ހަބަރު

ފަރުވާއަށް ބޭރަށް ދާން ގާސިމް އަށް ފުރުސަތުދޭން އާއިލާއިން އެދެފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިއްހީ ފަރުވާއަށް ބޭރަށްދާން ފުރުސަތުދީ ޕާސްޕޯޓް އަނބުރާ ދިނުމަށް އާއިލާއިން މިރޭ ގޮވާލައިފި އެވެ،

ގާސިމްގެ އާއިލާއިން މިއަދު ނެރުނު ބަޔާނުގައި، ގާސިމް އަށް ބޭއިންސާފުން ކަންތައް ނުކުރުމަށާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެމަނިކުފާނުގެ ބޭސްފަރުވާ ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ޕާސްޕޯޓް ދޫކޮށްދެއްވުމަށް އެދިފައި ވެއެވެ. އަދި ގާސިމް އަށް ގާނޫނީ ނިޒާމުން ބޭރުން ކުރަމުންދާ އަމުރުތަކާއި މުއާމަލާތްތައް ކުރައްވާ ގޮތާމެދު ކަންބޮޑުވާ ކަމަށްވެސް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ކުރިން އަންގާފައިނުވާ ކަމަށާއި ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން އިނގިފައިވަނީ މެޑިކާގެ ޑޮކްޓަރުންގެ ލަފަޔާއެކު ބޭރަށް ފުރުމަށް އެއާޕޯޓަށް ވަޑައިގަތުމުން ކަމަށެވެ. އަދި އިމިގްރޭޝަނުން ކޯޓް އަމުރެއް ގާސިމް އަށް ދައްކާފައިނުވާ ކަމަށާއި ކުރިމިނަލް ކޯޓުން އަމުރުނެރެ އެކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ރޭ 21:34 އެހާއިރު ކަމަށް އާއިލާއިން ބުންޏެވެ.

ބޯ އަނބުރާ ހޮޑުލަވާ ގޮތްވެ، ނޭވާލުމަށް އުނދަގޫވެގެން ގާސިމް މެޑިކާގައި އެޑްމިޓް ކޮށްފައިވަނީ އިއްޔެ މެންދުރުފަހު އެވެ. އަދި އޭޑީކޭއަށް ބަދަލު ކުރުމުން އެތަނުގެ ޑޮކްޓަރުންގެ އެދުމުގެ މަތިން އަވަސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް، ސިންގަޕޫރަށް ވަޑައިގަތުމަށް ރޭ 7:00 ހާއިރު އެއާޕޯޓަށް ވަޑައިގަތުމުން ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުމަށް ވަނީ ހުރަސް އަޅައިފަ އެވެ.

ގާސިމްގެ ހާލު ސީރިއަސްވެ ރޭ ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. އަދިވެސް އެމަނިކުފާނަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.