ބޮލީވުޑް

"އެންއެޗް 10"ގެ ވެސް ސީކުއަލްއެއް

Mar 30, 2015

“އެންއެޗް 10”އަކީ ހުރިހާ ގޮތަކުންވެސް އަނުޝްކާ ޝަރްމާއަށް ވަަރަށް ހާއްސަ ފިލްމެކެވެ. ބަތަލާއިންނަށް ހާއްސަ މިފިލްމުގައި އަނުޝްކާ ލީޑް ރޯލުން ފެނިގެން ދިއުމުގެ އިތުރުން، މި ފިލްމަކީ އަނުޝްކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ތައާރަފުވި ފުރަތަމަ ފިލްމެވެ.

މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ތިން ފިލްމުގެ ތެރޭގައި މި ފިލްމް ހިމެނިގެން ދިއުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރުން މިފިލްމުގެ ސީކުއެލް އެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް ފިލްމު ކޯ-ޕްރޮޑިއުސް ކޮށްފައިވާ ފެންޓޮމް ފިލްމުގެ ފަރާތުން ވާހަކަ ދެއްކި މަދޫ މަންތެނާ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

މީޑިއާ އާއި ވާހަކަ ދައްކަމުން މަދޫ ބުނީ، މި ފިލްމުގެ ކާމިޔާބީއާއެކު ފިލްމުގެ ޕޮރޮޑިއުސަރުން ވަނީ ފިލްމުގެ ސީކުއެލް ހަދަން ނިންމާފައި ކަމަށާއި މިފިލްމުގެ ނަމަކީ "އެންއެޗް 12”ކަމަށެވެ.

"އެންއެޗް 12" އަކީ މިފިލްމުގެ ސީކުއަލް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މިފިލްމުގެ މަސައްކަތް ފެށޭނެ" މަދޫ ބުންޏެވެ.

މިފިލްމަކީ ވެސް "އެންއެޗް 10" ގޮތަށް ރޯޑް ޓްރިޕްގައި ދިމާވާ ހާދިސާއެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށާއި ފިލްމާއި ބެހޭގޮތުން އަދި މާގިނަ ވާހަކަ މީޑިއާއި ހިއްސާކުރެވެން ނެތްކަމަށް ވެސް ބުނެފައިވެ އެވެ.

"މިފިލްމްވެސް ބިނާވެގެން ވަނީ "އެންއެޗް 10" ކަހަލަ އަނދިރި ފަރާތް ދައްކުވައިދޭ ވާހަކައަކަށް" މަދޫ ބުންޏެވެ.

މިފިލްމާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ހިއްސާކޮަށްފައިނުވާ އިރު، ފިލްމަށް ދީފައިވާ ނަމަކީ މަދްޔަ ޕްރަދޭޝްގެ ޖަދަލްޕުރް އިން ރާޖަސްތާންގެ ޖެއިޕުރް އަށް ދެވެން އޮންނަ ހައިވޭއަަކަށް ކިޔާނަމެވެ.

މީގެއިތުރުން "އެންއެޗް10"ގެ ބަތަލާ އަނުޝްކާ ޝަރްމާ މިފިލްމުން ފެނިގެންދާނެ ކަން ނުވަތަ ނޫންކަން ވެސް ހާމަކޮށްފައެއް ނުވެ އެވެ.