މޯލްޑިވިއަން އައިޑޮލް

މިރޭގެ ޝޯއިން އައްފާން ފެންނާނެތަ؟ ނޫންތަ؟

މޯލްޑިވިއަން އައިޑޮލްގެ ގަދަ ހަޔަކާއި ހަމައަށް އަންނަ އިރު ބެލުންތެރިންގެ އިތުރުން ޖަޖުންގެ ކުދިންގެ ހުށަހެޅުންތައް ވީހާވެސް ފުރިހަމަވާން އުންމީދު ކުރާނެ އެވެ. އެ އުންމީދާ ހިސާބަށް ބައިވެރިންނަށް ނުދެވިއްޖެ ނަމަ އެކަމާ ހިތްހަމަ ނުޖެހި ދެރަވެސް ވާނެ އެވެ. ރޭގެ ޝޯއިން ފެނިގެން ދިޔައީ އެ މަންޒަރެވެ. އުންމީދު ކުރި ހިސާބަށް ބައިވެރިންނަށް ނާދެވުމުން ޖަޖު އިސްމާއީލް އައްފާނަށް ކެތް ނުވެގެން ޝޯ ދޫކޮށްލާފައި ނުކުމެގެން ދިޔައީ އެވެ.

"މިހާ ހިސާބަށް އަންނައިރު މިއަށްވުރެ މާ ސަޅިވާން ޖެހޭނެ، އެ އެއްޗެއް އަހަންނަކަށް ނުފެނޭ،" އައްފާންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ހިސާބަކީ މިއީ އެވެ. ބައިވެރިންވެސް އެކަން ގަބޫލުކުރެ އެވެ. ޝޯ ދޫކޮށްލާފައި އައްފާން ނުކުމެގެން ދިއުމަކީ އެންމެ ރަނގަޅު ނިންމުމެއްކަން ބައިވެރިންވެސް ގަބޫލުކުރެ އެވެ.

"ވަރަށް ބިރުގަތް އައްފާން ސާ ރުޅި އައިސްގެން ނުކުމެގެން ދިޔައީމަ. ގަބޫލު ކުރަން އައްފާން ސާ ހިތްހަމަ ޖެހޭ ވަރުގެ ޕާފޯމެންސް އެއް ނުދެވުނީމަކަން ނުކުމެގެން ދިޔައީ،" ރީތި ލަވަތަކެއް މީގެ ކުރިން ވެސް ހުށަހަޅައިދިން އިބްރާހިމް ވަހީދު (ބޮޑުބެ) ބުންޏެވެ. ހުރިހާ ކުދިންގެ ހިޔާލުވެސް ހުރީ މިހެންނެވެ. ހުރިހާ ކުދިންނާ ވާހަކަ ދައްކާލުމުންވެސް ލިބުނީ އެއް ޖަވާބެކެވެ.

އެންމެ ފުރިހަމަ ހުށަހެޅުމެއް ނުދެއްކުމުގެ ސަބަބުން އައްފާން ނުކުމެގެން ދިއުމުން ހުރިހާ ކުދިންވެސް ދެރަވި އެވެ. އެކަމާ ވަރަށް ލަދުވެސް ގަތެވެ. ކުރިއަށް އޮތް ޝޯ ތަކުގައި ޖަޖުން އުފާވާނެ ފެންވަރުގެ ހުށަހެޅުންތަކެއް ގެނެސްދިނުމަށް ބައިވެރިން މިހާރު ތިބީ އަޒުމް ކަނޑައަޅައިގެންނެވެ.

"ރޭ ދެއްކުނު ޕާފޯމަންސް އަކީ ޓޮޕް ސިކްސް އެއްގެ ޕާފޯމަންސް އެއް ނޫން. އެއީ ޓޮޕް 16 އެއްގެ ޕާފޯމަންސް. އެހެންވީމަ ޖަޖުންގެ ހިތްހަމަ ނުޖެހުން ވޯތު ހަމަ." މުހައްމަދު ތަސްނީމް (ބޮބް) ގެ ހިޔާލަކީ މިއީ އެވެ.

މިހާރު ބައިވެރިން ކުރަމުންދާ މަސައްކަތަކީ ކުރިއަށް އޮތް ޝޯތަކުގައި ޖަޖުން އުފާވާ ވަރުގެ ހުށަހެޅުންތަކެއް ގެނެސްދިނުމުގެ މަސައްކަތެވެ.

"ވަރަށް ދެރަވި އައްފާން ސާ ނުކުމެގެން ދިޔައީމަ. އެކަމަކު އަންޑަސްޓޭންޑްވޭ އޭތި. މިހާރު އެހެންވެ ހުރިހާ ކުދިން އެއްތަންވެ ނިންމާފައިވަނީ ދެން އަންނަ ޝޯތަކުގައި ދެ ގުނަ ރަނގަޅު ޕާފޯމަންސް ތަކެއް ދައްކަން." ހަމޫދު އަހްމަދު ބުންޏެވެ.

އަހްމަދު ނަބީލް، އަބްދުﷲ ހިޝާން އަދި ޝަމްވީލް މުހައްމަދުގެ ހިޔާލުވެސް މި ބައިވެރިންނާ އެއް ގޮތެވެ. އައްފާން އަނބުރާ ޝޯއަށް ގެންނަން ބޭނުންވެ އެވެ. އެކަމަށް ބައިވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ކުރިއަށް އޮތް ޝޯތަކުގެ ހުށަހެޅުންތައް މިހާރަށްވުރެ ފުރިހަމަ ކުރަން މަސައްކަތް ކުރުމެވެ.

އައްފާން މިރޭގެ އެލިމިނޭޝަން ޝޯއިން އަދި ކުރިއަށް އޮތް ޝޯތަކުން ފެނުމަށް ބައިވެރިން ބޭނުންވެ އެވެ. އައްފާން އާއި ނުލާ އެ ޝޯ އެންމެ ފުރިހަމ ނުވާނެ ކަަމަށް ބައިވެރިން ބުންޏެވެ. އެކަމަކު ބައިވެރިން އަދި ބެލުންތެރިންނަށް ވެސް މިވަގުތަށް ދޭނެ އުފާވެރި ހަބަރެއް ނެތެވެ. އެންމެންވެސް ތިބީ ސުވާލު ތަކެއްގެ ތެރޭގަ އެވެ. އައްފާން އެނބުރި ޝޯއަށް އަންނާނެ ހެއްޔެވެ؟ ނުވަތަ ނާންނާނެ ހެއްޔެވެ؟ އެކަން އަދި އޮތީ ހަމަ ސުވާލެއްގެ ތެރޭގަ އެވެ.