މޯލްޑިވިއަން އައިޑޮލް

ގަދަ ހައެއް: އެންމެ ފުރިހަމަ ނުވި، ވާދަވެރި!

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ގަދަ ހައެއްގެ ހުށަހެޅުންތައް ރޭ ފެނިގެން ހިނގައްޖެ އެވެ. އެންމެ ފުރިހަމަ ހުށެހުޅުންތަކެއް ބައިވެރިންގެ ފަރާތުން ފެނިގެން ނުދިޔަ ނަމަވެސް ބައިވެރިންގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް އޮތްކަން ރޭގައިވެސް ފާހަގަ ކުރެވެ އެވެ. ކިތަންމެ ވާދަވެރި ނަމަވެސް އިންތިހާއަށް އެއް ބައިވެރިޔަކު އަނެއް ބައިވެރިޔަކަށް އިހުތިރާމްކޮށް ލޯބިވާކަން ވެސް ފެނިގެން ދިޔަ އެވެ.

ރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ ތީމަކަށް "ދިވެހި ރާއްޖެ" ނަގައިގެނެވެ. ހުރިހާ ލަވައެއްގައި ވެސް އަޑުއިވިގެން ދިޔައީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ އެވެ. ޖަޖުން ވެސް ވަނީ ރާއްޖޭގެ ރީތިކަން ސިފަކޮށް ރޭ އެކުގައި ލަވަ ކިޔައިދީފަ އެވެ.

"މާސިންގާ ކަނޑުތެރޭން" ލަވަޔާއެކު ރޭ ޝޯ ފަށައިދިނީ މުހައްމަދު ޝަމްވީލެވެ. އޭނާގެ ލަވައިން ޖަޖުންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ލަވަޔާއެކު ރޭ ނުނެށުމެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކުދި ކުދި ތަންތަން ކޮޅު ޖަޖުން ފާހަގަކޮށްލައި ދިނެވެ. އެ ލަވަ އަކީ މޭނާ ހައްސާންގެ ލަވަ އެކެވެ. ދެ ވަނަ އަށް ލަވަ ހުށަހަޅައިދިނީ އިބްރާހިމް ވަހީދު (ބޮޑުބެ) އެވެ. ބޮޑުބެ ރޭ ކިޔާފައިވަނީ ރަޝާދުގެ "މީ ދުނިޔޭގެ އެންމެ ޗާލު" މި ލަވަ އެވެ. ބޮޑުބެގެ ލަވައަށް މާ ގިނަ ޕޮޒިޓިވް ކޮމެންޓްތަކެއް ނުލިބުނެވެ. މާބޮޑު ނުރުހުންތެރިކަމެއް ވެސް ޖަޖުންގެ ފަރާތަކުން ނުފެނުނެވެ.

ތިން ވަނަ އަށް ލަވަ ހުށަހަޅައިދިނީ އަހްމަދު ނަބީލް އެވެ. އޭނާ ހުށަހަޅައިދީފައިވަނީ ފެންތަށި ހަލީލްގެ "ރީތި ރާއްޖެ ވައިފެން މީ" މި ލަވަ އެވެ. ނަބީލް އަށްވެސް ރޭ ޖަޖުން ވަނީ ރަނގަޅު ކޮށްލަން ޖެހޭ ކުދި ކުދި ތަންތަން ކޮޅު ބުނެދީފައިވެ އެވެ. "މި ރާއްޖޭގެ ސާފު ވައި ލިބި" އަބްދުﷲ ހިޝާން ހުށަހަޅައިދިން އިރު އެއީ ހިޝާން އަށް ކިއޭ ވަރަށް ވުރެ ބޮޑު ލަވައެއްކަން ހުރިހާ ޖަޖުން ވެސް ފާހަގަ ކުރި އެވެ. ޖަޖު، ކުޑަ އިއްބެ ވަނީ އެ ނޫން ލަަވައެއް ހިޝާން ނަގަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.

ހަމޫދު އަހުމަދު ރޭ ހުށަހަޅައިދިނީ މޫޝާންގެ "ރަންނަމާރި" އެވެ. ތިން ޖަޖުންގެ ސްޓޭންޑިން އޮވޭޝަން ހަމޫދަށް ރޭ ލިބުނެވެ. ޖަޖުންގެ ފަރާތުން ސްޓޭންޑިން އޮވޭޝަން ރޭ ލިބުނު ހަމައެކަނި ބައިވެރިޔަކީ ހަމޫދު އެވެ. މުހައްމަދު ތަސްނީމް (ބޮބް) ރޭ ހުށަހަަޅައިދިނީ "ކުދި ޖަޒީރާ" މި ލަވަ އެވެ. އެންމެ ފުރިހަމައަށް ލަވަ ފެށިގެން މެދަކާ ހަމައިންނާއި ނިމެން އުޅެނިކޮށް ބޮބްގެ ލަވަ ހަޑިކޮށްލެވެ އެވެ. ބެލެވޭ ގޮތުގައި ބޮބް އަށް އޮޅުނީ އެވެ. އެކަމުގެ ސަބަބުން ނެގަޓިވް ކޮމެންޓަތަކެއް ވެސް ބޮބް އަށް ލިބުނެވެ.

ބައިވެރިންގެ ރޭގެ ހުށަހެޅުންތައް އެންމެ ފުރިހަމަ ނުވުމުގެ ސަބަބުން ބައިވެރިންނަށް ޖަޖު އައްފާން އަދި އިއްބެގެ ހިންހަމަ ނުޖެހުމާއި ރުޅި އާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އުނޫޝާ ވަނީ ކުދިންނަށް ހިތްވަރު ދިނުމާއި ކުދިން ކުރި މަސައްކަތް ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ސަބަބުގެ ތިން ޖަޖުންގެ މެދުގައި ދެބަސްވުންތަކެއް ހިނގައި އައްފާން ވަނީ ޝޯ ދޫކޮށް ގޮސްފަ އެވެ.

ކިތަންމެ ހޫނުކޮށް ރޭގެ ޝޯ ނިމުނު ނަމަވެސް ޖަޖުން ބައިވެރިންނަށް މާކްސް ދީފި އެވެ. މިއީ ބެލުންތެރިންގެ ފަހަރެވެ. ބެލުންތެރިން ބައިވެރިންގެ ހުށަހެޅުންތައް ޖަޖުކޮށް އެސްއެމްއެސް ކުރަމުން ގެންދާށެވެ. މިއަދު މެންދުރު ފަހު ތިނެއް ޖެހުމާއި ހަމައަށް އެ ފުރުސަތު އެބަ އޮތެވެ.