އެވަޓަން އަތުން، 4-2 ގެ ނަތީޖާ އަކުން ލެސްޓާ ބަލިވިޔަސް އެކަމުގެ އަސަރެއް ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ނުކުރާނެ ކަމަށް، ލެސްޓާގެ ކޯޗް ކްރެއިގް ޝޭކްސްފިއާ ބުނެފި އެވެ.
ރޭ އެވަޓަން އަތުންވި ބައްޔަކީ، އެޓީމުގެ ކޯޗްކަމުން ކްލައުޑިއޯ ރަނިއޭރީ ވަކިކޮށް އެސިސްޓެންޓް ކޯޗް ޝެކްސްފިއާ ކޯޗުކަން ހަވާލު ކުރި ފަހުން އެޓީމު ވީ ފުރަތަމަ ބައްޔެވެ.
އެ ބައްޔަށް ފަހު، ދެން އެޓީމު ކުރިމަތިލާނީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި، އެންމެ ފަހުގެ ރަނަރަފު އެތުލެޓިކޯއާ ދެކޮޅަށް މެޑްރިޑްގެ ސެންތިއާގޯ ކެލްޑްރޯން ސްޓޭޑިއަމްގައި ކުޅޭ މެޗަށެވެ. ނަމަވެސް، ޝެކްސްފިއާ ބުނަނީ، އެވަޓަން އަތުން ބަލިވުމުގެ އަސަރެއް އެމެޗަށް ނުކުރާނެ ކަމަށެވެ.
"އަހަންނަކަށް ހީ އެއްނުވޭ ކުޅުންތެރިންނަށް އެކަމުގެ އަސަރެއް ކުރާނެ ހެނެއް، ކުޅުންތެރިން އެކަމުން ރިކަވާވެސް ވާނެ، އަހަރެން ކުޅުންތެރިން ގާތު ބުނީ އަހަރުމެން ވަރަށް ރަނގަޅު ފޯމެއްގައޭ މިއޮތީ، އަނެއްކާވެސް އަހަރެމެން ޖެހެނީ އަލުން ފަށާށޭ އަނެއްކާވެސް ރަނގަޅު ފޯމަކުން،"
ސްޓޯކް ސިޓީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ފުރުސަތު ދިން ސްކޮޑުން، ޝެކްސްފިއާ ވަނީ ފަސް ކުޅުންތެރިޔަކު އެވަޓަން މެޗުގައި އުނިކޮށްފަ އެވެ. އެއީ އެތުލެޓިކޯއާ ދެކޮޅަށް ތައްޔާރުވާން އެކުޅުންތެރިންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ޝެކްސްފިއާ ބުނީ އެއީ ވަކި މެޗަކަށް ފޯކަސްކޮށްގެން ގެނައި ބަދަލު ތަކެއް ނޫން ކަމަށެވެ.
އަހަރެމެން، މެޗަށް ނިކުތީ އެއް ޕޮއިންޓް ހޯދާކަށް ނޫން، ޓީމު ނެގީ ސީދާ ތިން ޕޮއިންޓަށް އަމާޒު ކޮށްގެން، ބަދަލު ތަކާއެކު ޓީމު ނެގީ ސްކޮޑް ރޮޓޭޓް ކުރުމުގެ އުސޫލުގެ ދަށުން،"
ޗެމްޕިއަންސް ލީގްގައި، މިދިޔަ ހަތަރު އަހަރު ތެރޭ، އިނގިރޭސި ޓީމު ތަކަށް އެދެވޭ ކާމިޔާބީ ތަކެއް ހޯދިފައެއް ނުވެ އެވެ. ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް، ލެސްޓާ ގޮސްފިނަމަ އެ ވެގެންދާނީ އެޓީމަށް ލިބޭ ތާރީހީ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. ދުނިޔޭގެ އެންމެ މޮޅު ލީގުކަމަށް ދައުވާ ކުރާ އިނގިރޭސި ޕްރިމިއާ ލީގުން، މިއަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާއާ ހަމަޔަށް ދެވުނީ ލެސްޓާއަށް އެކަންޏެވެ.