ހަބަރު

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތައާވަލުކޮށްފި

ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތައާވަލު ކޮށްފި އެވެ.

ގާސިމްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މާދަމާ ބާއްވާ ޝަރީއަތުގެ އަޑުއެހުމަކީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހުށަހަޅާފައިވާ ދައުވާގެ އަޑުއެހުމެވެ. އެ އަޑުއެހުން ތައާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ކުރިން ގާސިމްގެ މައްޗަަށް ކުރާ ދައުވާތަކުގެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ގާސިމްގެ ބޮލަށް އެނބުރުން އަރައި ހޮޑުލަވާ ގޮތް ވާތީ މެޑިކާހޮސްޕިޓަލްގައި އެޑްމިޓް ކުރުމުގެ ސަބަބުން އޭނާގެ ޝަރީއަތް ވަނީ ކޯޓުން ކެންސަލް ކޮށްފަ އެވެ.

ގާސިމްގެ މައްޗަށް އަނެއްކާ ވެސް ދައުވާ ކުރަން ޕީޖީ ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުއްވީ އެ ތިން ދައުވާގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުން ކްރިމިނަލް ކޯޓުން އެ މައްސަލަތައް އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ ބޭރުކޮށްލާފައިވާތީ އެވެ.

ގާސިމްގެ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރެވެ. އަދިވެސް ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. ގާސިމްގެ ވަކީލުން ބުނީ ގާސިމްގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ގޯސްވަމުން ކަމަށާއި އެ މަނިކުފާނުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.