ދުނިޔެ

ބޮޑު ބޮން ވައްޓައިލުން ކަރުޒާއީ ކުށްވެރި ކުރައްވައިފި

Apr 15, 2017

ނިއުކްލިއަ ހަތިޔާރުތައް ފިޔަވައި އެމެރިކާއިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ބޮން، ޖީބީޔޫ-43/ބީ މެސިވް އޯޑިނެންސް އެއާ ބްލާސްޓް (މޯބް) އަފްޣާނިސްތާނުގައި ބޭނުންކުރި ކުރުން އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ކުށްވެރި ކުރައްވައިފި އެވެ.

ހާމިދު ކަރުޒާއީ އިއްޔެ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ އެމެރިކާއިން އެ ބޮން އަފްޣާނިސްތާނަށް ވައްޓައިލި ވައްޓައިލުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ އެމެރިކާއިން އުފައްދާ ނުރައްކާތެރި ހަތިޔާރުތައް ޓެސްޓް ކުރާ ތަނަކަށް އަފްޣާނިސްތާނުގެ ބިން ހެދުން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

"... މިއީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން. އެކަމަކު މިއީ އިންސާނިއްޔަތު ކަމެއް ނެތި، އަނިޔާވެރި ގޮތުގައި ނުރައްކާތެރި ފަހުގެ ހަތިޔާރު ޓެސްޓް ކުރާ ތަނެއްގެ ގޮތު، ނަހަމަ ގޮތުގައި އަހަރެމެންގެ ގައުމު ބޭނުން ކުރުން،" ކަރުޒާއީ ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައި ވެއެވެ. އެމެރިކާ ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ކުރަން ތިބީ އަފްޣާނިސްތާނުގެ ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޮން ތަކުގެ މަންމަ" ގެ ގޮތުގައި އެމެރިކާއިން ސިފަކުރާ އެ ބޮން ބޭނުންކުރުމާ މެދު ކަރުޒާއީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު އެމެރިކާއިން ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ ރަނގަޅު ވަގުތުގައި ރަނގަޅަށް ކަމަށެވެ. އަފްޣާނިސްތާނުގައި ތިބޭ އެމެރިކާގެ ލަޝްކަރުތަކުގެ ކޮމާންޑަރު ޖޯން ނިކޮލްސަން އިއްޔެ ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ އެ ހަތިޔާރު ބޭނުންކުރީ ރޭވުންތެރިކަމާ އެކު ކަމަށާއި އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައެއް ކަމަށެވެ. އަފްޣާނިސްތާނުގެ ދިފާއީ އޮފިޝަލުން ވިދާޅުވެފައި ވަނީ އެ ހަމަލާގައި އައިއެސް ހަނގުރާމަވެރިންގެ ތެރެއިން 36 މީހުން މަރުވި ކަމަށާއި އާއްމުންގެ މީހަކު މަރުނުވާ ކަމަށެވެ.

އިރާގު ހަނގުރާމައިގެ ދުވަސްވަރު އުފެއްދި މޯބް އަކީ ދިގުމިނުގައި 30 ފޫޓް، ބުރަދަނުގައި 10300 ކިލޯ ހުންނަ ބޮމެކެވެ. އެބޮމުގެ ގޮވުމުގެ ބާރުމިނަކީ 11 ޓަން ޓީއެންޓީއެވެ. އެމެރިކާއިން އެ ބޮން އެންމެ ފުރަތަމަ ޓެސްޓް ކުރީ 2003 ވަނަ އަހަރު އެވެ