ބޮލީވުޑް

ކެޓްރީނާގެ ސްޓެޗޫ ދައްކާލައިފި

Mar 29, 2015

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފްގެ ސްޓެޗޫ ލަންޑަންގެ މެޑަމް ޓުޝޯޑްސް ވެކްސް މިއުޒިއަމް ގައި ބަހައްޓައިފި އެވެ.

ވިހި ސްކަލްޕްޗަރުންނާއި އާޓިސްޓުންނަށް ހަތަރު މަސްދުވަހުން ނިންމާލެވުނު މި ސްޓެޗޫ ދައްކާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކެޓްރީނާވެސް ވަނީ ބައިވެރިވެފަ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ، ސްޓެޗޫ ދައްކާލުމަށްފަހު ބުނީ އޭނާއާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

"އަހަރެން ވަރަށް ހައިރާންވެއްޖެ. މި ސްޓެޗޫ ހީވަނީ ހަމަ އަހަރެންހެން" ހުދާއ،ި އަޅި އަދި ފިޔާތޮށި ހެދުމެއްގައި ހުރި ސްޓެޗޫ ދައްކާލުމަށްފަހު ކެޓްރީނާ ބުންޏެވެ.

ބޮލީވުޑަށް ތައާރަފް ވުމުގެ ކުރިން ދިރިއުޅުމުގެ ބޮޑުބައެއް ލަންޑަންގައި ހޭދަކޮށްފައިވާ ބަތަލާގެ ސްޓެޗޫ ބަހައްޓަން ނިންމާފައިވަނީ އޮންލައިންކޮށް ހުޅުވާލި ޕޯލްއަކުން އެންމެ ގިނަ ވޯޓް ލިބިގެންނެވެ.

ކެޓްރީނާއަށް އެއްވަނަ ލިބުނީ ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރީތިގެ ރާނީ ޕްރިޔަންކާ ޗޯޕްޅާ ވައްޓާލުމަށްފަހު އެވެ.

މީގެ 150 އަހަރު ކުރިން ފެށިގެން، މަޝްހޫރު ގިނަ ބައެއްގެ ސްޓެޗޫ ހަދަމުން އަންނަ ލަންޑަންގެ މެޑަމް ޓުޝޯޑްސް ސްޓޫޑިއޯއިން ވަނީ މި ސްޓެޗޫ ކެޓްރީނާއާ ވީހާވެސް ބޮޑަކަށް ވައްތަރުކުރުމަށް 500 އަށްވުރެ ގިނަ ފަހަރު ކެޓްރީނާގެ ހަށިގަނޑުގެ މިންތަކާއި ސްޓެޗޫއާ ވަނީ އަޅާކިޔާފަ އެވެ.

ކެޓްރީނާގެ ސްޓެޗޫ އާއި އެކު މިވަގުތު ބޮލީވުޑްގެ އަށް ތަރިންގެ ސްޓެޗޫ މި މިއުޒިއަމްގައި ހުންނާނެ އެވެ.

މުނިފޫހިފިލުމުގެ އައިޓަމްތަކާއެކު ބޭއްވި މި ރަސްމިއްޔާތުގައި ކެޓްރީނާގެ އާއިލާގެ އިތުރުން ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރުއާއި މަންމަ ނީތޫ ބައިވެރިވިކަމަށް އިންޑިއާގެެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.