ވާހަކަ

މުޅިޖާންހިތާ

(11 އޭޕްރީލް 2017 އާ ގުޅޭ)-- މަންމައާއި ބައްޕަ ދުނިޔޭގައި ތިބިއިރު އެ ދެ މީހުންގެ ހިތްހަމަޖައްސައި ދިނުމުގައި ދަރީން ވަރަށް ހާލުގައި ވެސް އުޅޭން ޖެހިދާނޭކަން މިއަދު އައިރާއަށް އިހުސާސް ކުރެވުނެވެ. އެހެންވިޔަސް މައިންބަފައިން ދޫކޮށްލުމުގެ ހައްޤެއް ދަރީންނަށް ލިބިގެނެއްނުވެއެވެ. ކޮންމެ ހާލެއްގައި ވިޔަސް އެމީހުންނަށް ހެޔޮކޮށް ހިތުމަކީ ވާޖިބެކެވެ.

ފަހަތަށް އެނބުރި ނިޔާނަށް ބަލާލަމުން ނިކަން ފުޅާ ހިނިތުންވުމެއް ތުންފަތަށް އައިރާ ވެރިކޮށްލީ ނިޔާނުގެ ހިތްހަމަޖައްސާލަ ދިނުމަށެވެ. އޭރު ހިތާހިތާ ހެއްދެވި ފަރާތަށް އައިރާ ޝުކުރުވެރިވަމުން ދިޔައީ އޭނާދެކެ އެހާ ލޯބިވާނެ ފިރިއަކު ލިބުމުގެ ނަސީބު މިންވަރު ކުރެއްވީތީއެވެ. ލޯބިވާ ފިރިމީހާއަކީ މިއަދު އައިރާގެ ހުރިހާ ވެސް ހިތްވަރެވެ. ދުނިޔޭގައި ކުރިމަތިވާ ކިތަންމެ ބޮޑު އިމްތިހާނަކަށް ވެސް އައިރާއާއެކު ނިޔާނު ހުރެއްޖެނަމަ އެކަމަކަށް ކެތްތެރިވުމަކީ ނުހަނު ފަސޭހަކަމެކެވެ. އައިރާއަށް އުފުލަން ޖެހޭ ބުރަ ނިޔާނު ލުއިކޮށްދޭނެކަން އޭނާއަށް ޔަގީންވާތީއެވެ.

"އަހަރެން މިހާރުއްސުރެ މި ވިސްނަނީ ފްރައިޑޭގަ ހަދާނެ އެއްޗަކާމެދު... ވަކިން ހެދުމަށްވުރެ ގޭގައި ޚާއްޞަ އެއްޗެއް ހަދާލާފައި އެ އިން އެތިކޮޅެއް ބައްޕަމެންނަށް ގެންގޮސްދޭނީ... ދޯ..." އައިރާ އައިސް ނިޔާނުގެ ކައިރީ ހުރި ގޮނޑީގެ ލެނގޭބައިގައި ހިފަހައްޓާލިއެވެ.

"އައިރާއަށް އެނގޭނީ... ޔަގީނުން ވެސް ބައްޕަ ކީއްކުރަން އެކަކަށް ވެސް ނުކުރޭނެ ބުނާކަށް އައިރާ ކައްކާ އެއްޗެއް ނުބައެކޭ" ނިޔާނު މިހެން ބުނެ ހީނލުމާއެކު އެ ހުނުމުގައި އައިރާ ވެސް ބައިވެރިވިއެވެ.

މޫމިނުންގެ މައްޗަށް މާތް ކުރެއްވިގެންވާ ދުވަހެއްކަމުގައި ހުކުރު ދުވަސްވެއެވެ. ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދަށްފަހު މިސްކިތުން ނުކުމެގެން ނިޔާނު ގެއަށް އައި މަގުމަތީގައި އަމީރުއާ ދިމާވިއެވެ. ފަތިހުގެ އެ ވަގުތަކީ މާލޭގެ މަގުތަށްމަތި ވެސް ހިމޭން ވެފައި އޮންނަ ވަގުތެކެވެ. ދަރިފުޅުގެ ތަޤުވާވެރިކަން ފެނި އަމީރުގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބިގެންދިޔައެވެ. ހިނގުން ބާރުކޮށްލުމާއެކު ދުވާރުމަތިން މަޑުމަޑުން އައި ނިޔާނާ އަރާ ހަމަކުރިއެވެ.

"ދަރިފުޅު ފަތިސް ނަމާދަށް ވެސް ދަންތަ؟" ނިޔާނާ ދާދި ގާތުން އަމީރުގެ އަޑު އިވި ބަލާލިއެވެ.

"އާން!... މީ... އައިރާ ކޮންމެ ދުވަހަކު ވެސް ގޮވާނެ ނަމާދަށް ދާން... އެހެންވެ މިހާރު އާދަވެއްޖެ" ކުޑަކޮށް ހިނިތުންވެލަމުން ނިޔާނު ބުންޏެވެ.

"ރަނގަޅު ތަރުބިއްޔަތު ދަރީންނަށް ލިބެނީ މައިންބަފައިންގެ ފުށުންނޭ ބުނޭ... އެކަމަކު މިއަދު ބައްޕައަށް މި ފެންނަނީ އެއަށްވުރެ ފުރިހަމަ މަންޒަރެއް... ނިޔާނުގެ ހަރުދަނާކަން ފެނި ބައްޕަ ވަރަށް އުފާވޭ... މިހެން ބުނަން ބޭނުންވެގެން ހުންނަތާ ވަރަށް ދުވަސްވެއްޖެ" އޯގާތެރިކަމާއި ކުލުނުން ފުރިގެންވީ ގޮތަކަށް ނިޔާނުގެ ކޮނޑާ ދިމާ ބުރަކަށީގައި އަމީރު ފިރުމާލަމުން ހިނިތުންވެލިއެވެ.

"އަހަރެން ވެސް ބޭނުން ބައްޕައާ ގުޅިގެން އުޅެން... އެކަމަކު މަންމަ ދޫކޮށްލެވޭކަށް ވެސް ނޯންނާނެ... މަންމައަކީ އެކަނި ހުރި އަންހެނެއް... މަންމައަކީ ގޮތް ދޫނުކުރާ މީހެއްކަން ވެސް އެނގޭ"

"ބައްޕަ ދުވަހަކު ވެސް ނުބުނާނަން ދަރިފުޅުމެން އެއްކުއްޖެއް ގާތުގައި ވެސް މަންމަ ދޫކޮށްލާށޭ... ނިޔާނު ވާނެ ރީންކޮއްކޮއަށް ރަނގަޅު ގޮތް ވިސްނައިދޭން" އަމީރު ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލައިފައި ފުންނޭވާއެއް ލިއެވެ. އަދި ނިޔާނަށް އަލުން ބަލާލަމުން މެންދުރު އަންނާނަންތޯ ސުވާލުކޮށްލިއެވެ. އެއާއެކު ނިޔާނު ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އޭރު އެމީހުންނަށް ގެއާ ހަމައަށް އާދެވިއްޖެއެވެ. ޝަބްނަމްވާދީ ގޭގެ އުތުރުފަރާތަށް ހުރި ދޮރޯށި ނިޔާނު ހުޅުވާލުމާއެކު އިރުކޮޅަކު މަޑުކޮށްލީ އަމީރު ވަންނަންދެނެވެ. އަދި ދެބަފައިން އެކުގައި މައްޗަށް އަރަން ހުރި ސިޑިން އަރައިގެން ދިޔައެވެ.

މެންދުރަށް ކައްކާ ނިންމާފައި އައިރާ އަވަސްވެ ގަތީ ތައްޔާރުވެލާށެވެ. ފެންވަރާލައިގެން ނުކުމެ ފުރަތަމަ ވެސް މެންދުރު ނަމާދުކޮށްލިއެވެ. އަދި ތައްޔާރުކޮށްފައި ހުރި ހުދުކުލައިގެ ކުރުތާއާއި ނޫކުލައިގެ ސްކިނީ ޖިންސު ލުމަށްފަހު ރީތިވާ މޭޒު ދޮށުގައި އިށީނދެ އިސްތަށިގަނޑު އޮމާންކުރަންފެށިއެވެ. ހެޔޮވަރުވަރަކަށް އިސްތަށިގަނޑު ނަގާ އައްސާލުމަށްފަހު ހުޅިއެއް ޖަހާލިއެވެ. އަދި ނޫކުލައިގެ ޝޯލް ނަގާ ރީތިގޮތަކަށް އަޅަން ފެށިއެވެ. ނިޔާނު އައިސް ކޮޓަރިއަށް ވަނީ އައިރާ ތައްޔާރުވެ ނިމި ލޯގަނޑުން ފަރިބަލާލި ވަގުތެވެ.

"ރީއްޗޭ! ރީއްޗޭ! މަގޭ އަނބިމީހާ" ނިޔާނު ސަމާސާކޮށްލިއެވެ.

"ނިމިގެން ފަހުފަހަރަށް ލޯގަނޑު ބަލާލީ" ހިނިތުންވެލައިގެން ހުރި އައިރާ ބުންޏެވެ.

"ދާންވީ ދޯ..." ނިޔާނު އަހާލިއެވެ.

"މަންމަ އެބައުޅޭތަ ބޭރުގަ" ސިއްރުން އައިރާ އަހާލިއެވެ. އެއާއެކު ނިޔާނު ދެފަރާތަށް ބޯހޫރާލިއެވެ.

"ހުންނާނެ ބައްޕައަށް ގެންދަންވީ އެއްޗެހި ރެޑީކޮށްފަ... މަންމަ ނުނިކުންނަނީސް ހިނގާ އަވަހަށް ދަމާ" އައިރާ މިފަހަރު ވެސް ވާހަކަދެއްކީ ސިއްރުންނެވެ.

ދެމަފިރިން ކޮޓަރިން ނުކުން ވަގުތު މައުރީން ވެސް ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ވެސް ހުރީ ނިކަން ރީތިވެލައިގެންނެވެ. ރުބީނާއާއެކު ދާންތޯ އުޅެނީ ނިޔާނު ގާތުން މައުރީން އަހާލިއެވެ.

"މި ފަހަރު މަންމައާއެކު މައު ގޮސްލާ... ދޮންބެމެން މާ ކުރީން ޕްލޭންސް ހަދާފައި އޮތީ... ކުއްލިއަކަށް ކެންސަލް ނުކުރެވޭނެއެއްނު... ކޮބާ މަންމަ" ހަޤީޤަތް ސިއްރުކުރަމުން ނިޔާނު ވާހަކަދެއްކިއެވެ. އޭނާގެ ވާހަކައަށް މައުރީންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރުބީނާގެ ކޮޓަރީ ދޮރުހުޅުވާ ލެއްޕި އަޑު އިވުނެވެ. އެންމެން ސިޓިންރޫމުގައި ތިއްބާ ރުބީނާ ނުކުތެވެ. ހިތްހަމަނުޖެހިފައި ހުރިހެން ނިޔާނަށް ބަލާލާފައި މައުރީނަށް އޭނާ ގޮވާލިއެވެ. މަންމައާއި ކޮއްކޮ ދަންދެން ނިޔާނު ސިޓިންރޫމު ސޯފާގައި މަޑުކޮށްލިއެވެ. އެމީހުން އެޕާޓްމެންޓުން ނުކުތުމާއެކު އަމީރަށް ގެންދަން ތައްޔާރުކޮށްފައި ހުރި ކާއެއްޗެހި އެޅި ތަށިހިފައިގެން އައިރާއާއި ނިޔާނު އެޕާޓްމެންޓުން ނުކުތެވެ.

ދޮރުގައި ހުރި ރަނގަބީލު ސުވިޗަށް ނިޔާނު އޮބާލިއެވެ. އެއާއެކު ގިނަ އިރެއްނުވެ ދޮރު ހުޅުވީ އަމީރެވެ. އުފާވެރިކަމުގެ ހިނިތުންވުމެއް އެ މޫނުމަތީގައި ވިއެވެ. އެޕާޓްމެންޓަށް ވަނުމާއެކު ނިޔާނާއި އައިރާގެ ނޭފަތުގައި ކާއެއްޗެހީގެ ވަސްގަނޑު ޖެހުނެވެ. އަމީރުގެ އަނތްބަކީ ކައްކަން އެނގޭ އަންހެނެއްކަން އެ ދެމީހުންނަށް ޤަބޫލުކުރަން ޖެހުނީ ދުވަމުންދިޔަ ވަސްގަނޑު ރަނގަޅު ކަމުންނެވެ.

"މީ ބައްޕަމެންނަށް އައިރާ ތައްޔާރުކޮށްދިން އެއްޗެއް..." އެއްޗެއް ބުނަން ނުކެރިފައި އައިރާ ހުންނަން ފެށުމުން އޭނާގެ އަތުގައި އޮތް ތަށިނަގާ ނިޔާނު ބުންޏެވެ.

"ގެނޭ ދައްތައަށް... ދެ ކުދީން އަންނަންވީނު ކާމޭޒު ކައިރިއަށް... ބައްޕަ އެ އިންނަނީ ތިކުދީން އަންނަންދެން" އެތެރެއަށް ނުކުން ޝިމްލާ ބުންޏެވެ.

"ކޮއްކޮ ވެސް ވަރަށް ބަނޑުހައިވެފަ މި އިނީ" ކާމޭޒު ކައިރީ އިށީނދެ އިން އިޝްވާ ބުނެލިއެވެ. އެއާއެކު އައިރާއާއި ނިޔާނުގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ. ހަ އަހަރުގެ އިޝްވާ މޭޒުދޮށުގައި އިނީ ސަމްސާ ހިފާލައިގެންނެވެ. މި ނޫނީ ނިޔާނަށް އޭނާގެ ބައްޕަގެ ދެން ހުރި ދަރިފުޅު މިހާ ގާތުން ފެނިފައެއްނުވެއެވެ.

"ދަރިފުޅަށް އެނގޭތަ މީ ކޮންބައެއްކަން" ނިޔާނުގެ ބުރަކަށީގައި އަތްޖައްސާލައިގެން ހުރެ ކާމޭޒުދޮށަށް އައި އަމީރު އަހާލީ އިޝްވާގެ ގާތުންނެވެ. އެއާއެކު އެކުއްޖާ ބޯޖަހާލިއެވެ. ނަމަވެސް ލަދުން އިންހެން ނިޔާނުމެންނަށް ނުބަލަން ކުރިމަތީ ހުރި ތަށިތަކަށް ބަލަމުންދިޔައެވެ.

އެންމެން އެކުގައި ކާމޭޒުދޮށުގައި ކާންތިބި އިރު އުފާވެރި ބަދަހި ޢާއިލާއެއްގެ ފަރާތުން ފެންނާނޭ ހުރިހާ މަންޒަރެއް ނިޔާނަށް ފެންނަމުންދިޔައެވެ. ދޭތެރެއަކުން އަމީރުގެ ދުލުން ޝިމްލާގެ ކެއްކުމަށް ކޮށްލާ ތަޢުރީފެވެ. އިޝްވާއަށް ކޮށްލާ ކުދިކުދި ސަމާސާތަކެވެ. އޯގާތެރިކަމާއި ފަޙުރުވެރިކަމާއެކު ފިރިހެންދަރިފުޅަށް ބަލާލާގޮތެވެ. އަދި ފިރިހެންދަރިފުޅުގެ ހޮވުމާމެދު ބައްޕަގެ ރުހުމާއި އުފާވެރިކަމެވެ. ނިޔާނުގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރަމުން ދިޔައީ އަމީރުއާއި ޝިމްލާއާ ދެމީހުން އައިރާއަށް އަޅާލާވަރު ފެނިފައެވެ. އެ އަންހެންކުއްޖާއަށް ނިޔާނު ދޭންބޭނުންވަނީ އެފަދަ އުފާވެރިކަމެވެ. ޢާއިލާއެއްގެ ފުރިހަމަ ލޯތްބެވެ. މަންމަގެ ކުލުންވެރިކަމާއި ބައްޕަގެ އޯގާތެރިކަން އިހުސާސްކޮށްލަން ބޭނުންވެފައިވާ އައިރާއަށް އެ އުފާވެރިކަން ކުޑަ ހިނދުކޮޅަކަށް ވިޔަސް ހޯދާ ދެވިއްޖެކަމުގައި ނިޔާނުގެ ޟަމީރު އެއްބަސްވިއެވެ. އައިރާގެ މޫނުމަތިން ފަނޑުވުމެއްނެތި ފެންނަމުންދިޔަ އުފާވެރި ހިނިތުންވުން ނިޔާނުގެ ނަފްސަށް ހަމަޖެހުން ގެނެސްދެމުންދިޔައެވެ. މަންމަގެ ފަރާތުން ކެނޑިނޭޅި އައިރާއަށް އިވެމުންދާ ނުރުހުމުގެ ބަސްތަކުން ކުޑަ ވަގުތުކޮޅަކަށް ވިޔަސް އައިރާ މިންޖުކުރެވިއްޖެކަމުގެ އިހުސާސް ނިޔާނަށް ކުރެވިފައިވެއެވެ. ނިޔާނުގެ ތުންފަތަށް އާދަޔާ ޚިލާފު ހިނިތުންވުމެއް ވެރިވެގެންދިޔައީ އެހެންވެއެވެ.

"ވަރަށް އަވަހަށް ފުރަންވެގެން މިއުޅެނީ" އަމީރުގެ ވާހަކަތަކަށް ޖަވާބުދެމުން ނިޔާނު ބުންޏެވެ.

"ދަރިފުޅު ތިހެން އަބަދު ދަތުރުކުރާއިރު އައިރާ ގޮވައިގެން ކީއްވެތަ ނުދަނީ" އަމީރު ބުންޏެވެ.

"މިފަހަރު ގޮވައިގެންދާން ބުނީމާ ވެސް އައިރާ އެ ހުންނަނީ ނުދާންވެގެން"

"ތެދެއްތަ؟ ކީއްވެތަ އައިރާ ނުދާން ތި އުޅެނީ... ރާއްޖެތެރެ ވަރަށް ހިތްގައިމުވާނެ... ކައިވެނީގެ ކުރީކޮޅު ދެ ކުދީންއެކުގައި ތަންތަނަށް ގޮސްލަންވާނެ... ބައްޕަމެން މިތިބީ މިހާރު ގާވެފައި... ދަރިންލިބި އެކުދީންގެ ކަންތައްތައް ފުރަތަމަ ވެސް އިސްކުރަން މިޖެހެނީ... އެއަށްފަހު ޗުއްޓީއެއް ވެސް ރާވާ މިލެވެނީ"

"އިރާދަކުރެއްވިއްޔާ ނިޔާނު ދެން ދާ ފަހަރަކުން ހަމަ ޔަގީން ދާނަން... ފަހަތުން އާދޭސްކޮށްގެން ވެސް ދާނަން" ބީރައްޓެހިކަން ފިލާފައިވާ އައިރާ މަޖާވެލާފައި ބުންޏެވެ.

"މަންމާ! ކޮއްކޮ ރޫމު ދައްކާލަން ދޮންތި ގެންދަންތަ؟" އިޝްވާ ބުންޏެވެ.

"މިހާރު ދޮންތިއަކަށް ވެސް ވީތަ؟ އަޅެ ދޭބަލަ ތި ދޮންތިއަށް ރޫމުދައްކާލަން" ހިނިއައިސްފައި އިން ޝިމްލާ ބުންޏެވެ.

* * * *

ހިނިއައިސްފައި ހުރި ޤައިސް ބަގީޗާގައި ހުރި އުނދޯލިގެއަށް ވަނެވެ. ރުބީނާއަށް އޭނާގެ ގާތުގައި އުނދޯލީގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ.

"ޤައިސް ބުނުއްވާނެ އެކަނިއޭ... އެކަމަކު މިހާ ބައިވަރު ގެންގުޅޭ ކުދީން ޤައިސްގެ ޚިދުމަތުގައި އުޅޭއިރު އެކަނިވާނީ ކިހިނެއް" ރުބީނާގެ އަޑުގައިވަނީ ސަމާސާގޮތެކެވެ.

"އަޅުގަނޑު ބުނި އެއްޗެއްގެ މާނަ މިހާރު ތި އޮޅުވާލަނީ... އެމީހުންނާ ރޫބީއާ ތަފާތުކަން މިހާރު އެނގިފައި އޮންނާނެކަމަށް ހީކޮށްގެން މި އިންނަނީ... އަޅުގަނޑަށް ރޫބީ ކަމުދާކަން އެނގެއެއްނު... މައުރީން ފެނިފަ ހިތަށް އެރީ ރޫބީ ޅައިރު ހުންނާނީ ހަމަ އެހެންނޭ"

"މިހާރު އަޅުގަނޑު މުސްކުޅީތޯ" ނޫންގޮތަކަށް ރުބީނާ އަހާލީ ކުޑަކޮށް ހީނލާފައެވެ.

"އެއްގޮތަކަށް ވެސް އެހެނެއްނޫން... މިހާރު ވެސް ވަރަށް ރީތި... ވަރަށް ކަމުދޭ... މި ގޭގައި އުޅެން އަންނަން ކެރޭނެތަ ރޫބީއަށް"

"ޤައިސް އަޅުގަނޑު ގެންނަވަން ހުރިއްޔާ ނޫނެކޭ ނުބުނާނަން... އެކަމަކު ގޭގެއަށް އަންހެނުން ވައްދަވަންވާނީ ވަރަށް ވިސްނާފައި... އަޅުގަނޑު ބޭނުމެއްނޫން މީހަކު އެއްޗެއް ބުނާނޭގޮތަށް މިގެއަށް އައިސް އުޅޭކަށް"

"ރޫބީ ބަދުނާމުވިޔަ ނުދޭނަން" ކުޑަކޮށް ހީނލާފައި ޤައިސް ބުންޏެވެ.

ގޭގެ ނޯކަރަކާއެކު އެތަން މިތަން ބެލުމުގައި މައުރީން އުޅުނެވެ. ޤައިސް ގެ ފުރިހަމަކަމުން މައުރީން ހުރީ އަޖައިބުވެއެވެ. އެ ފަދަ ގެއެއްގައި އުޅުމުގެ ނަސީބު ލިބުމަށް އޭނާގެ ޅަހިތް އެދެމުންދިޔައެވެ. ދޭތެރެއަކުން ގޭގެ ހޯލްވޭ ތަކުގައި ބަހައްޓާފައި ހުރި ބޮޑެތި ފޮޓޯލޯގަނޑުތައް އަރާނޭހެން "ސެލްފީ"އެއް ނަގާ "އިންސްޓަގްރާމް" ކޮށްލައެވެ. ތަފާތު އުފާވެރިކަމެއް އޭނާއަށް ލިބިފައި ވާކަހަލައެވެ. ޤައިސްއާއި ރުބީނާ ފެނި އެ ދެމެދުގައި އޮތީ ރަޙުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއްހެން މައުރީންއަށް ވެސް ހީވިއެވެ. ޤައިސް ކަހަލަ މަހުޖަނަކާ ރުބީނާ ގުޅެން މައުރީން ހުރީ އުފަލުން ޤަބޫލުވާ ގޮތަކަށެވެ.

މެންދުރުން އަނބުރާ ދޭއްޖަހާ ދިޔަފަހުން ޤައިސްގެ ކާރުގައި ދެމައިން ގެއަށް ގެނެސްދިނެވެ. އެހެން ފަހަރަކުން އަންނަންވާނެ ކަމުގައި މައުރީންއަށް ޤައިސް ދައުވަތު ދިނެވެ. އަދި ނިކަން އަވަހަށް ޗުއްޓީ ހޭދަކޮށްލުމަށް ރިސޯޓަކަށް ދިއުމަށް ވެސް ޤައިސް ރޭވިއެވެ. މައުރީންގެ ސުކޫލު ޓެސްޓުތައް ނިމި ޗުއްޓީ ދުވަސްކޮޅަކަށް ވާތީއެވެ. އެކަމާ މައުރީން ހުރީ ނުހަނު އުފަލުންނެވެ. މިހާ އަވަހަށް ރުބީނާގެ ދަރިފުޅު ޤައިސް ބަލައިގަނެފާނެއެކޭ ޚުދު އޭނާ ވެސް ޤަބޫލެއްނުކުރެއެވެ.

"ދޮންބެއަށް އެނގޭތަ..." ގެއަށް އާދެވުނު ގޮތަށް މައުރީންގެ ކަމަކަށްވީ ޤައިސްގެ މުއްސަނދިކަމުގެ ވާހަކަ ނިޔާނުގެ ގާތުގައި ދެއްކުމެވެ.

"މަންމަ މީހަކާ ގުޅެން ވިސްނާހެން އަހަންނަށް ހީވަނީ" ދެމަފިރިން ކޮޓަރީގައި އެކަނިވުމުން އައިރާ ބުންޏެވެ.

"އަހަންނަށް ވެސް މިހާރު ހީވޭ ތިހެން. މަންމައަށް ފެންނަގޮތަކަށް ކަންތައް ކުރަން ދޫކޮށްލިއްޔާ ރަނގަޅުވާނީ... އަހަރުމެން އެކަމަށް އެއްޗެއް ބުނާނެކަމެއްނެތް" ނިޔާނު އޭނޭގަ ޚިޔާލު ހުރިގޮތް ބުންޏެވެ.

* * * *

އަވަސްކަމާއެކު ދުވަސްތައް ދިޔަ ގޮތް ވެސް އައިރާއަށް ނޭނގުނެވެ. އަނެއްކާ ވެސް ފިރިމީހާއާ ވަކިވުމުގެ ވަގުތީ ސަލާމް ކުރަން ޖެހުނީއެވެ. މިފަހަރު ކަންބޮޑުވަނީ ގޭގައި އެކަނި ހުންނަން ޖެހޭނެތީއެވެ. ނިޔާނު އެއަރޕޯޓަށް ދިއުމަށް ތައްޔާރުވަމުން ދިޔައިރު ރުބީނާ ތައްޔާރުވަމުން ދިޔައީ މައުރީން ގޮވައިގެން ޤައިސްގެ އެދުމަށް ރިސޯޓަށް ދިއުމަށެވެ. އައިރާ އެކަނި ހުންނަން ޖެހޭނެތީވެ އެކަމާ ނިޔާނު ވެސް ވިސްނިއެވެ.

"ނިޔާނު... މަންމަމެން ދާން މި ދަނީ" ހަމަޖެހިލާފައި ރުބީނާ ބުންޏެވެ. ނިޔާނާ ސަލާމްކޮށްލާފައި މައުރީނާއި ރުބީނާ ގެއިން ނުކުމެގެން ދިޔައެވެ. އެމީހުން ދިއުމާއެކު ނިޔާނު ވަރަށް އަވަހަށް އެބަ އަންނަން ކަމުގައި ބުނެ އެޕާޓްމެންޓުން ނުކުތެވެ. އައިރާ ސިޓިންރޫމުގައި މަޑުކޮށްލައިގެން ހުއްޓެވެ.

"ބައްޕަ... ބައްޕަ އެބައުޅޭތަ؟" ނިޔާނު ނިކަން އަވަހަށް އަހާލިއެވެ.

"މިވަގުތުވާނީ އޮފީހުގަ... ކިހިނެއްވީ؟ ކަމަކުތަ؟" އަވަސްއަރުވާލާފައި ނިޔާނު ހުރިވަރުން ޝިމްލާ ސުވާލުކޮށްލިއެވެ.

"ފުރަން ދާތީ" ނިޔާނު ބުނެލިއެވެ.

"ބައްޕައަށް ގުޅާލަބަލަ... ނިޔާނު ގުޅައިފިއްޔާ ފޯނު ނަގާނެ" ޝިމްލާ ބުނެލިއެވެ. ނިޔާނު ބޯޖަހާލާފައި ސިޑިން ތިރިއަށް އައެވެ.

"ބައްޕާ! ވަރަށް ބޮޑުކަމަކު އެދެންވެގެން... މަންމަމެން އަންނަންދެން އައިރާގެ ހާލު ބަލާލަ ދެއްޗޭ... އޭނާ އެކަނި އުޅޭނީ... މަންމައާއި މައު ވެސް ރަށަކުނެތް... އެމީހުން އަންނާނީ ހަފްތާއެއްވަރު ފަހުން... އަހަރެން ވެސް މިދަނީ ފުރަންދާން"

"ބައްޕައަށް މިވަގުތު ގެއަށް ދެވޭކަށްނެތް... އައިރާއާ މެދު ނިޔާނު ނުވިސްނާ... ބައްޕަ ތިކަންކޮށްދޭނަން... ހިތްހެޔޮކުރާތި... ބަލައިގެން އުޅޭތި އިނގޭ... ބައްޕައަށް ގުޅާލައްޗޭ ދޭތެރެއަކުން" ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރި ނިޔާނަށް އަމީރުގެ އަޑު އިވެމުންދިޔައެވެ. މިވަގުތު އަމީރު ނޫނީ އައިރާގެ މައްޗަށް ރައްކާތެރިވާނޭ މީހަކު ނެތްކަން ނިޔާނަށް އެނގެއެވެ. ފޯނުކޯލު ނިންމާލާފައި ނިޔާނު އައިސް އެޕާޓްމެންޓަށް ވަނުމާއެކު ސޯފާގައި އިން އައިރާ ތެދުވިއެވެ. (ނުނިމޭ)