ފަލަސްތީން

ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭނެ: ޗައިނާ

Apr 15, 2017
1

މިނިވަން ދައުލަތެއް ގާއިމްކުރުމުގެ ފުރުސަތު ފަލަސްތީނަށް ލިބެން ޖެހޭނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ މިހެން ވިދާޅުވީ ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކީއާ ބައްދަލު ކުރެއްވުމަށް ފަހުއެވެ.

މިޑުލް އީސްޓް މޮނިޓާ ނޫހުން އިއްޔެ ބުނީ ޗައިނާގެ މަންދޫބުން އިސްރާއީލާއި ފަލަސްތީނުގެ ސަރަހައްދުތަކަށް ދޭތެރެ ދޭތެރެއިން ޒިޔާރަތް ކުރައްވާ ކަމަށެވެ. ޗައިނާއަކީ މެދު އިރުމަތީގެ ތެލަށް ބަރޯސާ ކުރާ ގައުމަކަށް ވިޔަސް އެ ސަރަހައްދުގެ ކަންކަމާ މެދު ޗައިނާއިން މީގެ ކުރިން ބަހެއް ނުކިޔަ އެވެ. ނަމަވެސް މާލިކީއާއެކު ވާން ޔީ އިއްޔެ ބޭއްވެވި ގުޅިފައިވާ ނޫސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ޔަހޫދީ ދައުލަތް އުފައްދުމުގެ ގަރާރު އދ. އިން ފާސްކުރިތާ 70 އަހަރުވީ އިރުވެސް ފަލަސްތީނު މީހުންނަށް އެމީހުންގެ މިނިވަން ދައުލަތެއް ގާއިމް ކުރަން ފުރުސަތު ދީފައި ނުވާ ކަމަށެވެ.

"މިއީ ބޭއިންސާފެއް. ތާރީހީ މިފަދަ ބޭއިންސާފު ކަންތައްތައް ރަނގަޅު ކުރަން ޖެހޭނެ. މިކަން މިގޮތަށް ކުރިއަކަށް ނުގެންދެވޭނެ،" ވާން ޔީ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އިސްރާއީލާއި ފަލަސްތީނު މީހުންނާ ދެމެދު ސުލްހައިގެ ވާހަކަތައް ފަށަންވީ ވަގުތު ޖެހިފައިވާ ކަމަށެވެ.

ނޫސްކޮންފަރެންސްގައި މާލިކީ ވިދާޅުވީ ސުލްހައަށް ޗައިނާއިން ކުރާ މަސައްކަތް ފަލަސްތީނުން ބަލައިގަންނަ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

"އަހަރެމެންގެ ސަރަހައްދަށް ސުލްހަ ގެންނަން މިކަހަލަ އިތުރު މަސައްކަތް ކުރަން ޗައިނާއަށް ހިތްވަރުދެން،" މާލިކީ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ބެއިޖިން އިން ފަލަސްތީނު މީހުންނާ އާއްމު ގޮތެއްގައި ބާއްވަމުން އަންނަނީ ރަނގަޅު ގުޅުމެކެވެ. ނަމަވެސް މެދު އިރުމަތީގެ ކަންކަމުގައި ޗައިނާގެ ތަޖުރިބާ މަދުވުމުން އެގައުމުން މައްސަލަތަކަށް ވަނުމަކީ ސަރަހައްދުގެ ބައެއް ފަރާތްތަކުން ބިރުގަންނަ ކަމެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫ މިދިޔަ މާޗްމަހު ޗައިނާއަށް ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިން ނަތަންޔާހޫއަށް ވިދާޅުވެފައި ވަނީ ފަލަސްތީނާ އިސްރާއީލުން ސުލްހައިގައި އުޅުމަކީ ދެގައުމަށް ވެސް ފައިދާ ހުރި ގޮތް ކަމަށެވެ.