ދުނިޔެ

"ބޮންތަކުގެ މަންމަ" ބޮން އެމެރިކާއިން އަފްޣާނިސްތާނަށް ވައްޓާލައިފި

Apr 13, 2017
4

ނިއުކްލިއަ ބޮންތައް ފިޔަވައި އެމެރިކާއިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ބޮން އަފްޣާނިސްތާނަށް އަޅައިފި އެވެ.

ޖީބީޔޫ-43/ބީ މެސިވް އޯޑިނެންސް އެއާ ބްލާސްޓް (މޯބް) ނަމަކަށް ކިޔާ އެ ބޮން އެމެރިކާއިން ހަނގުރާމައެއްގައި ބޭނުންކުރި މިއީ ފުރަތަމަ ފަހަރެވެ. އެމެރިކާއިން އެ ބޮން އެޅީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށެވެ. އެމެރިކާއިން އެ ބޮން އެޅީ މިއަދުގެ ވަގުތެއްގައި ކަމަށް އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުންޏެވެ.

އައިއެސް ހަނގުރާމަވެރިން ހަރަކާތްތެރިވާ ފަރުބަދައެއްގެ ހޮހަޅަ ތަކަކަށް އަމާޒުކޮށް ބޮން ވައްޓާލީ މީހުންނާ ނުލައި އުދުހޭ އެމްސީ- 130 މަރުކާގެ މަތިންދާ ބޯޓަކުންނެވެ. ބޯޓް އޮޕަރޭޓް ކުރީ އެމެރިކާގެ ވައިގެ ސިފައިންގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުންނެވެ. ބޮން އެޅުމުގެ ހުއްދަ ދިނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ޖޯން ނިކޮލްސަން އެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި ބޮން އެޅީ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގެ އަޗިން ޑިސްޓްރިކްޓްގެ ސަަރަހައްދަކަށެވެ. އެމެރިކާ ސިފައިން މިހާރު ދަނީ ބޮމުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއްތޯ ބަލަމުންނެވެ.

އިރާގު ހަނގުރާމައިގެ ދުވަސްވަރު އުފެއްދި މޯބް އަކީ ދިގުމިނުގައި 30 ފޫޓް، ބުރަދަނުގައި 10300 ކިލޯ ހުންނަ ބޮމެކެވެ. އެބޮމުގެ ގޮވުމުގެ ބާރުމިނަކީ 11 ޓަން ޓީއެންޓީއެވެ. އެމެރިކާއިން އެ ބޮން އެންމެ ފުރަތަމަ ޓެސްޓް ކުރީ 2003 ވަނަ އަހަރު އެވެ.