(9 އޭޕްރީލް 2017 އާ ގުޅޭ) -- "ތީއޭ މައްސަލައަކީ... އަހަރެންގެ ދަތުރެއްނޫން މީ... ލަޠީފު ދާން ހަމަޖެހިފައި އޮތީ. އޭނާ ވަރަށް ބޮޑަށް ބަލިވެގެން ޢައިލާގެ ކައިރިއަށް ރަށަށް ފުރައިފި... އޭނާގެ ބަދަލުގައި އަހަންނަށް ދާން ޖެހުނީ... ބޮސް ބޭނުމެއްނުވޭ އެހެން މީހަކު ފޮނުވާކަށް... އެ ޕްރޮޖެކްޓު ލަސްކުރެވޭކަށް ވެސް ނެތް... އަހަރެން ދާން ބޭނުންނުވާކަން ބޮސްއަށް ވެސް އެނގޭނެ... އެކަމަކު މިފަހަރު އެހެންގޮތެއް ނެތިގެންނޭ ބޮސް ބުނީ... އައި ހޭވް ނޯ ޗޮއިސް... އަހަރުމެންގެ ޕްލޭނަށް ވާނެގޮތަކާމެދު މިހާރު ވެސް ވިސްނެނީ... ހިތަށް އަރާ އައިރާ ގޮވައިގެން މިފަހަރު ދާންވީއޭ... އޭރުން އައިރާއަށް ވެސް މާލެއިން ބޭރުގައި ރިލެކްސްވެލާނެ ޗުއްޓީއެއް ލިބޭނެއެއްނު" އައިރާގެ ކޯތާފަތުގައި ނިކަން ލޯބިން ނިޔާނު ދެއަތުން ހިފަހައްޓާލިއެވެ.
"އަހަރެން ގެންދަންޏާ ނިޔާނުގެ އަމިއްލަ ޖީބުން ޚަރަދު ކުރަންޖެހޭނީ... ނިޔާނުގެ ޕްރޮމޯޝަންއާއި ލިބުނު ބޯނަސް އިން އެއްކުރެވުނު ފައިސާކޮޅު ޚަރަދުކޮށްލާވަރު ކަމެއް ނޫން އެއީ... އަނެއްކާ ލިޒީ ގާތަށް ވެސް ދާންވެފައި އޮތީ... އޭނާ މެރީ ކުރަން އެ ވިސްނަނީ... ނިޔާނު ބުނީމެއްނު އަހަންނާއެކު ލިޒީގެ ކައިވެންޏަށް ރަށަށް ދާނަމޭ... އެނބުރި ރަށަށް ދާއިރު އަހަރެންގެ ނުހުންނާނެ ވަންނާނެ ގެއެއް... ފުދޭވަރަކަށް ފައިސާ ބޭނުންވާނެއެއްނު"
"އައި ނޯ ދެޓް... އެހެންވިޔަސް އައިރާ ބަހައްޓާފައިދާން މިފަހަރު އެހާ ބޭނުންނުވަނީ... ނޭނގެ ކީއްވެކަމެއް"
"އަހަންނަށް އެނގޭ... މަންމަގެ ވާހަކަ ކިޔައިދިނީމައެއްނު ނިޔާނު ތިހާ ކަންބޮޑުވަނީ... އަހަރެން ޕްރޮމިސް ކުރީމެއްނު މަންމައާ ދެބަސްނުވާނަންކަމަށް... އެނގޭ މަންމަ އެ ހުންނަނީ އެ ކަންތައްގަނޑު އަހަންނަށް ފެނުނީމަ ރުޅިގަދަވެފައިކަން... އަނގައިން ނުބުނަނީ އެހެންވެކަން... ދުވަސްކޮޅަކު އެހެން ހުރެފައި އަނެއްކާ ވެސް ވާހަކަދައްކަން ފަށާފާނެ... އެ ދުވަހު ފެނުނު އެއްވެސް ކަމެއް އަހަރުމެންނަށް އެނގޭކަމަށް ނަހަދާނީ... މިހާރު ވެސް މި އުޅޭ ގޮތަށް އުޅޭނީ"
"އައިރާއާ ދުރުގައި ހުންނައިރު އަހަންނަށް އެންމެ ވިސްނެނީ އެކަމާ... އައިރާއަކީ ވެސް ދަރިއެއްކަމުގައި މަންމަ ދުށުމަކީ އަހަރެން އެންމެ އުފާވާނެ ކަންތައް... އެކަމަކު އެއްދުވަހަށްވުރެ އަނެއްދުވަހު މަންމަގެ ހިތްހަމަނުޖެހުން އިތުރުވާތަން ފެންނަނީ... މައްސަލައެއް ޖެހޭ ވަގުތު އެކަން ހައްލުކުރެވޭނެ މީހަކަށް ހުންނާނީ ހަމަ އަހަރެން... އެކަން ވެސް ކުރެވޭނީ ކައިރީގައި ހުރެގެންނު... ޕްލީޒް... އައިރާ... މިފަހަރު ހިނގާ އަހަންނާއެކު ދާން... ދުރުގައި އުޅޭލާފައި އައީމަ ފަހަރެއްގައި މަންމަ ހިތްހަމަޖެހިދާނެ"
"ތިކަމާ ވިސްނާނަން އިނގޭ... ސައިބޯންވީނު" ވަގުތީ ގޮތުން ނިޔާނު އެދެމުން އައިކަންތަކަށް ޖަވާބެއްދޭން ބޭނުންނުވާތީ އައިރާ ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލީ ގަސްދުގައެވެ.
"އެ އުޅޭ ޖުވައިންއާ ދިމާވެގެން އޭނާއާއެކު ކޮފީއަކަށް އަރާފައި މި އައީ... އޭނާ ވެސް އަންނަ މަހު ވިހީގައި ކައިވެނި ކުރޭ... އަހަރެން ބުނިން... ގަސްދުގައި އަހަންނަށް ނުހުރެވޭ ދުވަސްކޮޅެއް ބަލާފައި ކައިވެނިކޮށްލަނީ ދޯ އޭ... ޕާޓީއަށް ކާން ދާނެ އެއް ބޯ ގަސްދުގައި މަދުކޮށްލީއޭ... އައިރާއަށް ވަރަށް ސަލާމްބުނި... އަދި ބުނި އެންމެން އެކުގައި ކޮފީއަކަށް އަރަން ގުޅާނަމޯ... އެހެންބުންޏަސް މަށަކަށް ހިޔެއްނުވޭ އެބުނާ ކޮފީއަކަށް ދެވޭނެހެނެއް އަވަހަކަށް... އަންނާނަން ފާޚާނާއަށް ވަދެލާފައި... މިއަދު ވަރަށް ހޫނު ވެސް ގަދަ ދުވަހެއް" ހިނިއައިސްފައި ނިޔާނު ވާހަކަދައްކަމުން އުނުގައި ތުވާލި އޮޅާލައިގެން ފާޚާނާއާ ދިމާއަށް ދިޔައެވެ.
* * * *
ފާޚާނާއިން ޝިމްލާ ނުކުންއިރު އެނދުގައި އޮތް އަމީރު ފެނި އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ. ނިތުގައި ކަނާއަތް ބާއްވާލައިގެން ފިކުރަކަށް ގެއްލިފައި އަމީރު އޮތްއިރު އޭނާ އެ ވިސްނަނީ ކޮންކަމަކާކަން ޝިމްލާ ދެނަހުއްޓެވެ.
"އަމީރު! ދެން ތިހެން ފިކުރުކުރިއްޔޭ ކިޔާފައި އެކުދީން އަންނާނެތަ؟ އަމިއްލައަށް ގޮސް ނިކަން އެ ކުދީންނާ ވާހަކަދައްކަބަލަ... ކުޑަ މަންޖެ ރުބީނާހެން ވިޔަސް ނިޔާނު އެހެންވާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ... އެކުއްޖާ ވެސް އަމީރާ ވާހަކަނުދައްކަނީ އަމީރު އިސްވެ ގުޅުން ބަދަހިކުރަން ނޫޅޭތީ"
"އަހަރެން ހިތަށް އަރާ އަހަރުމެން އެންމެން އެކުގައި އުޅޭނެނަމައޭ... ޝިމްލާއަށް ނިޔާނުގެ އަންހެނުނާ ދިމާވުމުން އެނގޭނެ އެކުއްޖާގެ ރަނގަޅުކަން... އެކަމަކު އެކުއްޖާގެ އެ މައުސޫމުކަން ރުބީނާ ނަގާލަފާނެތީ އަހަރެން ބިރުގަނޭ... ބައެއްފަހަރު ހިތަށް އަރާ ކޯޓަށް ގޮސްގެން ކުދީން ކުޑައިރު އަތުލެވުނުނަމައޭ... އޭރުން އަހަރެންގެ ދަރީން އަހަންނާ މެދު ގޯސްކޮށެއް ނުދެކޭނެ"
"އަމީރު ނިކަން ނިޔާނާ ގުޅުން ބަދަހިކޮށްބަލަ... އަހަރުމެންގެ އިޝްވާއަށް ނިޔާނާއި މައުރީންއަކީ ކޮންބައެއްކަން އެނގުނަސް އެކުއްޖާއާ އެ މީހުންނާ އެއްވެސް ގުޅުމެއްނެތް... އަހަރެން ބޭނުންވާ ގޮތެއް ނޫން އެއީ... އެކަމަކު އަހަންނަށް އެނގޭ ރުބީނާ ޤަބޫލުނުވާނެކަން އިޝްވާ އޭނާގެ ކުދީންނާ ގާތްވާކަށް... އެހެންވެ ހިފަހައްޓައިގަނެގެން އުޅޭން މިޖެހެނީ... އަހަރެން ފެނުނަސް އޭނާގެ ދެ ލޮލުން ފާޅުވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަން... މިހާރުދެން ކޮން ރުޅިއެއް އަންނާކަށް... އަހަރެން އަމީރާ އިނީ ވެސް ރުބީނާ ވަރިކުރިތާ މާފަހުން... އަހަރެން އޭނާއަށް ލިބެންވާ އެއްޗެއް އުންޏެއް ނުކުރަން... ކީއްކުރާނީ! ނުވިސްނެނީ... އެކަހަލަ އަންހެނުން ވެސް ދުނިޔެމަތީގައި އުޅޭކަން" ޝިމްލާ އައިސް އަމީރުގެ މަގަތުން އެނދުގައި އިށީނެވެ.
"އެ ދެމަފިރިންނަށް ދައުވަތު ދީފިއްޔާ އަންނާނެބާއޭ ހިތަށް އަރާ... ހަމަގައިމު ވެސް ރީންއެއް ނާންނެކަން އެނގޭ" ކުރުއަތްމައްޗަށް ތެދުވެލާ ޝިމްލާއަށް ބަލަން އޮވެ އަމީރު އަހާލިއެވެ.
"އަމީރު އެހީމައެއްނު އެނގޭނީ... އަހަރެން އަދި އެއްފަހަރު ވެސް ނުދެކެން ނިޔާނުގެ އަންހެނުން... އެކަމަކު އަމީރު އެކުއްޖާގެ ވާހަކަ އަބަދު ދައްކާތީ ވަރަށް ބައްދަލުކުރާހިތުން މިހުންނަނީ"
"ޅީދަރީންނަކީ ވެސް ގޭތެރޭގެ އުފާވެރިކަން އިތުރުކޮށްދޭ ބައެއްކަން އިހުސާސްވީ އަދިކިރިޔާ... ދަރިން ބޮޑެތިވެ މީހުނާ އިނދެ ކުދީން ލިބި... މީ އަހަރެން ދުށުމަށް ވަރަށް ބޭނުންވާ ދުވަހެއް... މިހެން ހުއްޓާ އަހަރެން ކާފައަކަށްވާއިރު ވެސް އެ ކާފަ ދަރިފުޅު ދުށުމުގެ ނަސީބު ނުލިބިދާނޭތީ ކަންބޮޑުވޭ"
"އަހަންނަށްވުރެ އަމީރު ވާހަކަދެއްކިއްޔާ ރަނގަޅުވާނީ... އެކުދީން އަންނަން ތިބިއްޔާ އަހަރެން މި ހުރީ އެކުދީންނަށް ޓަކައި ޚާއްޞަ ކެއުމެއް ތައްޔާރުކޮށްދޭން... ދުވަހަކާ ވަގުތެއް ބުނާނީ އަމީރު... ދެން ތިހެން ނޯވެ ނިދަން ހިނގާ..." ޝިމްލާ ހިނިތުންވެލަމުން އަމީރުގެ ކޮނޑުގައި ފިރުމާލިއެވެ.
"އަހަރެން ބުނާނަން... އެއީ އަހަރެންގެ ވެސް ދަރީން... ޝިމް! އަހަރެން ބުނާނަން އިނގޭ" އަމީރުގެ ގާތަށް އެނދަށް އަރާ ޝީމްލާ ވެސް ހަމަޖެހިލިއެވެ.
* * * *
ޖެހިގެން އައި ދުވަހު މެންދުރު ނިޔާނު ކައިގެން ގެއިން ނުކުތީ އޮފީހަށް އެނބުރި ދާށެވެ. ސައިކަލަށް އަރައަރާ ހުއްޓާ ފޯނެއް އައުމުން ސައިކަލު މަތީ މަޑުކޮށްލީ ފޯނަށް ޖަވާބުދީފައި ދުއްވާލާށެވެ.
"ނިޔާނު!..."
"އާން! ކިހިނެއްވީ ބައްޕަ ތި ގުޅާލީ" ނިޔާނު ފޯނުކޯލަށް ޖަވާބުދިނެވެ.
"ދަރިފުޅު ބައްޕަދެކެ ރުޅި އައިސްފައިތަ ތިހުންނަނީ"
"ބައްޕާ! މިވަގުތު ވާހަކަދައްކަން އިނދެވޭކަށްނެތް. މި އިނީ މަގުމަތީ... މިދަނީ އޮފީހަށް"
"ދަރިފުޅަށް ވަގުތެއްވީމަ ބައްޕައަށް ގުޅާލަފާނަންތަ... ވާހަކައެއް ދައްކާލަންވެގެން" އަމީރުގެ އަޑުގައި ހިސާބެއްގެ ޖެހިލުންވުމެއް ހުރިކަން ނިޔާނަށް ވެސް ނަގައިގަނެވުނެވެ.
"އޮފީސް ނިންމާލާފައި ބައްޕައަށް ގުޅާލާނަން... އިހަށް ދެން ބާއްވަނީ" ނިޔާނު ފޯނު ޖީބަށްލީ އަމީރު އެ ކޮޅުން ކޯލު ކަނޑާލީމައެވެ. އޭރު އޭނާއަށް ވިސްނެނީ އަމީރު ދައްކަން އުޅޭ ވާހަކައަކާ މެދުއެވެ. އަނެއްކާ އަމީރު ކަމަކު އެދެން ބޭނުންވަނީބާއޭ ނިޔާނުގެ ހިތަށް އެރިއެވެ. އެކި ވިސްނުމުގައި ހުރެ އޭނާ ސައިކަލުގައި އޮފީހާ ދިމާއަށް ދުއްވާލިއެވެ.
ގޭތެރޭގެ އެކިއެކި ކަންތައްތައް ކުރުމަށްފަހު އައިރާ އިނީ ނިޔާނުގެ ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. އޭނާގެ އަތުގައި ޓިޝޫއެއް އޮތެވެ. ދެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ޓިޝޫކޮޅުން އިރުއިރުކޮޅާ ފުހެލަމުން ނޭފަތް އެތެރެއަށް ދަމާލައެވެ. ނިޔާނު އައިސް ކޮޓަރިއަށް ވަނުމާއެކު އަވަސް އަވަހަށް ޓިޝޫކޮޅުން މޫނު ފުހެލިއެވެ.
"ފިލްމު ބަލާފައި ރޮނީ ދޯ" އައިރާ ފެނުމާއެކު ހިނިއައިސްފައި ހުރެ ނިޔާނު ބުނެލިއެވެ.
"ހާދަ ދެރަވާ ފިލްމެކޭ އެއީ... މާ ރޮމޭންޓިކޭ ކިޔާފައެއްނު ނިޔާނު ނުބަލަން ހުރީ. ނިޔާނު ވެސް އެއްފަހަރު ބަލާލީމަ އެނގޭނީ ކުރާ އަސަރު" އައިރާގެ ވާހަކަ އިވިފައި ނިޔާނު ފެށީ ހޭށެވެ. ފިލްމު ބަލާފައި އައިރާ ރޯކަން ނިޔާނަށް އެނގުނީ ކައިވެނީގެ ފަހުންނެވެ. އޭނާ ސަމާސާއަށް ހަދާފައި އެކަމާ އައިރާއާ ވަރަށް ދިމާކުރެއެވެ. ބައެއްފަހަރު ތަޅާފޮޅާ ފިލްމުތައް ދެ މީހުން އެކުގައި ބަލަން ތިބެފައި ވެސް ނިޔާނު ޖެއްސުމަށް އައިރާގެ ކޯތާފަތުގައި ޓީޝޫ ހާކާލަފާނެއެވެ. އެއީ އެ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބީގެ ސާފުކަމާއި ގުޅުމުގެ ވަރުގަދަކަން އިތުރުކޮށްދޭ ކަމެކެވެ. ނިޔާނު ހިތްހަމަޖެހޭ ވަރަށް ދިމާކޮށްލެވުމުން އޭނާ އަމީރު ގުޅި ވާހަކަ އައިރާގެ ގާތުގައި ބުންޏެވެ. ދެމަފިރިން އެކަކު އަނެކަކާ ހުރިހާ ކަމެއް ޚިއްޞާކުރާތީ އެކަން ވެސް ހާމަކޮށްލީއެވެ.
"އެހެންވީރު ނިޔާނު ވާނެ ބައްޕައަށް ގުޅަން... ވެދާނެ ވަރަށް މުހިންމު ކަމެއްގައި ގުޅީކަމަށް" އައިރާ ބާރު އެޅީ އަމީރަށް ގުޅުމަށެވެ. ނިޔާނު އެކާމާ ދެކޮޅެއް ނުހަދައެވެ. އޭނާ އޮފީސް ހެދުން ބަދަލުކޮށް ހަމަޖެހިލުމަށްފަހު އަމީރަށް ގުޅިއެވެ.
"ކީކޭ ބުނީ" ނިޔާނުގެ ފޯނުކޯލު ނިމުމާއެކު އައިރާ އަހާލިއެވެ.
"ބައްޕަ އެދުނީ އައިރާ ގޮވައިގެން މި ހުކުރުގައި އެބަޔަށް ކާން އަންނަން"
"އެހެންވެތަ ނިޔާނު އެންމެންރަނގަޅޭ ބުނީ" އައިރާ އަވަސްއަރުވާލާފައި ވާހަކަދެއްކިއެވެ.
"ބައްޕަ ބުނުމުން ނޫނެކޭ ބުނާކަށް ނުވާނެއެއްނު... އެކަމަކު މަންމައަށް އެނގިގެން ނުވާނެ... އަހަރުމެން ބުނާނީ އެ ދުވަހު ބޭރަށް ދަނީއޭ" މަޞްލަޙަތަށް ޓަކައި ނިޔާނު ގޮތެއް ނިންމީއެވެ.
"ކޮންއިރަކުން ފުރުން އޮތީ؟" އައިރާ ސުވާލުކޮށްލިއެވެ.
"އަންނަ ހަފްތާގައި... ހީވަނީ ހޯމަ ނުވަތަ އަންގާރަ ހިސާބުހެން... އައިރާއަށް ޓިކެޓު ހަމަޖައްސަންވީ ދޯ" ނިޔާނު އަހާލިއެވެ.
"އަދި ކުރާނެކަމެއްނެތް. ފަހުން ވެސް ހަމަޖެހޭނެއެއްނު... ބައްޕަ އެދިން ދަޢުވަތު ޤަބޫލުކުރިއިރު އަހަރެން ހިތަށް އަރަނީ އަހަރެން ވެސް ކޮންމެވެސް އެއްޗެއް އެ ދުވަހަށް ތައްޔާރުކޮށްލާނަމޭ"
"މަންމައަށް ނޭނގި އެއްޗެއް ތައްޔާރުކުރަންވާނީ" ރުބީނާގެ ހިތްހަމަނުޖެހުމާ ކުރިމަތިލާން ނިޔާނާއި އައިރާ ވެސް ބޭނުމެއްނުވެއެވެ.
ހަފްތާގެ ދުވަސްތައް ފާއިތުވަމުން ދިޔައިރު ރުބީނާ ހުރީ ވަރަށް އުފަލުންނެވެ. ޤައިސް އޭނާއަށް ދޭ ސަމާލުކަމެއްގެ ބޮޑުކަމުންނެވެ. ކުރިން ޤައިސްގެ ހާލު އިރުއިރުކޮޅާ ބަލާ ހަދަނީ ރުބީނާއެވެ. އެހެންނަމަވެސް މިހާރު ރުބީނާއަށް ޤައިސް ފޯނުކުރުމާއި މެސެޖުކުރުން ގިނައެވެ.
"ހުކުރު ދުވަހަކީ މުޅި ދުވަސް ގޭގައި ހޭދަކުރާ ދުވަހެއް... ވައި ޑޯންޓް ޔޫ ޖޮއިން މީ ފޯ ލަންޗް... ފޫހި ފިލާނެ ރޫބީ އަތުވެއްޖެއްޔާ... ފެމެލީ ގޮވައިގެން އަންނަންވީނު... އޭރުން ރޫބީގެ ކުދީންނާ ވެސް ބައްދަލުވީއެއްނު" ޤައިސްގެ ދަޢުވަތުގެ އަޑުއަހާފައި ރުބީނާ އުފަލުން އުދުހިގަންނަން ބޭނުންވިއެވެ. އެހެންނަމަވެސް ތިރީތުންފަތުގައި ދަތްއަޅާލަމުން އަނގައިން އަޑެއް ލައްވާލެވިދާނޭތީ އެކަން މަނާކުރަން މަސައްކަތްކުރިއެވެ. ނަފްސު ހަމައަކަށް އަޅުވަމުން ރުބީނާ ކުދީންނާ ވާހަކަދައްކާލާފައި ގުޅާނަން ކަމުގައި ބުނީ ޤައިސްއަށް ގޮތްދައްކާލުމުގެ ބޭނުމުގައެވެ. ހަޤީޤަތުގައި އޭނާ ހުރީ ހިތާ ފުރާނައިން ވެސް ޤައިސްއާ ރުހި ޤަބޫލުވެގެންނެވެ. އޭނާގެ ދަޢުވަތު ޤަބޫލުކުރުމަށް ރުބީނާއަށް އިތުރު މީހެއްގެ ޚިޔާލެއް މުހިންމެއް ނޫނެވެ.
"އަހަރުމެންނަކަށް ނުދެވޭނެ..." ނިޔާނު ދެކޮޅު ހެދިއެވެ.
"އެއީ ކީއްވެ.. މަންމަގެ ސްޕެޝަލް ފްރެންޑެއް އެއީ... އޭނާ މައުރީންނާ ނިޔާނާ ބައްދަލުކުރަން ބޭނުންވެގެން އެ ދަޢުވަތު ދިނީ" ސިޓިންރޫމު ސޯފާގައި އިން ރުބީނާ ވާހަކަދެއްކީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ކާމޭޒު ދޮށުގައި ނިޔާނު އިން ވަގުތުގައެވެ.
"އައިރާ ނުލާ އަހަރެން ދިއުމުގެ ބޭނުމެއްނެތީ... އެހެންނޫނަސް އަހަރުމެން މި ހުކުރުގައި ތަނަކަށްދާން ނިންމާފައި އޮންނާނީ" ނިޔާނު ހިތްހަމަނުޖެހިފައި ބުންޏެވެ.
"ނިޔާނުގެ އަންހެނުން ބަލާކަށް މީހަކު ނޫޅޭ... އެހެންވިއްޔާ ހެޔޮ ނުދިޔަޔަސް... އަހަންނާއި މައުރީން ހިނގައި ދާނަން" ރުބީނާ ނުރުހިފައި އެތެރެއަށް ދިޔައެވެ. ނިޔާނު ބަލާލީ ސިންކު ދޮށުގައި ފުރަގަސްދީގެން ހުރި އައިރާއަށެވެ.
"އަހަރުމެން ދާނީ ބައްޕަ ދިން ދަޢުވަތަށް... ބައްޕައެއްނު ކުރިން ބުނީ ވެސް... ބައްޕަ ބުނި ކޮންމެހެން ވެސް އައިރާ ގޮވައިގެން އަންނަން" ހިނިތުންވެލަމުން ނިޔާނު ބުންޏެވެ. ހީވީ ރުބީނާ ކީ އެއްޗެހިން އައިރާގެ ހިތަށް އަސަރުކޮށްފާނޭތީ އޭނާ ހިތްހަމަޖައްސައިދޭން އުޅުނު ހެނެވެ. ނިޔާނުގެ ވާހަކައިން ކިތަންމެ ރީތިކޮށް ވެސް ރުބީނާއާއި އަމީރުގެ ފަރަގު އައިރާއަށް ދެނެގަނެވުނެވެ. ފެނާއި ތެލަކީ އެއްކުރަން މަސައްކަތް ކުރިޔަސް އެއްވާނެ އެއްޗެއް ނޫނެވެ. ރުބީނާއާއި އަމީރަށް އެކުގައި ނޫޅެވޭނެ ސަބަބު އައިރާއަށް އެނގިއްޖެއެވެ. ނިޔާނު ބޮޑުވަމުން އައިއިރު ކެތްތެރިވާންޖެހޭ ކިތައް ކަންތައް ހިނގާފައި ހުންނާނެކަން އައިރާއަށް ވިސްނުނެވެ. މިއަދު ނިޔާނަކީ ހަރުދަނާ އަޙުލާގު ރަނގަޅު ޒުވާނަކަށް ވުމުގައި އޭނާ އުޅެން ޖެހުނު ހާލަތު ވެދާނޭކަމުގައި އައިރާއަށް ޤަބޫލުކުރެވެއެވެ. މަންމައާއި ބައްޕަ ދުނިޔޭގައި ތިބިއިރު އެ ދެ މީހުންގެ ހިތްހަމަޖައްސައި ދިނުމުގައި ދަރީން ވަރަށް ހާލުގައި ވެސް އުޅޭން ޖެހިދާނޭކަން މިއަދު އައިރާއަށް އިހުސާސް ކުރެވުނެވެ. އެހެންވިޔަސް މައިންބަފައިން ދޫކޮށްލުމުގެ ހައްޤެއް ދަރީންނަށް ލިބިގެނެއްނުވެއެވެ. ކޮންމެ ހާލެއްގައި ވިޔަސް އެމީހުންނަށް ހެޔޮކޮށް ހިތުމަކީ ވާޖިބެކެވެ. (ނުނިމޭ)