ކުޅިވަރު

ޔުވެންޓަސް: ޔޫރަޕްގެ ވަރުގަދަ ނަމެއް، ބާސާ ސަމާލު ވާނެ

Apr 11, 2017

ޔުވެންޓަސް އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ނަމެއް ކަމަށާއި، ބާސެލޯނާއިން އެޓީމާ މެދު ސަމާލު ވާން ޖެހޭ ކަމަށް ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި، މިރޭ ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަ ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ޔުވެންޓަސްގެ ދަނޑުގައި ރާއްޖޭގަޑިން މިރޭ 11:45 ގައި ކުޅޭ މެޗާ ބެހޭގޮތުން، މީޑިއާގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ ބާސާއިން ކުޅެން ޖެހޭނީ ރަނގަޅު ފުޓްބޯޅަ އެއް ކަމަށާއި އަދަދުގެ ގޮތުން، ޔުވެންޓަސްއަކީ ވަރަށް ފުރިހަމަ ޓީމެއް ކަމަށެވެ.

"އަހަރެމެން ޖެހޭނީ އަހަރެމެން ކުޅޭ ސްޓައިލަށް ވަރުގަދަ މެޗެއް ކުޅެން، މިކަހަލަ ވަރުގަދަ ޓީމެއް އިދިކޮޅުގައި އޮތްވައި ނަތީޖާ ބަަދަލު ކުރަން އުނދަގޫ ވާނެ،" އިޓަލީން ކްއާޓާ ފައިނަލާ ހަމަޔަށް ދަތުރު ކުރި ޓީމާ ބެހޭގޮތުން، އެންރީކޭ ބުންޏެވެ.

ދެހާސް ފަނަ ވަނަ އަހަރު، ޗެމްޕިއަން ލީގް ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ނިކުތީ، ޔުވެންޓަސް އެވެ. އެ ފަހަރުގެ މުބާރާތް ބާސާ ކާމިޔާބު ކުރީ 3-1 ން ޔުވެންޓަސް ބަލި ކޮށްގެން ނެވެ. އޭރު އޮތް ޔުވެންޓަސްގެ ޓީމާ މިހާރު އޮތް ޓީމާ ތަފާތު ތަކެއް އެބަހުރިތޯ ސުވާލު ކުރުމުން އެންރީކޭ ބުނީ، އޭރާ މިހާރުވެސް ހުރީ އެއްގޮތް ކަންތައްތަކެއް ކަމަށާއި އޭރު އޮތް ހާލަތުން މި މެޗުގައި ކުރާނެ ފައިދާ އެއް ނޯންނާނެ ކަމަށެވެ.

އޭނާ ބުނީ ދެ ޓީމު ވެސް އޮތީ ސެމީ ފައިނަލަށް ދިއުމުގެ އަޒުމުގައި ވަރަށް ފޯމުގައި ކަމަށެވެ. ޔުވެންޓަސް މަޝްހޫރު ވެފައި އޮންނަނީ ވަރުގަދަ ޑިފެންސިވް ޕްލޭނެއްގެ މައްޗަށް ބިނާވެފައި އޮތް ޓީމެއްގެ ގޮތުގަ އެވެ. އެންރީކޭ ބުނީ ޔުވެންޓަސް ހުއްޓުވާނެ ގޮތް އޭނާ އަށް އެނގޭ ކަމަށެވެ.

"އަހަންނަށް ވަނީ ފެނިފަ ޔުވެންޓަސް އިދިކޮޅު ޓީމަށް ޕްރެޝާ ދޭ ގޮތް، ބޯޅަ ހިފައިގެން އެމީހުން ކުޅޭ ގޮތް އަހަންނަށް ވަނީ ފެނިފައި، އެމީހުން ޑިފެންސް ކުރާ ގޮތް އެމީހުން މިޑްފީލްޑް ލައިން ކުރާ މަސައްކަތް އަހަންނަށް ވަނީ ފެނިފައި،"

"އަހަންނަށް ހީވަނީ މެޗެއްގެ ހުރިހާ ހާލަތެއްގައިވެސް، އެމީހުން މެޗު ޑޮމިނޭޓް ކުރޭ ހެން، އަހަރެމެންނަށް ކޮންމެވެސް ކަމެއް ކުރެވިދާނެ، އަހަރެންގެ ވިސްނުމަކީ މެޗު ފެށިގެން ނިމެންދެން މޮޅަކަށް ފޯކަސް ކުރުން،"