ދުނިޔެ

ޓިމް ކުކްގެ މިލްކިއްޔާތު އެކީގައިހެން ޗެރިޓީއަކަށް ހަދިޔާކުރަނީ

Mar 29, 2015

އެޕަލް ކުންފުނީގެ ޗީފް އެގްޒެކަޓިވް ޓިމް ކުކް އަވަހާރަވުމުގެ ކުރިން އޭނާގެ މިލްކިއްޔާތުގެ ބޮޑު ބައި ޗެރިޓީއަކަށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ރަނގަޅަށް ފައިދާވަމުން އަންނަ ކުންފުނީގެ ވެރިޔާގެ ގޮތުގައި ހުންނެވި ކުކްގެ މިލްކިއްޔާތު 800 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

ފޯޗުން މެގަޒިން އަށް ދެއްވި އިންޓަވިއުއެއްގައި ކުކް ވިދާޅުވެފައި ވަނީ އޭނާ އަށް ބޮޑުބޭބެ ކިޔާ 10 އަހަރުގެ ކުއްޖަކު އެބަހުރި ކަމަށާއި އެ ކުއްޖާ ކޮލެޖުގައި ކިޔަވަން ކުރަންޖެހޭ ހަރަދުތައް ކުރުމަށް ފަހު ދެން ހުރި ހުރިހާ އެއްޗެއް ހައިރާތުގެ ގޮތުގައި ހޭދަކުރައްވާނީ ކަމަށެވެ.

އެމެރިކާގެ ޔުނިވަސިޓީއެއްގައި ކިޔަވަން އަހަރަކު ގާތްގަނޑަކަށް 30000 ޑޮލަރު ހޭދަވެ އެވެ. އަމިއްލަ ބައެއް ޔުނިވަސިޓީތަކުގައި މި އަދަދު 50000 އަށް ވެސް އަރަ އެވެ.

މިލްކިއްޔާތުގެ ބޮޑުބައި ހަދިޔާކުރައްވަން ކުކް ނިންމެވި އިރު އޭނާ ވެސް ވެގެން ދާނީ މިލްކިއްޔާތުން އާންމުންނަށް ހޭދަކުރާ މަހުޖަނުންގެ އިތުރުވަމުން އަންނަ ލިސްޓުގަ އެވެ. ޒުވާން ބިލިއަނަރު، ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވެސް ވަނީ އޭނާގެ މިލްކިއްޔާތުން ބޮޑެތި ހޭދަތައް ކުރުމަށް ނިންމައިފަ އެވެ. މިއީ ދުނިޔޭގެ އެންމެ މުއްސަނދި ދެ މީހުން ކަމަށްވާ، މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް އާއި ވޮރެން ބުފެޓް މީގެ ފަސް އަހަރު ކުރިން އިއުލާނުކުރެއްވި "ގިވިން ޕްލެޖް" ގެ ނަތީޖާ އެވެ. އެ ބޭފުޅުން ވަނީ ފައިސާވެރިން އިޖުތިމާއީ ކަންކަމަށް ކުރާ ހޭދަ އިތުރު ކުރުމަށް ކެމްޕޭން ފައްޓަވައިފަ އެވެ.

ގިވިން ޕްލެޖްގެ އަމާޒަކީ މަހުޖަނުންގެ މިލްކިއްޔާތުން މަދުވެގެން ދެބައިކުޅަ އެއްބައި ޗެރިޓީތަކަށް ހަދިޔާކުރުމެވެ. --ބީބީސީ