ދުނިޔެ

ލަންކާގައި ބިޔަ ކުނި ފުންޏެއް ފުރޮޅާލައި 10 މީހުން މަރުވެއްޖެ

Apr 15, 2017

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ މީތޮޓަމުއްލާގައި ހުރި ބޮޑު ކުނިފުންޏެއްގައި އަލިފާންރޯވެ، ކުނިތައް އަލިފާނާއެކު ފުރޮޅައިލުމުގެ ސަބަބުން 10 މީހުންް މަރުވެއްޖެ އެވެ.

ލަންކާ އޮފިޝަލުންނާ ހަވާލާދީ ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަ ކުދިން ވެސް ހިމެނޭ ކަމަށާއި ހާދިސާގެ ސަބަބުން 180 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ. އިއްޔެ ހިނގި އެހާދިސާގައި 50 އާއި 10 އާ ދެމެދުގެ އަދަދެއްގެ ގެތައް ވަޅުލެވިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ފުރަތަމަ ރިޕޯޓް ކުރި އެވެ. ނަމަވެސް ވަޅުލެވުނީ ކިތައް ގެތައް ކަމެއް ރަސްމީކޮށް އަދި ކަށަވަރެއް ނުކުރެވެއެވެ.

ކުނި ފުނީގައި ރޯވެފައިވާ އަލިފާން ނިއްވަން ލަންކާގެ ވައިގެ ސިފައިން ގެންދަނީ ހެލިކޮޕްޓަރުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި މީހުން ހޯދައި ސަލާމަތް ކުރަން 400 ވަރަކަށް ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވެ އެވެ. ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.

މީތޮޓަމުއްލާގެ ބޮޑު ކުނި ފުނި ފުރޮޅާލާފައި މިވަނީ އެ ކުނި ފުނި ހުރިތަނުން ނަގައި ދިނުމަށް ގޮވާލައި އެ ސަރަހައްދުގެ މީހުން މުޒާހަރާކުރާތާ އެތައް މަސްތަކެއްވީ ފަހުންނެވެ.

ފުރޮޅައިލި ކުނުފުނީގައި 23 މިލިޔަން ޓަނުގެ ކުނި ހުންނާނެ ކަަމަށް ލަފާކުރެވެ އެވެ. އެކުނި ފުންޏަށް ދުވާލަކު 800 ޓަނުގެ ކުނި އަޅައެވެ. އެ ކުނި ފުނީގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބުނެ ލަންކާ ޕާލަމެންޓްގައި ދާދިފަހުން ބަހުސް ވެސް ކޮށްފައި ވެއެވެ.