ރާއްޖެ ކުޅިވަރު

ކުޅުދުއްފުށީގައި މުޅި ރާއްޖެއަށް ރޭސިން މުބާރާތެއް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ހދ. ކުޅުދުއްފުށީގައި ސައިކަލް އަދި ކާރު ރޭހެއް ބާއްވަން ހަމަޖެހިއްޖެ އެވެ. މި މުބާރާތަކީ އެމްއެމްއާރްއޭ އާއި ގުޅިގެން ކުޅުުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމްކުރާ މުބާރާތެކެވެ.

މިއީ ކުޅުދުއްފުށީގައި ބާއްވާ މިފަދަ ހަތަރު ވަނަ ރޭހެވެ. އާ އަހަރާއި އީދާ ދިމާކޮށް ވެސް ކުޅުދުއްފުށީގައި ވަރަށް ކާމިޔާބު ރޭހެއް ބާއްވާފައިވެ އެވެ.

ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްގެ މެނޭޖަރު ޖައުފަރު އަލީ ވިދާޅުވި ގޮތުގައި މި ރޭސިން އިވެންޓުގައި ނުވަ ރޭހެއް އޮންނާނެ އެވެ. އެއީ، 110ސީސީ އިވެންޓް ޑްރެގް ރޭހާއި 125ސީސީ އިވެންޓް ޑްރެގް ރޭހާއި 135ސީސީ އިވެންޓް ޑްރެގް ރޭހާއި 150ސީސީ-250ސީސީ އިވެންޓް ޑްރެގް ރޭހާއި 250ސީސީ–400ސީސީ ޗޮޕާ ޑްރެގް ރޭހާއި އޯޕެން އިވެންޓް ޑްރެގް 110ސީސީ–250 ސީސީ ރޭހާއި ސުޕާ ބައިކް ޑްރެގް އަދި ކާރް ޑްރެގް ރޭހެވެ. އޭގެ އިތުރުން ސްޓަންޓް އިވެންޓް ވެސް އޮންނާނެ އެވެ.

އަންނަ މަހުގެ 19، 20 އަދި 21 ގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް 33 ފަރާތަކުން ސައިކަލް ރޭސްތަކުގައި ބައިވެރިވެފައިވެ އެވެ. ކާރު ރޭހުގައި ވެސް ދެ މީހަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ ޒުވާނުން ގިނަ ނަމަވެސް މާލެއިން ބައެއް ޒުވާނުން މުބާރާތުގައި ބައިވެރިވެފައިވެ އެވެ.

ޖައުފަރު ވިދާޅުވީ، އުއްމީދަކީ މުބާރާތުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވުން ކަމަށާއި މާލެއިން ބައިވެރިވާ ޒުވާނުންގެ އަދަދު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރޭހުގެ ޕްރެކްޓިސްތައް މާދަމާ ފަށާނެ އެވެ. ރޭހުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕްރެކްޓިސްތަކުގައި ބައިވެރިވެވޭނެ އެވެ. މި ރޭސްތައް ބާއްވަނީ 350 މީޓަރުގެ ޓްރެކެއްގަ އެވެ.