ކޮންމެ ދުވަހެއްގެ ހަވީރު އޮފީސް ނިންމާފައި ގެއަށްދާ އިރު މަޖީދީ މަގުން އެ އަންހެން މީހާ ފެނެ އެވެ. އާންމުކޮށް އެމީހާ ހުންނަނީ ޕީޖީ އޮފީސް، އީވޯ ހޯމް ހުންނަ ހިސާބުގަ އެވެ. ބައެއް މީހުން އޭނަ ކައިރިއަށް މީހުން މަޑުވެސް ކުރެ އެވެ. އެކަމަކު އެ ކުރާ ކަމެއް ފެނުނީ ދެ ތިން ދުވަސް ފަހުންނެވެ. ކޮންމެ ހަވީރަކު ނިކުމެ މި ބިދޭސީ އަންހެނާ ކުރާ ކަމަކީ މާ ވިއްކުމެވެ. އަދި އެ މާގަންނަން އެތައް ބަޔަކު ގޮސް ތިބެ އެވެ.
ފުރަތަމަ މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. މަލަކީ މާ ޝައުގުވެރި އެއްޗަކަށް ނުވާތީ އެވެ. އެމީހާ އެހެން ހުންނަތާ އެތައް ދުވަހެއް ފަހުން އެމީހާ އާ ވާހަކަ ދައްކާލަން ހިތަށް އެރި އެވެ. އެހެން ކަމުން އޭނާ އާއި ވާހަކަ ދައްކާލަން މަޑުކޮށްލީމެވެ.
"ދައްތާ.. ޗަމްޕާ ޕޫލް މާ ގަންނާނަންތަ؟ 10 ރުފިޔާ އަށް ތިން މާ!" ކަޅު ކުލައިގެ ހެދުމަކާއި ދިގު ތިރިއެއް ލައިގެން ހުރި އެމީހާގެ ކޮށި ދިވެހި ބަހުން އަހާލަ އެވެ.
ކަމަލަ ނަމަކަށް ކިޔާ އެ މީހާ ބުނި ގޮތުގައި އޭނާއަކީ މާލޭގެ ގެއެއްގައި ކައްކަން އުޅޭ މީހެކެވެ. މާ ވިއްކަން ނުކުންނަނީ ކައްކާ ނިންމުމަށްފަހު ހަވީރު ގަޑީގައި ލިބޭ ހުސްވަގުތު ތަކުގައި ފޫހި ފިލުވާލާށެވެ. ރާއްޖޭގައި އެމީހާ އުޅޭތާ ހަތަރު އަހަރު ވެފައިވާ އިރު މާ ވިއްކަން ފެށިތާ މިއި ދެވަނަ އަަހަރެވެ. ކަމަަލަ ބުނި ގޮތުގައި އޭނަ މާ ހޯދަނީ ދިރިއުޅޭ ގޭގައި ހުންނަ ގަހަކުންނެވެ.
ޗަމްޕާ ޕޫލް މަލަކީ އޭގައި ވަރަށް މީރުވަހެއް ހުންނަ މަލެކެވެ. އެދުވަހު ދިޔައީ އޭނަ އަތުން މާ ގަނެގެންނެވެ. އެމަގުން އެގަޑީގައި ހިނގާ ގިނަ މީހުން މާ ގަނެ އެވެ. އަދި ޓެކްސީ ޑްރައިވަރުންވެސް އޭނަ ކައިރިއަށް މަޑުކޮށް މާ ގަނެ އެވެ. ޗަމްޕާ ޕޫލް މަލުގެ މީރުވަސް ކާރު ތެރޭގައި ހިފުވާލަން ކަމަށްވެސް ވެދާނެ އެވެ.
ކަމަލަ އާއި މާގިނަ ވާހަކައެއް ނުދެއްކުނެވެ. މާ ގިނައިން ވާހަކަ ދައްކާހިއްވާ މީހެއް ނޫނީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ނުދަންނަ މީހެއްވެ ވާހަކަ ނުދެއްކީ އެވެ. ވަރަށް ގިނަ އެއްޗެހި އަހައިގެން އޮޅުން ފިލީ މަދު އެއްޗެކެވެ. މާ ވިއްކައިގެން ލިބޭ އާމްދަނީވެސް މާ ރަނގަޅަކަށް އޮޅުމެއް ނުފިލި އެވެ. ކަމަލަ ބުނި ގޮތުގައި މާ ވިއްކައިގެން ލިބޭ ފައިސާ ކޮންމެ ދުވަހަކުވެސް އޭނާގެ "ބޮސް" އާ ހަވަލު ކުރެއެވެ.
"އަހަރެން ރޯދަ މަހަށް މާ ވިއްކުން ނިންމާލަނީ. ދެން ވިއްކަނީ ރޯދަ މަސް ނިންމާފައި. ޑިސެމްބަރުގައި އެއްކޮށްދަނީ އިންޑިއާ އަށް،" އިރުއޮއްސެން ގާތްވެފައި ހުރުމުން ނިކަން އަވަސް އަރުވާލާފައި އެހެން ބުނެފައި އޭނާ ޖެހިގެން ހުރި ގޯޅިއަކަށް އަޅައިގެން ހިނގައްޖެ އެވެ.