ފިނިޕޭޖް

ޓެޑްރީގެ 30: ކަޅާ ހުދުން އުފެއްދި ކުލަ މަންޒަރު

ކުރިކެޓް މެޗެއް ވީޑިއޯ ކުރަން ބަހައްޓާފައި ހުރި ވީޑިއޯ ކެމެރާއިން ފެންނަމުން ދިޔަ ކަޅާ ހުދުގެ މަންޒަރުގެ ތެރެއަށް ގެނބިގެން ދިއުމަށްފަހު މައްޗަށް އެރީ ދެ އަހަރު ފަހުން ލިބުނު ވީޑިއޯ ކެމެރާ އާ އެކު ތަފާތު އެކްސްޕެރިމަންޓްތައް ހަދަމުންނެވެ. އެންމެ ފުރަތަމަ ފެށީ ކްލާހުގައި އުޅުނު ކުދިންނާއެކު ފިލްމެއް ހަދަން ފެށި ނަމަވެސް ސްކޫލް ނިމުމާއެކު އެކުގައި އުޅުނު ކުދިންތައް އެކި ތަންތަނަށް ގޮސް ގެއްލުނު ބީދައިން ހަދަން ފަށާފައި އޮތް ފިލްމުވެސް "ގެއްލުނީ" އެވެ. މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނިޔާޒް (ޓެޑްރީ) ފިލްމީ ދާއިރާ އަށް ދީލާލި ސަބަބެވެ.

ނަސީބު ކަން ދިމާވި ގޮތުން ސްކޫލް ނިންމުމަށްފަހު އެންމެ ފުރަތަމަ ވަޒީފާ ލިބުނީ ވަޒީފާ ބޭނުންވާ ތަންތަނުގެ ތެެރެއިން ތިން ވަނަ އޮޕްޝަނަކަށް ޖެހި ޓީވީ މޯލްޑިވްސް އިންނެވެ. ނަވާރަ ސަތޭކަ އައްޑިހަ ހަތް ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ޓީވީއެމްގެ ވަޒީފާ އާ ގުޅުމުން ފިލްމު، ޑްރާމާ އަދި ޕްރޮގްރާމްތައް އުފެއްދުމާއި ބެހޭގޮތުން ތަޖުރިބާ ޓެޑްރީއަށް ލިބުނެވެ. އެއަށް ފަހު އޭނާ ބޭނުންވީ ޓީވީ ދާއިރާއިން މީހުން އުފައްދާށެވެ. ހަބަރު ކިޔުމާއި އެއްޗެއްސަށް އަޑުއެޅުން ފަދަ ކަންކަމަށް މީހުން އުފައްދަން ބޭނުންވީ އެވެ. އެހެން ކަމުން "އުދަރެސް" ކިޔާ ޕްރޮގްރާމެއް އުފައްދާ މާލޭގެ ސެކަންޑްރީ ސްކޫލްތަކުން ކުދިން ގެނެސް ތައްޔާރު ކުރީ އެވެ. ދެ އަހަރެއް ވަރު ވަންދެއް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްއިން އުފެދުނު މީހުން އަދިވެސް މި ދާއިރާގައި ފާހަގަކޮށްލެވޭ ފެންވަރުގައި މިހާރު އެބަ ތިއްބެވެ.

އެ ދުވަސްވަރު އަނެއްކާވެސް ޓެޑްރީ ވަނީ ޑްރާމާ ސިލްސިލާ "ސަޅިބައިސާ" އިން އޭނާގެ ސަޅިކަން ވަރަށް ރަނގަޅަށް ދައްކާލާފަ އެވެ. އަދި އެއަށްފަހު އެމްޓީވީ ސްޓައިލަށް ހެދި ލަވައެއްވެސް ނިކަން ބޮޑަށް ވައިގަ ހިފީ އެވެ. އެތައް ސަބަބަކާއި ހުރެ ޓީވީއެމުން ވަކިވުމަށްފަހު 1994 ވަނަ އަހަރު ޓެޑްރީ އޭނާގެ ނާ "ދެރިޔާ" އިން ފަށާ ބޮންތިއަށް އެރީ އެވެ. އެއީ ޓެޑްރީ އެންމެ ފަހުން ޑައިރެކްޓްކޮށްފައިވާ ފީޗާ ފިލްމެވެ.

"ދެރިޔާ" އިން ލިބުނު ކާމިޔާބީއަށް ފަހު 1998 ވަނަ އަހަރު ޓެޑްރީ އޮލިމްޕަހަށް އައީ އޭނާ ޕްރޮޑިއުސްކޮށްފައިވާ "އާމާނާތް" އާ އެކީގަ އެވެ. އަމާނަތަކީ ގައުމީ ފިލްމު އެވޯޑުގައި އެތައް އެވޯޑެއް ހާސިލްކޮށްފައިވާ ފިލްމެކެވެ. ހައުސްފުލް 30 ޝޯ ދެއްކުމަށްފަހު އޮލިމްޕަހުން ނުކުތް ގޮތަށް ފާޑަކަށް ފިލްމީ ދާއިރާއިން ޓެޑްރީ ގެއްލުނީ އެވެ. އެކަމަކު ޑޮކިއުމެންޓްރީތަކާއި، އިޝްތިހާރުތައް އަދި ޕްރޮމޯޝަނަލް ވީޑިއޯތައް ދިޔައީ އުފައްދަމުންނެވެ. އެފަހުން އުފެއްދި ގިނަ ފިލްމުތަކުގައި އެކި މިންވަރަށް މަސައްކަތް ކުރިވެސްމެ އެވެ. އަމިއްލަ ފިލްމުތައް އުފައްދަންވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެކިއެކި ސަބަބުތަކާއި ހުރެ ކުރިއަށް ނުިދޔަ އެވެ.

ޓެޑްރީ ގެއްލުނީ ކިހިނެއް ވެގެންތޯ މިއި އަބަދުވެސް މީހުން ކުރަމުން އަންނަ ސުވާލެކެވެ. ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި މައްސަލައެއް ޖެހިގެންނޭވެސް ކީ ބަޔަކު އުޅުނެވެ.

"ވަރަށް ބޮޑަށް އޮޅިފައި އިންނަ ކަމެއް ތީ. އަހަރެންގެ ނޯވޭ ނަހުލާ އަކާ މައްސަލައެއް. އޭނަ އާއި ކޮން މައްސަލައެއް މަ އޮންނަން ޖެހޭނީ ފުރަތަމަ. އަހަރެންގެ ނޯވޭ އެއްވެސް މައްސަލައެއް. އަހަންނަކަށް ނޭނގެ އޭނަގެ ގޮތެއް. ފާޑުކިޔާ ނުވަތަ އެއްޗެއް ބުނާ ކޮންމެ ފަހަރަކީ ވަކި މީހަކާ ޖެހިގަންނަ ފަހަރެއްވެސް ނޫން. ތެދެެއް. އަހަރެން ވަރަށް ބޮޑަށް ދެކޮޅު ހެދިން މާޕާއިން ފިލްމު ހެދުން. މާޕާއިން އެކަން ކުރީ ޓްރާންސްޕޭރެންޓް ކޮށްނެއް ނޫން." ޓެޑްރީ ބުންޏެވެ.

ޓެޑްރީ ބުނީ އެ ވާހަކަ ދެއްކުމުން ނަހުލާ އާ ބެހެނީ ކަމަށް ބަޔަކު ގަބޫލުކުރި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ޓެޑްރީ ހިންހަމަ ނުޖެހި ފާޑުކިޔަން ފެށީ މާޕާއިން ފިލްމު ހެދުމުގައި ކޮރަޕްޝަން ހިމެނޭތީ އެވެ. އަދި އެ ފިލްމުތަކާއި ހުރެ އެހެން ޕްރޮޑިއުސަރުންނަށް އޮލިމްޕަސް ނުލިބުނީމަ އެވެ.

ފެންނަން ނެތް ކަމުގައި ވިޔަސް މި ދުވަސްވަރު އިތުރު ހިދުމަތްތައް ފިލްމު އިންޑްސްްޓްރީއަށް ކޮށްދިނެވެ. ސެންސަރު ބޯޑުން ފިލުވަމުންދިޔަ ޒާތީ ހަސަދައިން އާޓިސްޓުން ސަލާމަތް ކޮސް ދިނުމަށް ސެންސަރު ބޯޑު އުވާލާ ކްލެސިފިކޭޝަން ބޯޑެއް އުފެއްދުމަށް މަސައްކަތް ކޮށް އެކަން ކާމިޔާބު ކުރި އެވެ. ބްރޯޑްކާސްޓިން ރެގިއުލޭޝަން ހެދުމަށް އެހީތެރިވެދީ އެ ކޮމެޓީގައި ހަރަކާތްތެރިވި އެވެ. ޒުވާނުންގެ ގައުމީ މަޖިލީހުގެ ދެ ދައުރު ފުރިހަމަ ކުރި އެވެ. ބްރޯޑްކާސްޓިން ގާނޫނގެ ކުރިން ސީއޭސީ ކޮމެޓީގެ މެމްބަރުކަންވެސް ކުރި އެވެ. މިހެން ގޮސް މި ލިސްޓު ކިތަންމެ ދިގުކޮށްވެސް ކިއިދާނެ އެވެ. އެކަމަކު އިހަށް މިހިސާބުން ކުރުކޮށްލާނަމެވެ.

ނަވާރަ ސަތޭކަ އަހަރު އަށްޑިހަ ހަތް ވަނަ އަަހަރު މުނިފޫހި ފިލުވުމުގެ ދާއިރާއަށް ވަތް ޓެޑްރީގެ ކެރިއަރަށް މިދިޔަ އާދިއްތަ ދުވަހު 30 އަހަރު ފުރިއްޖެ އެވެ. މި 30 އަހަރު ތެރޭގައި ތަފާތު މަސައްކަތްތަކެއް ޓެޑްރީ ކޮށްފި އެވެ. އޭނާގެ ކެރިއަރަށް 30 އަހަރު ފުރުނު އިރު ޓެޑްރީއަށް ކުރެވުނު އިހުސާސެއް ބަލާލާނަމެވެ.

"މިއަދު އަހަރެން އެންމެ އުފާވަނީ މަގޭ މަސައްކަތުގެ ހަޔާތުގައި މިއަދާ ހަމައަށް މަސައްކަތެއް ނުވަތަ ބީލަމެއް ކާމިޔާބު ކުރުމަށް އެއްވެސް ފަރާތަކަށް ރިޝްވަތެއް ދޭން ހުށަހަޅައި ނުވަތަ ދީފައި ނުވާތީ އެވެ." ޓެޑްރީ ބުނީ މިހެންނެވެ.

އެކަމަކު މި 30 އަހަރު ތެރޭގައި ޓެޑްރީއަށް ފާހަގަކުރެވުނު ކަމެއް އެބަ އޮތެވެ. ފިލްމީ ދާއިރާ ކުރިއަރުވާނެ ބަޔަކު ނެތުމުން އެންމެ ކުރިއަރަންޖެހޭ ފެންވަރަށް އެ ދާއިރާ ކުރި ނޭރުމެވެ. އަދި ބައެއް ޕްރޮޑިއުސަރުން ހައުސް ފުލް ގިނަ ޝޯތައް ދެއްކުމަށްޓަކައި ފިލްމު އެޅުވުމަށްފަހު ފަހުކޮޅަށް އައުމުން ޓިކެޓް ހިލޭ ބެހުމުގެ މައްސަލަ އެވެ. ފިލްމުގެ ތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްވެސް ފާހަގަކުރި އެވެ.

"ހައުސް ފުލް ބޯޑު އެޅުވުމަށް ފިލްމުގެ ފަހަތުކޮޅުގައި ޓިކެޓް ބަހަނީ. ބޮނޑި ބަންޑެލި ހުރި ގޮތަށް އެބަ ބަހާ ހައުސްފުލްގެ ބޯޑު އެޅުވުމުގެ ބޭނުމުގައި. މީގެ ނުބައި ނަތީޖާ މިފަހަރު މަށަށް އިހުސާސް ކުރެވުނު އަމާނާތް އަޅުވަން އުޅުނު އިރު. މިކަން ކުރިން 90ގެ އަހަރުތަކުގައި މިހާ ފުޅާކޮށް ނުކުރޭ. މި ކްރައުޑް ތެރޭގައި އެބައުޅޭ ގަބޫލުކުރާ ބައެއް ފިލްމު އަޅުވައިން ހަފްތާއެއް ވާއިރަށް ހިލޭ ޓިކެޓް ލިބޭނެކަމަށް. އޮލިމްޕަހުގައި އަމާނާތް އަޅުވަން އޮތް ދުވަހު ފުރަތަމަ އެތަނަށް ވަނީވެސް. އެދުވަހު ދިމާވި އެކިއެކި ޕްރޮޑަކްޝަންތަކުގައި އަތްގާތްކޮށްދޭން އުޅޭ ކުދިން ކޮންމެސް ވަރަަކަށް ރައްޓެހި. އައިސް ބުނަނީ ޓިކެޓެއް ދޭށޭ. މަ ބުނިން ގަންނަންށޭ ޖެހޭނީ. އެކަހަލަ ހަތަރު އިންސިޑެންޓް ދިމާވި. އެކުދިން ބުނި ފިލްމު އަޅުވާފައި ފަހުކޮޅަށް ދާއިރަށް ހިލޭ ޓިކެޓް ލިބޭކަމަށް." ޓެޑްރީ ބުންޏެވެ.

ފިލްމީ ދާއިރާގެ އެންމެ އުހުގައި ޓެޑްރީ ފިޔަޖަމުން ދިޔަ ދުވަސްވަރު އޭނާ ވަނީ ނިކަން ރީތި ލަވަތަކެއްވެސް އާންމުންނަށް ގެނެސްދީފަ އެވ. އޭގެ ތެރޭގައި "ޖާދޫގައި ޖެހޭނޭ"، "ފެންނާތީ ބަލަންޏާ"، އަދި "ފިނިފެން މަލެކޭ" ފާހަގަކޮށްލެވެ އެވެ. އެވެ. އަނެއްކާވެސް 23 އަހަރު ފަހުން ޓެޑްރީ ދަނީ އޭނާގެ އާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. "ލަސް ވިޔަސް" ނަމަކަށް ކިޔަ މި ފިލްމު އެންމެ ލަސްވެގެންސް އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ.

އަދިވެސް އިތުރު ޕްލޮޓްތައް ޓެޑްރީގެ އަތުގައި އެބަހުއްޓެވެ. އެކަމަކު އޭގެ މައުލޫމާތު ލިބިފައި ހުރި ބައެއް މީހުން ބައެއް ޕްލޮޓްތައް "ނޮޅާލައިގެން" އަމިއްލަ އެއްޗެއްސަށް ބަދަލުކޮށްފައިވެސް އެބަހުއްޓެވެ.

ކޮންމެ އަކަސް މިހާރު ކުރެވޭ އިންތިޒާރަކީ "ލަސް ވިޔަސް"ގެ އިންތިޒާރެވެ. މި ފިލްމު އަންނަ އަހަރު އަޅުވާނެ ކަމުގެ ބޮޑު ޔަގީންކަމެއްވެސް ޓެޑްރީ ދެ އެވެ.