ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ތިން ދައުވާއެއް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފި އެވެ.
ގާސިމްގެ މައްޗަށް ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން މަސައްކަތް ކުރި ކަމުގެ ދައުވާ އެވެ. އަދި ރިޔާޒުގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މީހެއްގެ ވާޖިބަށް ހުރަސްއަޅަން އުޅުނު ކަމުގެ ދައުވާ އެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތަށް ފުލުހުން ތަހުގީގު ކުރާ މައްސަލައިގައި ގާސިމް މިހާރުވެސް ހުންނެވީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހައިފަ އެވެ. އަދި އަބްދުﷲ ރިޔާޒް ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު ވެސް ފުލުހުންގެ ތަހުގީގަށް ވަނީ އަތުލައިފަ އެވެ.
މީގެ އިތުރަށް ގާސިމްގެ ވިލާ ކުންފުނިން ރިސޯޓް ހެދުމަށް ނެގި ރަށެއްގެ ކުއްޔާއި އެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއަށް 100 މިލިއަނެއްހާ ޑޮލަރު ނުދައްކައިގެން ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓްތައް ވަނީ ހިފަހައްޓައިފަ އެވެ.
މި ހުރިހާ ކަމަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވެފައި ވަނީ އޭނާ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުހުންނާނެ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ތަކަކީ ވެސް ދޮގު ތުހުމަތުތަކެއް ކަމަށެވެ. މިފަހުން ގާސިމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކުރީގެ ރައީސް މައުމޫން އާއި މުހައްމަދު ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެއްބަސްވުމެއް ހަދައިފަ އެވެ.