފު ދާން ހަމަޖެހިފައި އޮތީ. އޭނާ ވަރަށް ބޮޑަށް ބަލިވެގެން ޢައިލާގެ ކައިރިއަށް ރަށަށް ފުރައިފި... އޭނާގެ ބަދަލުގައި އަހަންނަށް ދާން ޖެހުނީ... ބޮސް ބޭނުމެއްނުވޭ އެހެން މީހަކު ފޮނުވާކަށް... އެ ޕްރޮޖެކްޓު ލަސްކުރެވޭކަށް ވެސް ނެތް... އަހަރެން ދާން ބޭނުންނުވާކަން ބޮސްއަށް ވެސް އެނގޭނެ... އެކަމަކު މިފަހަރު އެހެންގޮތެއް ނެތިގެންނޭ ބޮސް ބުނީ... އައި ހޭވް ނޯ ޗޮއިސް... އަހަރުމެންގެ ޕްލޭނަށް ވާނެގޮތަކާމެދު މިހާރު ވެސް ވިސްނެނީ... ހިތަށް އަރާ އައިރާ ގޮވައިގެން މިފަހަރު ދާންވީއޭ... އޭރުން އައިރާއަށް ވެސް މާލެއިން ބޭރުގައި ރިލެކްސްވެލާނެ ޗުއްޓީއެއް ލިބޭނެއެއްނު" އައިރާގެ ކޯތާފަތުގައި ނިކަން ލޯބިން ނިޔާނު ދެއަތުން ހިފަހައްޓާލިއެވެ. (ނުނިމޭ)