ދުނިޔެ

އުތުރުކޮރެ އާއި އެމެރިކާއާ ދެމެދު ކޮންމެ ހިނދަކުވެސް ހަނގުރާމަ ފެށިދާނެ

Apr 14, 2017
1

އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ކޮންމެ ހިނދަކުވެސް ހަނގުރާމަ ފެށިދާނެ ކަމުގެ ކަންބޮޑުވުން ޗައިނާއިން ފާޅުކޮށްފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ވިދާޅުވީ ހަނގުރާމައެއް ފެށިއްޖެ ނަމަ ކާމިޔާބު ލިބޭނެ އެއްވެސް ބަޔަކު ނެތް ކަމަށެވެ.

ވާން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އުތުރު ކޮރެއާއިން ނިއުކްލިއަ ހަތިޔާރު ތަރައްގީ ކުރާތީ އެމެރިކާއިން ކަންބޮޑުވުން ފާޅުކުރުން އިތުރުކޮށް، ކޮރެއަން ޕެނިންސިއުލާ ކަައިރިއަށް މަނަވަރުތައް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

އުތުރުކޮރެއާ އެމެރިކާއާ ދެމެދު ހިނގައިފާނެ ހަނގުރާމައަކާ މެދު ޗައިނާއިން ކަންބޮޑުވަނީ އެފަދަ ކަމެއް ހިނގައިފި ނަމަ، އުތުރު ކޮރެއާގެ ސަރުކާރު ރޫޅި، ޗައިނާއާ އެ ގައުމާ ގުޅޭ ސަރަހައްދީ ރޮނގު ހަމަނުޖެހުމަށް ވެއްޓިދާނެތީ އެވެ. ޗައިނާއިން ވަނީ ދެފަރާތުން ވެސް އެ ހާލަތު މެދުވެރިވިޔަ ނުދިނުމަށް ދެފަރާތަށް ވެސް ގޮވާލާފަ އެވެ.

ހަނގުރާމައެއްގެ ބިރުވެރިކަން ޗައިނާއިން ފާޅުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މައްސަލަތައް ހައްލުކުރުމަށް ފަސޭހައިން އަސްކަރީ ވަރުގަދަ ފިޔަވަޅުތައް އަޅުއްވާ ބޭފުޅެއްކަން ސާބިތުވާން ފެށުމުން ކަމަށް ބެލެވެއެވެ. ޓްރަމްޕް އެގޮތުން އެޅުއްވި ފުރަތަމަ ފިޔަވަޅަކީ ސޫރިޔާގެ ރައީސް އަސަދާ ދެކޮޅަށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާ އެވެ. އަދި އޭގެ ދެވަނަ ފިޔަވަޅެއް އެމެރިކާއިން އިއްޔެ ވަނީ އަޅާފަ އެވެ. އެއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ ކޮށާރުގައި ހުރި އެންމެ ބާރުގަދަ ހަތިޔާރުތަކުގެ ތެރެއިން ހަތިޔާރެއް ބޭނުން ކުރުމެވެ.

ޖީބީޔޫ-43/ބީ މެސިވް އޯޑިނެންސް އެއާ ބްލާސްޓް (މޯބް) ނަމަކަށް ކިޔާ އެ ބޮން އެމެރިކާއިން އިއްޔެ ވަނީ އައިއެސް މީހުން އުޅޭ ހޮހަޅަތަކަކަށް އަޅާފަ އެވެ. މިއީ އެމެރިކާއިން އެހަތިޔާރު ބޭނުންކުރި ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން އުތުރު ކޮރެއާއިން ބުނެފައި ވަނީ އެގައުމާ ދެކޮަޅަށް ހަމަލާއެއް ދީފި ނަމަ "ރަޙުމު ކުޑަ ގޮތަކަށް" ބަދަލު ހިފާނެ ކަމަށެވެ. މާދަމާ އަކީ އުތުރު ކޮރެއާގެ ބާނީ ކިމް އިލްސަން އުފަންވިތާ 105 އަހަރު ފުރޭ ދުވަހެވެ. އެދުވަހާ ދިމާކޮށް އުތުރު ކޮރެއާއިން ނިއުކްލިއަ ޓެސްޓެއް ކުރުމަކީ މިހާރު އެ ގައުމުގެ ބަސްމަގު ހުރި ގޮތުން، ކޮށްފާނެ ކަމަށް ބެލެވޭ ކަމެކެވެ. އެފަދަ ޓެސްޓެއް ކޮށްފި ނަމަ އެމެރިކާއިން އެގައުމަށް ހަމަލާދިނުން ގާތެވެ.

މަޝްރަހު މިހާ ބޮޑަށް ގޯސް ވުމުން ޗައިނާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން އުތުރުކޮރެއާ އާ ޗައިނާއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް 150000 ސިފައިން ވަނީ ފޮނުވާފަ އެވެ.