- ފެސްޓިވަލް އޮތީ މާލޭގައި
- ބެލޫން އުދުއްސާނީ މާލެ މައްޗަށް
- ރާއްޖޭގައި އަލަށް ކުރާ ކަމެއް
އަންނަ މަހު ރާއްޖޭގައި ހޮޓް އެއާ ބެލޫން ފެސްޓިވަލްއެއް ބާއްވަން ނިންމައި، އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ. ފެސްޓިވަލް ބާއްވަނީ ކުޅިވަރު އެކުވެނި ސަރަހައްދުގަ އެވެ.
"މޯލްޑިވްސް ހޮޓް އެއާ ބެލޫން ފެސްޓިވަލް 2017" ބާއްވާ ކުންފުނީގެ އޮފިޝަލަކު "އަވަސް" އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އަންނަ މަަހުގެ 19-20 މި ދެ ދުވަހު މާލޭގައި ބާއްވާ މި ފެސްޓިވަލްއަކީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ބެލޫން ފެސްޓިވަލް އެވެ
"މި ފެސްޓިވަލް ބާއްވަން ސިވިލް އޭވިއޭޝަނުން ވަނީ ހުއްދަ ވެސް ދީފައި. މިހާރު މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފެސްޓިވަލް އަށް ބެލޫންތައް ގެންނަނީ ތައިލެންޑުގެ ސިވިލް އޭވިއޭޝަން ހުއްދަ ދީފައިވާ ކުންފުންޏަކުން ކަމަށާއި އަދި ބެލޫންތަކާއެކު ޓީމެއްވެސް ރާއްޖެ އަންނާނެ އެވެ. އަދި މީގެ ބެލޫންއަކަށް އެއް ފަހަރާ ފަސް މީހުންނަށް އެރޭނެ ކަމަށާ ބެލޫން ޓިކެޓެއް ވިއްކަނީ 700ރ. އަށް ކަމަށެވެ.
"ޓިކެޓު ވިއްކަނީ ލިމިޓް ކޮށްގެން. މީގައި އޮންނަނީ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްގެން ލިބޭ ފްރީ ޓިކެޓު ވެސް. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ފެސްޓިވަލް އަށް ހާއްސަ ޓުއިޓާ އަދި ފޭސް ބުކް މެދުވެރިކޮށް،" އޮފިޝަލް ވިދާޅުވި އެވެ.
މި ފެސްޓިވަލް ކުރިއަށްދާއިރު އެ ސަރަހައްދުގައި ބައެއް އެހެން ސްޓޯލްތައް ވެސް ހުންނާނެ އެވެ. މި ފެސްޓިވަލްގައި ތިން ބެލޫނެއް ގެންނާނެ އެވެ.
އޮފިޝަލް ވިދާޅުވީ މި ބެލޫންތައް ގެނެސް ފެސްޓިވަލް ބާއްވާއިރު، ބެލޫންތަކުން ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަށެވެ.
ބެލޫންތައް ހުންނާނީ ހަރުކޮށްފަ. ހަވީރު ފެށޭނީ. ރޭގަނޑު ހުންނާނީ ދިއްލާލާފަ. އެހެންވެ ވަރަށް ރީތިވާނެ،" އޮފިޝަލް ވިދާޅުވި އެވެ
ހޮޓް އެއާ ބެލޫންއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އާއްމުކޮށް ބޭނުން ކުރާ އެއްޗެކެވެ. އަދި މިއީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު އެއްޗެކެވެ.