ހަބަރު

އިރުއިރުކޮޅާ އިތުބާރު ނެތް މައްސަލަ ހުށަނޭޅޭ ގޮތަށް އިސްލާހު ކުރަނީ

ރައްޔިތުން މިޖިލީހުގެ ރައީސްއާ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އިރުއިރު ކޮޅާ ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިތުރު ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވި އިރު، އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އަނެއްކާވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަތައް އިދިކޮޅު ފަރާތްތަކަށް ހުށަހަޅަނީ އެއްވެސް ހަމައަކާއި އުސޫލެއްގެ ތެރެއިންނެއް ނޫން ކަމަށާއި އޭގެ ސަބަބުން މަޖިލީހުގައި ކުރަން ހުންނަ މުހިންމު މަސައްކަތްތަކަށާއި މުޅި ގައުމު ހުއްޓުމަކަށް އަންނަ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މަސައްކަތައް އަލުން ފަށައިގަތުމަށް އަގުލަބިއްޔަތުގެ ބޭނުންކޮށްގެން މަޖިލީހުގެ ގަވައިދަށް ބަދަލުގެންނަން ޖެހިފައިވާ ކަމަށާއި އެގޮތުން އިރުއިރުކޮޅާ އިތުބާރު ނެތް މައްސަލަތައް ހުށަހެޅިއަ ނުދިނުމަށް ގަވައިދަށް ބަދަލު ގެނެވެން އޮތް ގޮތަކަށް ގެނެސް އެކަން ހުއްޓުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މިކަމަކީ ބަޔަކު ކޮންމެ ދުވަހަކު ކައިގެން ވައެއް ލާގެން ކުރަން ޖެހޭ ކަމެއް ގޮތުގައި ދޫކޮށްލާ ވަރަށް ވުރެ ބޮޑެތި މަސައްކަތް. ބޭނުމީ މުޅި ގައުމު ހުއްޓުމަކަށް ގެނެސް ތަޅުއަޅުވާފައި ބޭއްވުން. މި އުޅެނީ އެއްވެސް އުސޫލަކުން ރައްޔިތުންނަށް ފައިދާއަކަށް ކުރާ ކަމެއް ނޫން. އެބޭފުޅުންނަށް ކަނޑައެޅިގެން އެނގޭ އިތުބާރު ނެތް ކަމަކަށް ފާހެއް ނުވާނެ ކަން ނަމަވެސް ޖެއްސުން ކުރުމުގެ ނިޔަތުގައި އެކުރަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މިއަދު ހަވީރު ބާއްވާ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި އެ އިސްލާހާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އެންމެ އަވަހަށް އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާ އެ މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

އިތުބާރު ނެތް މައްސަލަތައް ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލުގެންނަން ނިންމާފައިވާ އިރު މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ވަނީ 42 މެންބަރުންނާއެކު ނޫނީ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭ ގޮތަށް އިސްލާހު ކުރުމަށް ފާސްކޮށްފަ އެވެ. އެގޮތަށް އަމަލު ކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުން އެކަން ފާސްވުމާއެކުގަ އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ އަނެއްކާވެސް ވައްދާފައިވާ އިރު އަންނަ އަންގާރަ ދުވަހަށް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްފަ އެވެ.