މޯލްޑިވިއަން އައިޑޮލް

ރުޅި ގަދަވެގެން އައްފާން ޝޯ ދޫކޮށްލައިފި!

މޯލްޑިވިއަން އައިޑޮލްގެ ޓޮޕް ހައެއްގެ ހުށަހެޅުން ފެނިގެން ދިޔަ ޝޯ މިރޭ ނިންމާލީ މުޅިން ތަފާތުކޮށެވެ. ޖަޖު އިސްމާއީލް އައްފާން ބައިވެރިންގެ ހުށަހެޅުމާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ޝޯ ދޫކޮށް ނުކުމެގެން ދިޔައީ އެވެ. މިހާރު އުފެދިގެން އުޅޭ ސުވާލަކީ އައްފާން އަސްލަށް ވެސް ޝޯ ދޫކޮށް ދިޔައީ ހެއްޔެވެ؟ ކުރިއަށް އޮތް ޝޯތަކުން ފެންނާނެ ހެއްޔެވެ؟ އައްފާން ޝޯ ދޫކޮށް ދިޔައީ އެއްކޮށް ހެއްޔެވެ؟ މިފަދަ އެތައް ސުވާލެއް ހިތު ތެރޭގައި މިހާރު އޮންނާނެ އެވެ.

ހިތްހަމަނުޖެހުުގެ ތެރޭގައި އައްފާން ވަނީ ޕީއެސްއެމްގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި މައްސަލައާ ބެހޭގޮތުން ޕީއެސްއެމްއާ މަޝްވަރާ ވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް އެކަން ހައްލު ކުރާނެ ވަކި ގޮތެއް ނުނިންމަ އެވެ.

"ޝޯ ދޫކޮށްލުމަށްފަހު ނުކުމެ އައްފާން ވަނީ ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކޮށް މައްސަލައާ ބެހޭގޮތުން މަޝްވަރާކޮށްފަ، ޝޯއާ މެދު އޭނާގެ ކަންބޮޑުވުން ފާޅުކުރި،" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު މިރޭ ވިދާޅުވި އެވެ.

ބައިވެރިން ހުށަަހަޅައިދިން ލަވަތަކާ ދޭތެރޭ އައްފާން ހިތްހަމަ ނުޖެހުން ފާޅުކުރުމުން އެހެން ޖަޖުންނާއި އައްފާން އާއި ދެމެދުވެސް ވަނީ ދެބަސްވުން ތަކެއް ހިނގާފަ އެވެ.

"އައްފާން އާއި މައްސަލަ ޖެހުނީ ޖަޖިން ޕެނަލްގައި، ދެން ބެލުންތެރިން ހިތަށް އަރާފާނެ އައްފާން އެއްކޮށް ދިޔައީ ހެއްޔޭ؟ އެއަށް އަދި މިވަގުތު ބުނެލަން އޮތީ ޕީއެސްއެމް އާއެކު ހަދާފައި އިން އެގްރީމެންޓް އެބައޮތޭ،" ޝާޔަން ވިދާޅުވި އެވެ.

ގަދަ ހައެއްގެ ހުށަހެޅުމުގައި އައްފާން ހިތްހަމަނުޖެހިގެން ނުކުމެގެން ދިޔައީ ހުރިހާ ހުށަހެޅުމަކަށްފަހު ޖަޖު އުނޫޝާ ބައިވެރިންނަށް ތައުރީފްކުރުމުން އެކަމާ ހިޔާލު ތަފާތުވެގެންނެވެ.

އުނޫޝާ ކުދިންނަށް ތައުރީފް ކުރުމުން އައްފާން އެކަމަށް ފާޑު ކިޔާފައިވެ އެވެ. ކުދިންނަށް އުނޫޝާ ސަޕޯޓު ކުރުމުންވެސް އައްފާން ހިތްހަމަ ނުޖެހުނެވެ. އައްފާން ބުނީ، މިހާ ހިސާބަށް އަންނައިރު ބައިވެރިންގެ ފަރާތުން އެ ފެންވަރު ފެންނަން ޖެހޭނެ ކަމަށެވެ. އަބަދު އެމީހުންގެ ތައުރީފު ކުރަން ތިބިގެން ނުވާނެ ކަމަށެވެ. ކުޑަ އިއްބެ ވެސް ހިތްހަމަ ނުޖެހުން ފާޅު ކުރިއިރު އުނޫޝާ ވަނީ ކުދިންނަށް ސަޕޯޓު ކުރުމުގެ މުހިންމު ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އެކަމާ އިއްބެވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

"މިހާ ހިސާބަށް އަންނައިރު މިއަށްވުރެ މާ ސަޅިވާން ޖެހޭނެ، އެ އެއްޗެއް އަހަންނަކަށް ނުފެނޭ،" ބައިވެރިންގެ ލަވަތަކާއި ދޭތެރޭ ހިތްހަމަ ނުޖެހުން ފާޅުކޮށް ރުޅިގަދަވެގެން އައްފާން ބުންޏެވެ.

ކުޑަ އިއްބެވެސް ވަނީ ބައެއް ބައިވެރިންނަށް އެބައިވެރިން ނަގާފައިވާ ލަވަތައް ނޫން ލަވަތައް ނަގަން ޖެހޭ ކަމަށް ބުނެފަ އެވެ.