ކުޅިވަރު

އެންމެފަހު މިނެޓަށްވެސް ރެއާލަށް މަޑު ކުރާނަން: ޕެޕޭ

Apr 10, 2017

މި ސީޒަނަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ބެލެވޭ ޑިފެންޑަރު، ޕެޕޭ އެންމެ ފަހު މިނެޓަށްވެސް، ރެއާލްގެ ހުށަހެޅުމެއް އަންނަންދެން މަޑު ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

ޗައިނާގެ ސުޕަލީގް ކުލަބަކުން ޕެޕޭ ގެންދަން މަސައްކަތް ކުރާތީ، މި ސީޒަނަށް ފަހު ރެއާލުން އޭނާ ދޫކޮށްލަން އުޅޭ ވާހަކަތަކުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ. ރެއާލް އާއެކު، އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ، އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިހާތަނަށް، ރެއާލުން އޭނާ އަށް ކޮންޓްރެކްޓެއް ހުށަހެޅުމުގެ ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ.

އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޑްރިޑް ޑާބީ މެޗުގައި، ރެއާލްގެ ލަނޑު ކާމިޔާބު ކުރީ ޕެޕޭ އެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން އެ މެޗުގައި އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. އަދި އެ އަނިޔާއާ ގުޅިގެން ސީޒަންގެ ކުރިއަށް ހުރި މެޗު ތަކުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މި ސީޒަންގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ ޕެޕޭ ބުނީ އޭނާ، ރެއާލްގައި މަޑުކުރަން ބޭނުންވާ ކަމަށާއި ރެއާލްގެ ޖޯޒީގައި ކުޅުމަކީ އޭނާ އަށް ލިބޭ ފަހްރެއް ކަމަށެވެ.

"މިތާންގައި ކުޅުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް، އަހަރެން ބޭނުން ސަޕޯޓަރުން އަހަރެންގެ ސަބަބުން އުފަލުގައި ތިބެން، އެއީ މި ރެއާލްގެ ޖޯޒީގައި ކުޅުމަކީ އަހަންނަށް ލިބޭ ފަހުރެއް، އަދި [ރެއާލްގެ ކުރީގެ ކެޕްޓަން] ރައުލް [ގޮންޒާލޭސް] ފަދަ ލެޖެންޑުން ކައިރިން އަހަންނަށް ކަންކަން ދަސްވެ ޓީމު ރޫހަކީ ކޮބައިކަން އެނގި، އެކަންކަމަށް އިހްތިރާމް ކުރަން އަހަންނަށް ދަސްވީ މި ކުލަބުން،" ރައުލްއާ އެކު ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަމުން ޕެޕޭ، 34 ބުންޏެވެ.

ޕެޕޭއާ ބެހޭގޮތުން، ރައުލް ބުނީ، ޕެޕޭ އަދިވެސް ރެއާލްގެ ޖޯޒީގައި ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ދަނޑުންނާއި ދަނޑުން ބޭރުގައި ވެސް އަހަންނާއި ޕެޕޭ ވާނީ ގިނަ ކަންކަމެއް ހިއްސާ ކޮށްފަ، އަހަރެން އަބަދުވެސް އުންމީދު ކުރަނީ ދުނިޔޭގެ މޮޅު ޑިފެންޑަރަކަށް ވާނެ ކަމަށް، އަހަރެން އަދިވެސް ބޭނުން ޕެޕޭ ރެއާލްގެ ޖޯޒީގައި ފެނުން،" ރައުލް ބުންޏެވެ.

ޕެޕޭ ނެތް ނަމަ، އެ މަގާމު ފުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ، ނަޗޯ ފެނާންޑޭޒް އެވެ. އޭނާ ބުނީ، ޕެޕޭގެ ސަބަބުން އޭނާ (ނަޗޯ) ވެސް މޮޅު ކުޅުންތެރިޔަކަށް ވާން ހިތްވަރު ލިބޭ ކަމަށެވެ.

މެޑްރިޑްގައި ނެރޭ ކުޅިވަރު ނޫސް 'މާސާ' އިން ބުނެފައި ވަނީ، ޕެޕޭ ރެއާލްގައި ބަހައްޓަން ބޭނުންވާ ކަން ޓީމުގެ ސަޕޯޓަރުންގެ ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ކަމަށެވެ.