ދުނިޔެ

ވެރިކަމަށް 100 ދުވަސް ނުވަނީސް ޓްރަމްޕް ފުށުން ޖެހެނީ!

Apr 14, 2017
1

ވެރިކަމަށް ވަޑައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ކުރެއްވީ އާދަޔާ ހިލާފު ކެމްޕޭނެކެވެ. މީހުންގެ ރުހުން ހޯއްދަވަން އުޅުއްވުމުގެ ބަދަލުގައި ކެމްޕޭން ދުވަސްވަރު އޭނާ ފާޅުކުރައްވަމުން ގެންދެވީ އެމެރިކާގެ މީޑިއާ ތަކާއި ދުނިޔޭގެ ވެރިން ވެސް ނުރުހޭ ފަދަ ސިޔާސަތުތަކެވެ. ރައީސްކަން ލިބިވަޑައިގެންފި ނަމަ ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވަމުން ގެންދެވީ އެމެރިކާގެ މައި ދެ ޕާޓީގެ އާއްމު ރައުޔާ ހިލާފު ސިޔާސަތު ތަކެކެވެ.

ޓްރަމްޕްގެ ސިޔާސަތު ތަކުގެ ތެރެއިން އެމެރިކާގެ ރައްޔިތުންނާއި އެގައުމުގެ ބައިވެރިން އެންމެ ކަންބޮޑުވި ބައެއް ސިޔާސަތު ތަކަކީ ރަޝިޔާއާއި ގުޅުން ބަދަހި ކުރުމާއި ޗައިނާ ފަދަ ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުންތައް ހަނި ކުރުމުގެ ސިޔާސަތެވެ. ދެން އެމެރިކާ ބައިވެރިވާ ބާރުގަދަ އަސްކަރީ ޖަމިއްޔާ ނޭޓޯ ބަލިކަށިވާ ގޮތަށް ގެންގުޅުއްވި ސިޔާސަތެވެ. ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުގައި ހުންނެވިޔަސް ރަނގަޅުވެދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ އޭރު ވިދާޅުވެފަ އެވެ.

ރަޝިޔާ

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޓްރަމްޕް ވިދާޅުވީ ރަޝިޔާއާ ގުޅުން ބަދަހި ކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށެވެ. ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެކަން ވެދާނެ ކަމަށެވެ. ނުވަތަ ނުވެ ވެސް ހިނގައިދާނެ ކަމަށެވެ. ޓްރަމްޕްގެ އެ ސިޔާސަތަކީ ޔަގީނުން ވެސް ޔޫރަޕްގައި ތިބި އެމެރިކާގެ ބައިވެރިން ހިތްހަމަ ޖެހޭނެ ސިޔާސަތެއް ނޫނެވެ. ޔޫރަޕްގެ ބާރު ގަދަ ގިނަ ގައުމުތަކަކީ ރަޝިޔާ އެކަހެރި ކުރަން ބޭނުންވާ ގައުމުތަކެކެވެ. ޔުކްރޭންގެ ބައެއް ކަމަށްވާ ކްރައިމިއާއަކީ ރަޝިޔާގެ ބައެއް ކަމަށް އިއުލާން ކުރުމާއި ސޫރިޔާ ހަނގުރާމައިގައި އެ ގައުމުގެ ރައީސް ބައްޝާރުލް އަަސަދަށް މަދަދު ކުރުމުން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް އޮންނަ ނަފުރަތު ވަނީ އިތުރު ވެފައެވެ.

ރަޝިޔާއާ ބެހޭ ގޮތުން ޓްރަމްޕް ގެންގުޅުއްވި ސިޔާސަތު މިހާރު ވަނީ މުޅިން ބަދަލު ކުރައްވާފަ އެވެ. ފާއިތުވި ހަފްތާގައި އޭނާ ވިދާޅުވީ ރަޝިޔާއާ އެމެރިކާއާ ދެމެދު އޮތް ގުޅުން މިހާރު ވަނީ ދުވަހަކުވެސް ގޯސް ނުވާ ވަރަށް ގޯސްވެފައި ކަމަށެވެ.

"މިހާރު އަހަރެމެންނަށް ޕުޓިން އާއެކު އެއްގޮތަކަށް ވެސް ކުރިއަށް ދެވޭކަށް ނެތް. ގުޅުމުގެ ގޮތުން އަހަރެމެން މިހާރު މިތިބީ އެންމެ ދަށުގައި ކަމަށް ވެދާނެ،" ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ޗައިނާ

ރިޔާސީ އިންތިހާބުގެ ދުވަސް ވަރު ޓްރަޕް ވިދާޅުވީ ޗައިނާއިން "އެމެރިކާގެ އިގުތިސާދުގެ އިތްފަތްތެރިކަން ނަގައިލަމުންދާ" ކަމަށެވެ. އެމެރިކާއާ ކުރާ ވިޔަފާރީގައި ބޮޑު ފައިދާ ވަނީ ޗައިނާއަށް ކަމަށާއި އެކަން ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އުތުރު ކޮރެއާއިން ސަރަހައްދަށް ފަތުރާ ބިރުގެ މައްސަލަ ހައްލުކުރަން ޗައިނާއިން މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ކުރެއްވިއެވެ.

ނަމަވެސް ޓްރަމްގެ ދައުވަތަކަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާއަށް ވަޑައިގެންނެވުމުން ޓްރަޕްގެ ރާގު ވަނީ މުޅިން ބަދަލުވެފައެވެ. އޭނާ ވިދާޅުވީ "ޝީ ބޭނުން ވަނީ ރަނގަޅަށް ކަންތައް ކުރައްވަން" ކަމަށެވެ.

"އަހަރެންނަށް ހީވަނީ އޭނާ [ޝީޖިންޕިން] އުތުރު ކޮރެއާ މައްސަލައިގައި އަހަރެމެންނަށް އެހީވާން ބޭނުންވާހެން. އަހަރެމެން ވިޔަފާރިއާ ބެހޭ ގޮތުން ވާހަކަ ދެއްކިން. އަހަރެމެން ގިނަ ކަންތައްތަކަކާ ބެހޭ ގޮތުން ވާހަކަ ދެއްކިން" ފްލޮރިޑާގެ ޕާމް ބީޗްގައިވާ ޓްރަމްޕްގެ އެސްޓޭޓް، މާރާލާގޯގައި ޝީއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ނޭޓޯ

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޓްރަމްޕް ވިދާޅުވަމުން ގެންދެވީ ނޭޓޯގެ ގައުމުތަކުން ދިފާއީ ކަންކަމަށް އެކަށީގެންވާ ވަރަށް ހަރަދު ނުކުރާ ކަމަށާއި އެހެންވެ، ހުރިހާ ބުރައެއް އުފުލަން ޖެހެނީ އެމެރިކާއިން ކަމަށެވެ. އެހެންވީމާ ނޭޓޯއަކީ އެއްވެސް ބޭނުމެއް ނުހިފޭ ޖަމާއަތެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގްއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އެބަސްފުޅު އަނބުރާ ގެންދަވާފަ އެވެ.

"ސެކްރެޓަރީ ޖެނެރަލްއާ އަޅުގަނޑާ މަޝްވަރާކުރިން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް ނޭޓޯއަށް އިތުރަށް ކުރެވޭނީ ކޮންކަމެއްތޯ. އަޅުގަނޑު ވަރަށް ކުރިން ޝަކުވާ ކުރިން އެކަމާ. މިހާރު އެމީހުން ވަނީ ބަދަލެއް ގެނެސްފައި. މިހާރު އެމީހުން ޓެރަރިޒަމާ ހަނގުރާމަކުރޭ. އަޅުގަނޑު ބުނިން އެ ޖަމާއަތަކީ ބޭނުމެއް ނުހިފޭ ޖަމާއަތެކޭ. މިހާރު އެ ޖަމާއަތަކީ ބޭނުމެއް ނުހިފޭ ޖަމާއަތެއް ނޫން،" ނޭޓޯއާމެދު ގެންގުޅުނު ސިޔާސަތު ބަދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އަސަދު

ސޫރިޔާގެ ވެރިކަމުގައި އަސަދު ހުންނެވިޔަސް ހެޔޮ ކަމަށާއި ޓެރަރިސްޓުންނާ ހަނގުރާމަ ކުރާ ނަމަ އަސަދަށް ވެސް މަދަދު ކުރައްވަފާނެ ކަމަށް ދޭހަވާ މޭރުމަކުން ޓްރަމްޕް ކުރިން ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް ސޫރިޔާގެ އިދުލީބް ޕްރޮވިންސްގެ ޚާން ޝައިޚޫންއަށް ދިން ކެމިކަލް ހަމަލާއަށް ފަހު ޓްރަމްޕް ވަނީ އަސަދު ދެކެ ވަރަށް ބޮޑަށް ކޯފާވެފަ އެވެ. އެހެންވެ، އަސަދާ ދެކޮޅަށް ފިޔަވަޅު އެޅުއްވީ ވަރަށް އަވަހަށެވެ. އަސަދުގެ އެއާ ބޭހަކަށް 59 ކްރޫޒް މިސައިލް ފޮނުވާލީ އެހެން ބަޔަކާ މަޝްވަރާ ވެސް ނުކުރައްވަ އެވެ. އޭގެ ފަހުން ވިދާޅުވީ އަސަދަކީ ގާތިލެއް ކަމަށެވެ.

ބަދަލުވީ ކީއްވެ؟

ޓްރަމްޕްގެ ސިޔާސަތުތަކަށް އައި ބަދަލުތަކާ ބެހޭ ގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާއާ ސީއެންއެން އިން ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ "ހާލަތްތައް ބަދަލުވާ" ކަމަށެވެ.

ޗައިނާއާ ބެހޭ ގޮތުން ސްޕައިސާ ވިދާޅުވެފައި ވަނީ އެ ގައުމުން ކަންތައްތައް ރަނގަޅުކޮށްފައިވާ ކޮށްފައިވާ ކަމަށެވެ. އެގައުމުގެ ކަންތައް މިހާރު ހުރީ ކެމްޕެއިން ދުވަސްވަރު އޮތް ގޮތަށް ނޫން ކަމަށެވެ.

ޓްރަމްޕްގެ ސިޔާސަތުތައް ބަދަލުވީ ސިޔާސީ ކަންކަމުގައި އޭނާއަށް ކުރިން އިރުޝާދު ދެއްވި ސްޓެފަން ބެނޮންއަށް ފާޅުގައި ފާޑު ވިދާޅުވި ފަހުން ކަމަށް ވުމީ އިއްތިފާގެއް ނޫނެވެ. ބެނަންގެ އެ މަގާމު މިހާރު ވަނީ ދަށް ކުރައްވާފަ އެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބެނަން ވަނީ ދުރު ކުރައްވާފަ އެވެ. އޭގެ ބަދަލުގައި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާއާއި ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ނުފޫޒު ސަރުކާރުގައި ވަނީ ގަދަ ކުރައްވާފަ އެވެ. އެ ދެބޭފުޅުންނަކީ ބެނަން ފަދަ އެމެރިކާގެ އާއްމު ސިޔާސަތުތަކާ ދެކޮޅު ބޭފުޅުންނަށް ނުރުއްސަވާ ބައެކެވެ. ޓްރަމްޕްގެ ސިޔާސަތު ތަކަކަށް ބަަދަލު އައީ އެހެންވެ ކަމަށް ވެދާނެ އެވެ.