ހަބަރު

މުއައްސަސާތަަކަށް އައިސްފައިވާ ހެޔޮ ބަދަލުން އުފާވޭ: ގާސިމް

ގައުމުގެ މުއައްސަސާތަކަށް މިހާރު އައިސްފައިވާ ހެޔޮ ބަދަލުން އުފާވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ހައްޔަރުކޮށްފައި ހުރި ގާސިމް އިބްރާހިމް ދޫކޮށްލަން ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ. ގާސިމް ދޫކޮށްލީ ކޯޓުން ކުރި އަމުރަކީ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ އިޖުރާއަތްތައް ހިލާފު އަމުރަކަށްވާތީ އެވެ.

ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑު އެހުންތައް ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުމަށް ވަރަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި ބަންދުގައި ހުންނެވިއިރު އޭނާ އާއި ދޭތެރޭ ފުލުހުން އަމަލު ކުރި ގޮތް ވަރަށް ރަނގަޅު ކަމަށެވެ.

"އަހުލާގީ، ސުލޫކީ ގޮތުން ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފި. ކޮންގޮތަކަށްތޯ، ކުރިއަށް ތަރައްގީގެ ރޮނގުން، ކުރިއަށް ދިއުމުގެ ރޮނގުގައި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ފުލުހުންގެ ތެރޭގައި މިހާރު ގަވާއިދު ވަރަށް ބޮޑަށް ހަރުކަށިވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ހިދުމަތުގައި ތިބ ފުލުހުންވެސް ގައިދީންނާ މުއާމަލާތްކޮށް ހިދުމަތް ކުރުމުގައި އުފަލާއެކު ކޮށްދޭކަން ފާހަގަކުރެވޭ ކަމަށެވެ. އަިދ ގަވާއިދުގެ ދަށުން ކަންވެސް ގާސިމް ފާހަގަ ކުރެއްވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރިޝްވަތުގެ ތުހުމަތުގައި ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށް ބަންދުގައި އޭނާ ބެހެއްޓީ ކްރިމިނަލް ކޯޓަށް އޮޅިގެން ކަމަށެވެ. އަދި އެދެ މުއައްސަސާ އާއި ދޭތެރޭ އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ފަސް ދުވަހު ބަންދުގައި ބެހެއްޓި އެވެ. ބަންދުން ދޫކޮށްލި ނަމަވެސް ގާސިމްގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ ދައުވާއާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ދައުވާ އެވެ. އެ މައްސަލާގެ ޝަރީއަތް ވަނީ މާދަމާ 11:30 އަށް ތާވަލުކޮށްފަ އެވެ.