ހަބަރު

ގާސިމް އެޑްމިޓްކޮށްފައި، ޝަރީއަތް ކެންސަލް

Jul 16, 2017
13

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށުމާ ގުޅިގެން މިއަދު ބާއްވަން އޮތް އޭނާގެ ޝަރީއަތް ކޯޓުން ކެންސަލްކޮށްފި އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު މެންދުރު 2:00 އަށެވެ.

އޭނާއަށް ފަރުވާދެމުން ދަނީ މެޑިކާ ހޮސްޕިޓަލްގައި ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި އެވެ.

އޭނާ "އަވަސް"އަށް ވިދާޅުވީ ގާސިމް މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގަތުމަށް ރަސްމީ ހެދުން ކޮޅު ތުރުކުރައްވައިގެން މެންދުރު 12:30 ހާއިރު އޮފިހަށް ވަޑައިގަތް ކަމަށާއި ނަމަވެސް ކާރުގައި އިންނަވަނިކޮށް އެމަނިކްފާނު ބޯ އަނބުރާ ގަނެ ހޮޑުލަވާ ގޮތްވުމުން ކާރު މަޑުކޮށްފައި މެޑިކާ ހޮސްޕިޓަލަށް ވެއްދީ ކަމަށެވެ. އަދި މެޑިކާގައި އެޑްމިޓްކޮށްގެން ޑޮކްޓަރުން އެމަނިކުފާނުގެ ހާލަތު ބައްލަވަމުން ގެންދަވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ވަރަށް އެއްޗެހި ގުޅާގެން ޑޮކްޓަރުން ގެންދަވަނީ ގާސިމްގެ ހާލުކޮޅު ބައްލަވަމުން. އަޅުގަނޑުމެން އުންމީދު މި ކުރަނީ އިރާދަކުރެއްވިއްޔާ ގޯހެއް ނުވެ ރަނގަޅުވާނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.

ގާސިމްގެ ލޯޔަރުންގެ ޓީމުން ވިދާޅުވީ ގާސިމް މެޑިކާގައި އެޑްމިޓްކޮށް ފަރުވާދޭތީ އެކަން ކޯޓަށް ވަގުތުން އެންގި ކަމަށެވެ. އަދި ލޯޔަރުންގެ އެ ހުށަހެޅުމަށް ބެލުމަށް ފަހު، މިއަދު އޮތް ގާސިމްގެ ޝަރީއަތް ކެންސަލް ކުރިކަން ލޯޔަރުންނަށް މިހާރު ކޯޓުން އަންގާފައިވާ ކަމަށް ޓީމުން ބުންޏެވެ.

ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ. ގާސިމްގެ މައްޗަށް އަނެއްކާ ވެސް ދައުވާ ކުރަން ޕީޖީ ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުއްވީ އެ ތިން ދައުވާގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަތައް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާ ބޭރުކޮށްލުމުން އެވެ.