ހަބަރު

ގާސިމްގެ ޕާސްޕޯޓް ހިފަހެއްޓީ ކޯޓް އަމުރަކުން: އިމިގްރޭޝަން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިއްހީ ފަރުވާއަކަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ދިޔުމުން ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ގާސިމް ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓް އަމުރެއް ލިބިފައިވާ ކަމަށާއި ހިފަހައްޓާފައިވާ ސަބަބާއި ހިފަހައްޓާފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް ހާމަކުރެވެން ނެތް ކަމަށެވެ.

ބޯ އަނބުރާ ހޮޑުލަވާ ގޮތްވެ، ނޭވާލުމަށް އުނދަގޫވެގެން ގާސިމް މެޑިކާގައި އެޑްމިޓް ކޮށްފައިވަނީ އިއްޔެ މެންދުރުފަހު އެވެ. އަދި އޭޑީކޭއަށް ބަދަލު ކުރުމުން އެތަނުގެ ޑޮކްޓަރުންގެ އެދުމުގެ މަތިން އަވަސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް، ސިންގަޕޫރަށް ވަޑައިގަތުމަށް ރޭ 7:00 ހާއިރު އެއާޕޯޓަށް ވަޑައިގަތުމުން ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުމަށް ވަނީ ހުރަސް އަޅައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ކުރިން އެކަން އަނގާފައިނުވާ ކަމަށެވެ.

ގާސިމްގެ ހާލު ސީރިއަސްވެ ރޭ ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. އަދިވެސް އެމަނިކުފާނަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި ގާސިމްގެ ހާލަތާ ބެހޭ އެއްވެސް ތަފްސީލްއެއް ދެވެންނެއް ކަމަށް އޭޑީކޭއިން ބުންޏެވެ.

އިއްޔެ އެމަނިކުފާނުގެ ޝަރީއަތް މެންދުރު 2:00 އަށް ތާވަލްކުރި ނަމަވެސް އެމަނިކުފާނު އެޑްމިޓްކުރުމާ އެކު އެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ. ޕީޖީގެ ވަކީލުން ހާޒިރުނުވެގެން އެ ދައުވާތައް ވަނީ މީގެ ކުރިން ކޯޓުން ބޭރުކޮށްފަ އެވެ.