އަންނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ޑައިވް އަދި ބޯޓު ޝޯއެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތައް ހިމަނައިގެން މޯލްޑިވްސް އިންޓަނޭޝަނަލް ޑައިވް އެންޑް ބޯޓް ޝޯ (އެމްއައިޑީބީއެސް 2017) އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ ހުޅުމާލޭގައި ބާއްވާ މި ހާއްސަ އިވެންޓަށް ބޭރުގެ ގިނަ ފަރާތްތަކުން އަންނާނެ ކަމަށެވެ.
"ރާއްޖެއަށް މި އަންނަމުންދާ ތަރައްގީއާއެކު ރާއްޖެ އަށް މިފަދަ ޝޯއެއްގެ މުހިންމުކަން ވަނީ ބޮޑުވެފައި. ހާއްސަކޮށް ސިންގަޕޫރާއި ދުބާއީ ގައުމުތަކުގައި ބާއްވާއިރު ރާއްޖޭގައި ވެސް ބޭއްވެން ވާނެ. އެހެންވެ މިފަދަ އިވެންޓެއް އިންތިޒާމު ކުރީ،" މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓަރު އަބްދުﷲ ނަޝާތު ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ޑައިވް އަދި ބޯޓް ޝޯ ބާއްވަނީ ސަރުކާރުން ޒުވާނުންގެ ސިޓީގެ ގޮތުގައި ތަރައްގީ ކުރާ ޔޫތު ސިޓީގަ އެވެ. ސަރުކާރުން ދަނީ ހުޅުމާލޭގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ޝޯ ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހު 22-23 އަށެވެ.
މޯލްޑިވްސް ގެޓަވޭސް އިން ޑައިވް އަދި ބޯޓަށް ހާއްސަކޮށް ބައިނަލްއަގުވާމީ ޝޯއެއް އިންތިޒާމުކުރާއިރު، އެ ކުންފުނިން ދަނީ ޑައިވް މާކެޓަށް ހާއްސަކޮށް ޑައިވް މަޖައްލާއެއް ވެސް ނެރެމުންނެވެ.