ހަބަރު

31 މެންބަރުންގެ ސޮޔާއެކު މަސީހުގެ މައްސަލަ އަނެއްކާވެސް ވައްދައިފި

Apr 9, 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ހުށަހަޅައިފި އެވެ. މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާ ކަން މަޖިލީހުގެ އަމީންއާމް އަހުމަދު މުހައްމަދު މިއަދު ވަނީ "އަވަސް"އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައި ވަނީ 26 މެންބަރުންގެ ސޮޔާ އެކުގަ އެވެ. ނަމަވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ފަރާތްތަކުން މި ފަހަރު އެ މައްސަލަ މަޖިލީހަށް ވެއްދީ 31 މެންބަރުންގެ ސޮޔާއެކުގައި ކަމަށެވެ.

މިދިޔަ މަހު 27 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމާފައި ވަނީ ވަކިވަކި މެންބަރުންނާ ސުވާލުކޯށްގެނެވެ. އެގޮތަށް ނެގި ވޯޓު ސަރުކާރުން ކާމިޔާބުކޮށްފައި ވަނީ 47 މެންބަރުންގެ ވޯޓާއެކުގަ އެވެ. އަދި އެ ޖަލްސާގައި ކަންތައް ހިނގައި ދިޔަ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އިދިކޮޅު ފަރާތްތަކުން ވޯޓު ނުދެއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ދިޔައެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދާފައިވާ އިރު ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އަންގާރަ ދުވަހަށް އެޖެންޑާކޮށްފަ އެވެ.