ކުޅިވަރު

އެތުލެޓިކޯއިން ގްރީޒްމަންގެ އެއްބަސްވުން އާ ކުރަނީ

Apr 10, 2017

އެތުލެޓިކޯ މެޑްރިޑްގެ، ފްރާންސްގެ ފޯވަޑް އެންޓުވާން ގްރީޒްމަންގެ ކޮންޓްރެކްޓް އިތުރު ކުރަން ތައްޔާރުވެއްޖެ އެވެ.

މިއަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑުގައި އެތުލެޓިކޯ ދޫކޮށް، ގްރީޒްމަން ދާނެ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ. އޭނާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، މެންޗެސްޓާ ޔުނައިޓަޑުންނެވެ.

މިދިޔަ އަހަރު ޖަނަވަރީ މަހު، އެތުލެޓިކޯއާ އެކު އާ އެއްބަސްވުމެއްގައި ސޮއި ކުރި، ގްރީޒްމަން، މިހާރުގެ ކޮންޓްރެކްޓްގެ ދަށުން، އެޓީމުގައި މަޑު ކުރާނީ 2021 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

މުސާރައިގެ ގޮތުގައި، މިހާރު އަހަރަކު ހަތް މިލިއަން ޔޫރޯ ލިބޭ، ގްރީޒްމަން އަށް އާ ކޮންޓްރެކްޓާއެކު 10 މިލިއަން ޔޫރޯގެ އާންމުދަނީ އެއް ލިބޭނެ އެވެ.

ފްރާންސްގެ ކުޅިވަރު ނޫހަކުން ބުނީ، ގްރީޒްމަން ގެންދަން، ރެއާލް މެޑްރިޑުންވެސް ޝައުގުވެރިވާ ކަމަށެވެ. ގްރީޒްމަން ދޫކޮށްލާނަމަ، އެތުލެޓިކޯއިން އޭނާ ދޫކޮށް ލާނީ، 100 މިލިއަން ޔޫރޯގެ އަގަކަ ށެވެ.

އެތުލެޓިކޯގެ ކުރީގެ ފޯވަޑް، ޑިއޭގޯ ކޮސްޓާ، ޗެލްސީ އަށް ބަދަލުވުމުން، އޭނާގެ ބަދަލުގައި ރެއާލް ސޯސިއެޑާޑުގައި ހުއްޓައި ގެނައި، ގްރީޒްމަން ދަނީ އެތުލެޓިކޯގައި މޮޅު ކުޅުމެއް ދައްކަމުން ނެވެ. އޭނާ ވެފައިވަނީ ކޯޗް ޑިއޭގޯ ސިމިއޯނޭގެ ޓީމުގެ އެންމެ މުހިންމު ތަރި އަށެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ދުނިޔޭގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.