ދުނިޔެ

ނިއުކްލިއަ ހަމަލާއެއް ދޭން އުތުރުކޮރެއާ ތައްޔާރު

Apr 15, 2017
1

ރުޅިއެރުވުމުގެ ހަރަކާތްތައް އެމެރިކާ ކުރިއަށް ގެންދާ ނަމަ ނިއުކްލިއަ ހަމަލާއެއްދޭން ތައްޔާރަށް އޮތް ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާއިން މިހެން ބުނީ އެގައުމުގެ ބާނީ ކިމް އިލްސަންގެ 105 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުތައް ކުރިއަށް ދަނިކޮށެވެ. ކިމްގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ހިނގައިލުމުގައި ގިނަ އަދަދެއްގެ ސިފައިންނާއި ޓޭންކްތަކާއި އެހެނިހެން ބަރު ހަތިޔާރުތައް ދައްކާލި އެވެ. އެއީ އެގައުމުގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ދުނިޔެއަށް ދައްކައިލުމަށެވެ.

ކިމްގެ އުފަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުތައް ކަވާ ކުރުމަށް ބައިނަލް އަގުވާމީ ނޫސްވެރިންނަށް މިފަހަރު ދައުވަތު ދިނެވެ. އެމެރިކާގެ ސީއެންއެން އަށް އެ ރަސްމިއްޔާތުތައް ލައިވްކޮށް ދެއްކުމުގެ ފުރުސަތު ވެސް މިފަހަރު ވަނީ ދީފަ އެވެ.

"އެއްވެސް ނިއުކްލިއަ ހަމަލާއެއް ދީފި ނަމަ އަހަރެމެންގެ ސްޓައިލްގައި ނިއުކްލިއަ ހަމަލާއެއްދޭން މިތިބީ ތައްޔާރަށް،" އުތުރު ކޮރެއާގެ އަސްކަރީ އޮފިޝަލެއް ކަމަށްވާ ޗޯއީ ރްޔޮން ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

އުތުރު ކޮރެއާއިން މިއަދުގެ ހިނގައިލުމުގައި އަލަށް ދައްކައިލި ހަތިޔާރަކީ ސަބްމެރިން އިން ފޮނުވާލާ ވައްތަރުގެ ބެލިސްޓިކް މިސައިލެވެ. އެއީ ނިއުކްލިއަ ވޯހެޑް އުފުލޭ ގޮތަށް ތަރަައްގީ ކުރެވިދާނެ މިސައިލެކެވެ. އުތުރު ކޮރެއާއިން އަނެއްކާވެސް ނިއުކްލިއަ ޓެސްޓެއް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް މިއަދު ބޭއްވި ހިނގައިލުމަކީ އަސްކަރީ ގާބިލުކަން ދައްކަވައިލެއްވުމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން އުން އަށް ލިބިވަޑައިގެންނެވި ފުރުސަތެކެވެ.

އެމެރިކާގެ މަނަވަރު ތަކުގެ ފްލީޓެއް ކޮރެއާ ސަރަހައްދަށް ފޮނުވުމާއި އެ ދެ ގައުމުގެ ޒުވާބު ހޫނުވަމުންދާތީ ކޮންމެ ހިނދެއްގައި ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ޗައިނާއިން ވަނީ ފާޅުކޮށްފަ އެވެ. ޗައިނާއަކީ އުތުރު ކޮރެއާއާ ގުޅުން އޮންނަ، ބާރުގަދަ ހަމަ އެކަނި ގައުމެވެ. އުތުރު ކޮރެއާ ހުއްޓުވުމަށް ޗައިނާއިން ވަނީ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ. އެގޮތުން އެ ގައުމުން ބޯޓް ދެލި ގަތުން ޗައިނާއިން ވަނީ ވަގުތީ ގޮތުން ހުއްޓައިލާފަ އެވެ. އަދި މިހިނގާ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުތައް ހުއްޓައިލަން ޗައިނާއިން ވަނީ ނިންމާފަ އެވެ.

ހަނގުރާމައެއްގެ ބިރުވެރިކަން ޗައިނާއިން ފާޅުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މައްސަލަތައް ހައްލު ކުރުމަށް ފަސޭހައިން އަސްކަރީ ވަރުގަދަ ފިޔަވަޅުތައް އަޅުއްވާ ބޭފުޅެއްކަން ސާބިތުވާން ފެށުމުން ކަމަށް ބެލެވެއެވެ. ޓްރަމްޕް އެގޮތުން އެޅުއްވި ފުރަތަމަ ފިޔަވަޅަކީ ސޫރިޔާގެ ރައީސް އަސަދާ ދެކޮޅަށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާ އެވެ. އަދި އޭގެ ދެވަނަ ފިޔަވަޅެއް އެމެރިކާއިން އިއްޔެ ވަނީ އަޅާފަ އެވެ. އެއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ ކޮށާރުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރުތަކުގެ ތެރެއިން ހަތިޔާރެއް ބޭނުން ކުރުމެވެ.

ޖީބީޔޫ-43/ބީ މެސިވް އޯޑިނެންސް އެއާ ބްލާސްޓް (މޯބް) ނަމަކަށް ކިޔާ އެ ބޮން އެމެރިކާއިން އިއްޔެ ވަނީ އައިއެސް މީހުން އުޅޭ ހޮހަޅަތަކަކަށް އަޅާފަ އެވެ. މިއީ އެމެރިކާއިން އެހަތިޔާރު ބޭނުންކުރި ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން އުތުރު ކޮރެއާއިން ބުނެފައި ވަނީ އެގައުމާ ދެކޮަޅަށް ހަމަލާއެއް ދީފި ނަމަ "ރަޙުމު ކުޑަ ގޮތަކަށް" ބަދަލު ހިފާނެ ކަމަށެވެ. އުތުރު ކޮރެއާއިން ނިއުކްލިއަ ޓެސްޓެއް ކުރުމަކީ މިހާރު އެ ގައުމުގެ ބަސްމަގު ހުރި ގޮތުން، ކޮށްފާނެ ކަމަށް ބެލެވޭ ކަމެކެވެ. އެފަދަ ޓެސްޓެއް ކޮށްފި ނަމަ އެމެރިކާއިން އެގައުމަށް ހަމަލާދިނުން ގާތެވެ.

މަޝްރަހު މިހާ ބޮޑަށް ގޯސް ވުމުން ޗައިނާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން އުތުރުކޮރެއާ އާ ޗައިނާއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް 150000 ސިފައިން ވަނީ ފޮނުވާފަ އެވެ.