މޯލްޑިވިއަން އައިޑޮލް

ޖަޖުން ވަރަށް "ނައްޓާފަ"، މިވަނީ ކިހިނެއް؟

"މިހާ ހިސާބަށް އަންނައިރު މިއަށްވުރެ މާ ސަޅިވާން ޖެހޭނެ، އެ އެއްޗެއް އަހަންނަކަށް ނުފެނޭ،" ޖަޖު އައްފާންގެ ރުޅިގަނޑު ފަޅައިގެން ގޮސް ބުނީ މިހެނެވެ.

މިއީ މޯލްޑިވިއަން އައިޑޮލްގެ މިރޭގެ ޝޯގެ ޓްރެއިލާ ފެށިގެން ދިޔަ ގޮތެވެ. ކުރީގެ ޓްރެއިލާތަކުގައި ރީތި ލަވަތަކާއި ހެއްވާ މަޖާ މަންޒަރުތައް ފެނުނު ނަމަވެސް މިރޭގެ ޝޯގެ ޓްރެއިލާ ވަރަށް ތަފާތެވެ. މުޅިން ވެސް ފެންނަނީ ޓެންޝަނެވެ. ބައިވެރިންގެ މޫނު މަތިން ވެސް ޖަޖުންގެ މޫނު މަތިން ވެސްމެ އެވެ. އައްފާނު އިންތިހާއަށް ރުޅި އައިސް އިނދެ، ލަވަތަކުގެ ހުށަހެޅުމުގެ ފެންވަރު ދަށް ކަމަށް ބުނާއިރު އެ ކޮމެންޓަށް ޖަޖު އުނޫޝާ ނުރުހުންވާ މަންޒަރު ވެސް ފެނެ އެވެ.

އައްފާންގެ ކޮމެންޓަށް އުނޫޝާ ނުރުހުން ފާޅުކުރާއިރު ވަރަށް އުފާވެ، ހިތްހަމަޖެހިގެން އިނދެ އުނޫޝާ ބައިވެރިއަކަށް ކޮމެންޓް ވެސް ކުރެ އެވެ.

"ފެންޓާސްޓިކް ހަމަ ވަރަށް ސަޅި ޕާފޯމެންސެއް ތި ދިނީ،" ޓްރެއިލާގައި އުނޫޝާ ބުނެ އެވެ.

ހިތްހަމަޖެހި އިންދާ ފެނުނީ އުނޫޝާ އެކަންޏެވެ. އަބަދު ސަކަރާތް ޖަހާ ޖަޖު އިއްބެގެ ރުޅިގަނޑު ވެސް ހުރީ ވަރަށް މަތީގަ އެވެ. މިފަހަރު ދިނީ ހަގީގަތުގައި ވަރަށް ތަފާތު ކޮމެންޓެކެވެ. ކޮމެންޓް ފެށީ ވެސް ރުޅި އައިސް އިންކަން ހާމަ ކުރަމުންނެވެ.

"ރުޅި އައިސްފަ ބުނެލަން ބޭނުން ވަނީ ތި ނޫން އެހެން ލަވައެއް ނަގަން ވެއްޖޭ އަސްލު،" އިއްބެ ބުނެ އެވެ.

ޖަޖުންގެ ނުރުހުންތަކާއި ދެބަސްވުންތައް މިރޭގެ ޝޯގައި މިހާ ބޮޑު މިވަނީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އެއެއް އެނގޭނީ މިރޭގެ ޝޯ ކުރިއަށްދާ މިންވަރަކުންނެވެ. އެނގޭހާ ވެސް އެއްޗަކީ މިރޭގެ ޝޯ ވަރަށް ހޫނުވާނެ ކަމެވެ. އެ ހޫނު ކަމުގައި ޝޯގައި ކަންތައްތައް ވެގެން ދާނެ ގޮތަކީ ޝައުގުވެރި ކަންތައްތަކަކަށް ވާނެ އެވެ.

މިރޭގެ ޝޯގެ ތީމަކީ ދިވެހިރާއްޖެ އެވެ. ރާއްޖެއާ ގުޅޭ ގޮތުން ހަދާފައިވާ ރީތި ލަވަތަކެއް މިރޭ އިވިގެން ދާނެ އެވެ. ނަމަވެސް ބައިވެރިންނަށް އެ ލަވަތައް ހުށަހަޅައިދިނުމުގައި ކާމިޔާބު ހޯދިދާނެބާވަ އެވެ؟