ހަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

Apr 12, 2017
2

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމަންޔަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކިފާނު މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އަދި ދިވެހި ފޮރިން ސެކްރެޓަރީ އަލީ ނަސީރެވެ. އަދި މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ދިވެހި ފޮރިން މިނިސްޓަރާ ވެސް ޖައިޝަންކަރު ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނި ގޮތުގައި މި ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. ދަތުރުގެ ތަފްސީލީ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި މުހައްމަދު ނަޝީދު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ސަރުކާރާ ދެކޮޅަށް މިފަހުން ކޯލިޝަނެއް އެކުލަވާލައި މަސައްކަތް ކުރައްވަމުންނެވެ. އަދި ގާސިމްގެ މައްޗަށް ދައުވާތަކެއް އުފުލި ޝަރީއަތް ފަށަން ވަނީ ތައްޔާރުވެފަ އެވެ.